ads
ޗައިނާއާ ކުރިމަތިލާނެ ބާރެއްގެ ގޮތުގައި އިންޑިއާ
ޗައިނާ މުސްތަގިއްލު ގައުމެއްގެ ގޮތުގައި، 1949ގައި ޗެއާމަން މާއޯ އިއުލާނު ކުރެއްވިތާ ބަރާބަރު ދިހަ ދުވަސްފަހުން އިންޑިއާގެ ބޮޑު ވަޒީރު ޖަވާހަރް ލާލް ނެހްރޫ ތިން ހަފްތާގެ ދަތުރުފުޅެއްގައި ވޮޝިންޓަނަށް ވަޑައިގަތެވެ. މި މުނާސަބާގައި އެމެރިކާގެ ޓައިމް މަޖައްލާއިން ބުނެފައިވަނީ މިއީ ގަރުނުގެ އެންމެ މުހިންމު ފުރަނާމަ ދަތުރުފުޅު ކަމުގައެވެ.
Advertisement

އިންޑިއާއަށް އިނގިރޭސިންގެ އިސްތިއުމާރު ހިންގި ދުވަސްވަރުނަމަ މިފަދަ ވާހަކައެއް ހިޔާލަކަށްވެސް ނާންނާނެއެވެ. ނަމަވެސް ބެއިޖިން ކޮމިއުނިސްޓުންގެ އަތްދަށަށް ދިއުމުން ކުއްލިއަކަށް އިންޑިއާ ވަރަށް މުހިންމު ގައުމަކަށްވެއްޖެއެވެ. ނިއުޔޯކް ޓައިމްސްއިން ސިފަ ކުރިގޮތުގައި މިއީ ޗައިނާގެ ބާރާ ހަމަކުރުމަށް ކުރެވޭ މަސައްކަތެކެވެ. އެމެރިކާގެ ވެރިން އިންޑިއާއަށް ގާތްކަން ދެމެހެއްޓުމަށް ހުށަހެޅުންތައް ހުށަހެޅިއެވެ. އެހެންނަމަވެސް އިންޑިއާއިން ވަކިފަރާތަކަށް ނުޖެހޭ ސިޔާސަތު ގެންގުޅުމާއި އަދި ޗައިނާގެ ކޮމިއުނިސްޓު ވެރިކަން އިންޑިއާއިން ގަބޫލުކުރުމުގެ ސަބަބުން އިންޑިއާއާއި އެމެރިކާއާ ދެމެދު ފުރިހަމަ އެއްބައިވަންތަކަމެއް ދެމެހެއްޓިފައެއް ނުވެއެވެ. 

ފަސްމަންޒަރު:

މިހާރު 70 އަހަރު ފަހުން އަނެއްކާވެސް ޗައިނާގެ އިތުރުވަމުން އަންނަ ބާރާ ކުރިމަތިލުމަށް އޮތް އިހުތިޔާރަކީ އިންޑިއާކަމަށް މިވަނީ ވެފައެވެ. އެމެރިކާގެ ރައީސް ޓްރަމްޕް އިންޑިއާއަށް ފެންބުރުއަރީ 24ގައި ކުރެއްވި ދަތުރުފުޅުގައި ޗައިނާގެ ނަން ހާމައެއް ނުކުރައްވައެވެ. ނަމަވެސް ޓްރަމްޕް ވިދާޅުވީ، ބައެއް ގައުމުތަކުން އޮޅުވާލައިގެންނާއި ބިރުދައްކައިގެންނާއި، ބާރުގަދަ ގޮތްގޮތަށް އުޅޭކަމުގައެވެ. މިވާހަކަފުޅުން ސާފުކޮށް އެނގިގެންދަނީ، އެމެރިކާއާއި އިންޑިއާގެ ގުޅުމަށް ޗައިނާގެ ހާލަތުން ކުރާ އަސަރެވެ. 

އިންޑިއާގެ މިނިވަންކަމަށްފަހު އިންޑިއާ ކޮންމެ ހިނދެއްގައިވެސް ފެންނަނީ، އެމެރިކާއާ ގުޅޭތަނެވެ. ފިނި ހަނގުރާމައިގެ ތެރޭގައި އިންޑިއާއިން ވަކި ފަރާތަކަށް ނުޖެހޭ ސިޔާސަތު ގެންގުޅުނުއިރުވެސް އެމެރިކާއިން އިންޑިއާއަށް އިގްތިސާދީ އެހީތެރިކަން ދިނެވެ. އެމެރިކާއިން އެއިރު ބުނީ އިންޑިޔާ ތިޔާގިވުމުން ޑިމޮކްރެސީއާއި ތަރައްގީ އެކުއެކީގައި އުޅެވިދާނެކަން ޗައިނާއަށް ސާބިތުކޮށްދެވޭނެކަމުގައެވެ. 

1950ގެ އަހަރުގެ ތެރޭގައި ބެއިޖިންއިން ގެންގުޅުނީ އިންޑިއާއާ ވަރަށްވެސް ދެކޮޅުވެރި ސިޔާސަތެކެވެ. އެއިރު އެމެރިކާއާއި އިންޑިއާއިން އިގްތިސާދީ ގޮތުންނާއި އަސްކަރީ ގޮތުން ގުޅުން ބަދަހި ކުރިއެވެ. 1959 ގައި އިންޑިއާ ޗައިނާގެ ބޯޑަރުގައި ހަމަލާތައް ބަދަލުކުރުމާއި، ޓިބެޓްގައި ހަމަނުޖެހުން ހިނގުމުން އިންޑިއާގެ ވެރިން މިކަންކަމާމެދު ނުތަނަވަސްވިއެވެ. މިހަމަނުޖެހުންތައް ބަދަލުވެގެން ދިޔައީ، 1962ގެ ޗައިނާ އިންޑިއާ ހަނގުރާމައާ ދިމާލަށެވެ. އެއިރުވެސް ޖޯން އެފް ކެނެޑީގެ ސަރުކާރުން އިންޑިއާއަށް އަސްކަރީ އެހީތެރިކަން ދިނެވެ. ޖެހިގެން އައި އަހަރު ނެހްރޫ ސަރުކާރާއެކު ކެނެޑީ ސަރުކާރުން ސޮއިކުރީ ވައިގެ ދިފާއާ ގުޅޭ އެއްބަސްވުމަކާއި، އަސްކަރީ ތަމްރީންތައް ބޭއްވުމާއި ހަތިޔާރު ވިއްކުމުގެ އެއްބަސްވުމެކެވެ. އަދި ޗައިނާގެ ހަމަލާތަކުން އިންޑިއާ ދިފާއުކުރުމުގެ އެއްބަސްވުމެކެވެ. 

މި ވަރުންވެސް ދެ ގައުމުގެ ދެމެދުގެ ދެބަސްވުން ތަކަކަށް ނިމުމެއްނަ އެވެ. އަދި އެމެރިކާއަށް ފުރިހަމައަށް ބަރޯސާ ނުކުރާންވެގެން އިންޑިއާއިން މޮސްކޯއާވެސް ގުޅުނެވެ. އެމެރިކާއިންވެސް ދިޔައީ ކޮމިއުނިޒަމްއާ ދެކޮޅަށް ގަދައަޅައި މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް ކަންކަން ބަދަލުވެގެން ދިޔައީ އެމެރިކާގެ ރައީސް ރިޗާޑް ނިކްސަން، ޗައިނާ ރުއްސައި ސުލްހައާ ދިމާލަށް ދިއުމުންނެވެ. ފަހުގެ އަހަރުތަކުގައި އިންޑިއާ ވެގެން ދިޔައީ ކޮމިއުނިސްޓް ރޫސީވިލާތުގެ ފަލަކުގައި އެނބުރޭ ގައުމަކަށެވެ. އަދި ޕާކިސްތާނާ އެމެރިކާ ގާތްވުމުން ނިއުދިއްލީއާ ވޮޝިންޓަން ދެމެދުގެ ގުޅުން އިތުރަށް ހީނަރު ވެގެން ދިޔައެވެ. 

ފިނިހަނގުރާމަ އަށްފަހު:

ފިނި ހަނގުރާމަ ނިމިގެން އަދި އެއަށްފަހު އިންޑިއާއިން އިގްތިސާދު ހުޅުވާލުމުގެ ސަބަބުން ދެގައުމުން 1990ގައި ގާތްވާން ފެއްޓިއެވެ. އަދި 2000 ވަނަ އަހަރު ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރަން ފެށުމުން ދެގައުމުގެ މަސްލަހަތު އެއްބަޔަކު އަނެއްބަޔަކާ ގުޅި ލާމެހުނެވެ. 

މިހިނދު އެމެރިކާއާއި ޕާކިސްތާން އޮތީ ބައިވެރިންގެ ގޮތުގައެވެ. އަދި އެމެރިކާ ޕާކިސްތާނާއެކު ކޮންމެވެސް ވަރެއްގެ ދުރުމިނެއްވެސް ދެމެހެއްޓިއެވެ. އަދި މަސްލަހަތު އެއްގޮތްވާ ހިނދު އިންޑިއާއެކު ބައިވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވިއެވެ. 

މިއަދުގެ ހާލަތު:

މިއަދު ޗައިނާގެ ހަންފެތުރުމުގެ ސިޔާސަތުން އެމެރިކާގެ ސިޔާސަތު ބަދަލުކުރަން މިވަނީ ޖެހިފައެވެ. ޗައިނާއިން މިވަނީ ބެލްޓް އެންޑް ރޯޑް މަޝްރޫއުތަކާއެކު ގައުމުތައް ބަނދެލައި ޗައިނާގެ ވަށައިގެންވާ ތަންތަން ޗައިނާގެ މަސްލަހަތާ ބަނދެލާފައެވެ. ޗައިނާއިން ވަނީ އިންޑިއާ ކަނޑަށް އަތް ގަދަކޮށްފައެވެ. ގަލްފް އޮފް އަދަންގެ ކަނޑު އޮޅީގައި ޖިބޫޓީގައި އަސްކަރީ މަރުކަޒެއް ހަދާފައެވެ. އިންޑިއާ ކަނޑުގެ މެދުތެރޭގައި ދިވެހިރާއްޖެއާއި ސްރީލަންކާގައި އިންވެސްޓްމެންޓްތައް ގާއިމްކޮށްފައެވެ. 

އިންޑިއާއާއި ޗައިނާއަކީ ގިނަ އަދަދަކަށް ތެލަށް ބަރޯސާކުރާ ދެގައުމުކަމުން ދެ ގައުމަށްވެސް ތެޔޮ އުފުލަނީ އިންޑިއާ ކަނޑުމެދުވެރިކޮށެވެ. އިންޑިއާ ކަނޑު ކޮންޓްރޯލުކޮށް، އިންޑިއާ ކަނޑުގެ ބަނދަރުތައް ކޮންޓްރޯލު ކުރުން މުހިންމެވެ. އަދި އެއްގަމުގައިވެސް ދެގައުމުގެ ދެމެދު ބިމުގެ މައްސަލަތައް އެބައޮތެވެ. 2017 ވަނަ އަހަރު ބޫޓާންގެ ސަރަހައްދު މަތީ ޑޯކްލަމްގައި ޗައިނާއިން މަގެއް ހެދުމަށް މަސައްކަތް ކުރިއެވެ. ދެ މަސްދުވަސް ވަންދެން އިންޑިއާއި ޗައިނާއިން އަސްކަރީ ކުރިމަތިލުމަކަށް ފަހިކޮށްގެން ތިއްބެވެ. 

ޓްރަމްޕް މޮދީގެ މަޝްވަރާތައް:

ފެބްރުއަރީގައި މޮދީއާއި ޓްރަމްޕްގެ ދެމެދު ބާއްވާފައިވާ މަޝްވަރާތައް ބާއްވާފައިވަނީ މިކަންތައްތަކުގެ އަލީގައެވެ. ދެފަރާތުން އިއުލާންކޮށްފައިވަނީ، އަސްކަރީ ގޮތުން ގުޅުން ބަދަހި ކުރާށެވެ. އަދި އިންޑިއާއަށް ތިން ބިލިއަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ވިއްކާށެވެ. އިންޑިއާގެ ސިފައިން ބަރޯސާކުރަނީ ރަޝިޔާގައި އުފައްދާފައިވާ ހަތިޔާރަށެވެ. ނަމަވެސް އެމެރިކާގެ ހެލިކޮޕްޓަރުތައް އިންޑިއާއަށް ވިއްކުމަށް އެއްބަސްވުމުން އިންޑިއާ އަނބުރާލުމުގެ މަސައްކަތެއްކަމަށް ބެލެވެއެވެ. އަދި އެމެރިކާގެ ހައްސާސް އަސްކަރީ މައުލޫމާތު އިންޑިއާއަށް ފޯރުވައިދިނުމަށް އެމެރިކާއިން އެއްބަސްވުމުގެ މަގްސަދަކީ، މޯދީ ސަރުކާރަށް އެމެރިކާއިން އިތުބާރުކުރާ މިންވަރެވެ. އަދި މީގެ ތެރޭގައި ސިނާއީ ގޮތުން ގުޅުން ބަދަހިކުރުންވެސް ހިމެނެއެވެ. މިއިން ސާފުކޮށްފެންނަނީ ޗައިނާއިން ޓެކްނޮލޮޖީގެ ދާއިރާގައި އަތްގަދަކުރަމުންދާ ދިއުމަށް ދެގައުމުން ގުޅިގެން ކުރިމަތިލާން ތައްޔާރަށް ތިބިކަމެވެ. ހުއާވޭގެ 5ޖީ ނެޓްވޯކުން ގައުމުތަކުގެ މުވާސަލާތީ ވިއުގަ ސަލާމަތް ކުރުމަކީ އެމެރިކާއަށާއި އިންޑިއާއަށް މުހިންމު ކަމެކެވެ. 

ޓްރަމްޕް ސަރުކާރުގެ ސިޔާސަތަކީ، އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑު އޮންނަންވާނީ އެމެނަށް ހުޅުވިފައެވެ. އަދި އެމެރިކާއިން ދެކޭ ގޮތުގައި އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑަކީ އެއް ސްޓްރެޓެޖިކް ސަރަހައްދެކެވެ. މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައިވެސް ވައިޓްހައުސްއިން އިންޑިއާގެ ދިފާއީ މަސްއޫލުވެރިންނާއެކު މަތީފެންވަރުގެ މަޝްވަރާތައް ބާއްވާފައި ވެއެވެ. މި މަޝްވަރާތަކުގައި އެމެރިކާއިން ވަނީ ޖަޕާނާއި އޮސްޓްރޭލިއާވެސް ބައިވެރިކޮށްފައެވެ. 

ޗައިނާއިން ވަނީ މިކަންކަން ފާހަގަކޮށްފައެވެ. ޗައިނާއާއި އިންޑިއާގެ ދެމެދުގައި މިއަދުވެސް މައްސަލައަކީ ޑިމޮކްރެސީއާއި ކޮމިއުނިޒަމްގެ ބަހުސެވެ. އިންޑިއާގެ މިނިވަން ޑިމޮކްރެސީގެ ރަނގަޅުކަމަށް އިއުތިރާފްވާކަށް ޗައިނާއިން ބޭނުމެއް ނުވެއެވެ. ޗައިނާއިން ޗައިނާ ރައްޔިތުންނަށް ދައްކައިދޭން ބޭނުންވަނީ އިންޑިއާފަދަ ހުޅަނގުގެ ޑިމޮކްރެޓިކް ނިޒާމެއްގެ ހިޔަލުގައި ތިޔާގިކަމެއް ހާސިލެއް ނުކުރެވޭނެ ކަމަށެވެ. އެހެންވެ ދެގައުމުގެ ދެމެދުގެ ވާދަވެރިކަމަކީ އިގްތިސާދީ މަތިވެރިކަމަށް ކުރެވޭ ވާދައެކެވެ. 

އިންޑިއާއާއި އެމެރިކާގެ ވިޔަފާރި:

މިހުރިހައި ކަމެއްގެ އަލީގައިވެސް އެމެރިކާއާ އިންޑިއާއާ ދެމެދު މަސްލަހަތު ފުށުއަރާ ކަންތައްތަކެއްވެސް އެބަހުއްޓެވެ. ޓްރަމްޕް ވަނީ 2019 ވަނަ އަހަރު އިންޑިއާއަށް އެމެރިކާއިން ދީފައި އޮންނަ ވިޔަފާރީގެ އިމްތިޔާޒުތައް ނިގުޅައިގެންފައެވެ. އިންޑިއާއިން އެތެރެކުރާ ގިނަ އަދަދެއްގެ މުދަލަށް އެމެރިކާއިން މާފްކޮށްފައި އޮތް ޑިއުޓީ އަލުން ނަގަން ފެށުނީއެވެ. އިންޑިއާގެ ދަނގަޑާއި އެލުމިނިއަމްގެ އުފެއްދުންތަކަށް ޑިއުޓީ ނަގަން ފެށުމުން އިންޑިއާގެ ދަގަނޑުގެ އުފެއްދުންތައް އެކްސްޕޯޓް ކުރުން 46 އިންސައްތަ ދަށްވެގެން ދިޔައެވެ. އެމެރިކާއިން ބުނަނީ މިއީ އިންޑިއާއިން އެމެރިކާގެ އުފެއްދުންތަކަށް ބޮޑުކޮށް ޑިއުޓީ ނެގުމުން އިންޑިއާއިން އެޅި ފިޔަވަޅެއްކަމުގައެވެ. 

ދުނިޔޭގެ އެންމެ ބާރަށް ކުރިއަރާ އިގްތިސާދުގެ ގޮތުގައި އިންޑިއާ އޮވެ ޗައިނާ ޖަހާލައި ދެމިގަތް އިރު އިންޑިއާގެ އިގްތިސާދު ތަރައްގީ ވަމުން ދިޔައީ 8 އިންސައްތައިގައެވެ. ނަމަވެސް މިހާރު އިގްތިސާދު ތަރައްގީވުން ވަނީ 11 އަހަރުގެ ތެރޭގައިވެސް ދަށް ނުވާ މިންވަރަށް ދަށްވެފައެވެ. 

މޮދީގެ ސަރުކާރު ވެރިކަމަށް އައީ މިނިވަން އިގްތިސާދެއް ހިންގާނެކަމުގެ ޔަގީންކަމާއެކު ގައެވެ. ބިދޭސި އިންވެސްޓްމެންޓްތައް ހުރި ހުރަސްތައް ނައްތާލިއެވެ. ސަބްސިޑީތައް ކޮންޓްރޯލް ކުރިއެވެ. މުޅި އިންޑިއާ އެއް މާކެޓަކަށް ބަދަލުކޮށްލިއެވެ. 

މޮދީވެސް ބޭނުންވަނީ ރައްޔިތުންގެ ތެރޭގައި މަގްބޫލު ވާފަދަ ސިޔާސަތުތައް ހިންގައި އިންޑިއާ ކުރިއަށް ނަގަހައްޓާށެވެ. ޓްރަމްޕްވެސް މިފަދައެވެ. މޮދީ މަސައްކަތް ކުރައްވަނީ ކުދި ވިޔަފާރިތައް ނަގަހައްޓައި، އުފެއްދުންތެރިކަން އިތުރުކުރާށެވެ. އަދި ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކުރާށެވެ. 

މުސްތަގްބަލެއް އޮތް ގައުމެއް:

އިންޑިއާއަކީ ބާއްޖަވެރި މުސްތަގްބަލެއް އޮތް ގައުމެކެވެ. އިންޑިއާގެ އާބާދީއަށް ބަލާއިރު އަދިވެސް މިއީ ޒުވާން އާބާދީއެކެވެ. އަދި މުސްތަގްބަލުގައި ވަޒީފާއަދާ ކުރާ މީހުންނަށް ބަރޯސާ ކުރާ ނިސްބަތްވެސް އުޅޭނީ މަދުކޮށެވެ. ޗައިނާގެ އާބާދީގެ 63 އިންސައްތަ، 2050ގައި އުޅޭނީ އުފެންދުންތެރި ޖީލަށް ބަރޯސާ ކުރާ މުސްކުޅިންގެ ގޮތުގައެވެ. އަދި އިންޑިއާގައި މި ފައްތަރުގައި މިއަދަދު އުޅޭނީ 47 ގައެވެ. ނަމަވެސް މި ވަގުތު ޗައިނާގައި އޮތްފަދަ ޒަމާނީ އިންފްރާސްޓްރަކްޗާއެއް އިންޑިއާއަކު ނެތެވެ. 

ޗައިނާއިން ދައްކާ ފައިސާގެ ދަޅައާއި ބާރުދެއްކުމަށް ކުރިމަތި ލެވެން އޮތީ އެމެރިކާއާއި އިންޑިއާގެ ރަހުމަތްތެރިކަން ބަދަހިކޮށްގެންނެވެ. އަދި މިއީ ކުރިއަށް ދުވަސްތަކުގައި ވާނެ ކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް