![](https://cnm.mv/media/images/taxi.jpg)
ސަރުކާރުން ޓެކްސީ ފްލީޓެއް ހެދުމަށް ނިންމި ނިންމުމާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް އަވަސް އެޕުން ވަނީ ބަޔާނެއް ނެރެފައެވެ.
އެ ބަޔާނުގައި ބުނީ ޓެކްސީ ޑްރައިވަރުންނާއި އެ ދާއިރާގައި މަސައްކަތް ކުރަމުންދާ އެންމެހާ ފަރާތްތަކުގެ ކަންބޮޑުވުން އެއް ފަރާތްކޮށް ޓެކްސީ ޕްލީޓެއް ފަށަން ސަރުކާރުން ނިންމި ނިންމުމަކީ ޓެކްސީ ކުރުމުގެ ދާއިރާގައި އުޅޭ މީހުންގެ އާއިލާތަކުގެ ހައްގަށް ސަރުކާރުން ވިސްނާލުމެއްނެތި ކޮށްފައިވާކަމެއްކަމަށެވެ. އަދި ސަރުކާރުގެ މި ނިންމުމަކީ މިކަމަށް އެކަށީގެންވާ މަޝްވަރާތަކާއި ދިރާސާތަކާއި ނުލައި އެފަދަ އެއްވެސް ފްލީޓެއް ތައާރަފު ނުކުރާނެކަމށް ސަރުކާރުން ބުނު ބުނުމާއި ސިދާ ހިލާފުކަމެއްކަމަށްވެސް އަވަސް އެފްގެ ބަޔާނުގައިވެއެވެ.
އަވަސް އެޕުން ބުނީ ދައުލަތުގެ އެހީގައި ޓެކްސީ ފްލީޓެއް ތައާރަފުކުރުމަކީ ޓެކްސީ ދުއްވާ ފަރާތްތަކާއި ޓެކްސީ ސެންޓަރު ހިންގާ ފަރާތްތަކާއި އަދި ކުއްޔަށް ކާރު ދޫކުރާ ފަރާތްތަކުގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކޮށް ކުދި ވިޔަފާރިތަކަށް ގެއްލުންވެ މި ދާއިރާގެ ހަމަހަމަ ވާދަވެރިކަން ނެތިގެންދާނެކަމެއްކަމަށެވެ. އަދި މި ނިންމުމުގެ ސަބަބުން ޓެކްސީ ކުރުމުގެ ދާއިރާގައި ރަޖިސްޓްރީވެ އާމްދަނީ ލިބެމުންދާ 10،000 އަށްވުރެ ގިނަ ފަރާތްތަކަށް ސީދާ ނޭދެވޭ އަސަރުކޮށް އެ ފަރާތްތަކުގެ ހައްގުތަކަށް އަރައިގަތުންކަމަށްވެސް އަވަސް އެޕުން ނެރުނު ބަޔާނުގައިވެއެވެ.
މީގެއިތުރުން ޓެކްސީ ހިދުމަތް ދިނުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި ރަނގަޅުކުރަންޖެހޭ ކަންކަމާއި އިސްލާހު ކުރަންޖެހޭ ދާއިރާތައް ޓްރާންސްޕޯޓް މިނިސްޓްރީން އަދި މިހާތަނަށް ސާފުކޮށް އަންގާފައިނުވާ ކަމަށްވެސް އަވަސް އެޕުން ބުނެއެވެ. އަދި ޑްރައިވަރުންގެ ފަރާތުން ފެންނަ ނޭދެވޭ އަމަލުތައް ހުއްޓުވަން ސަރުކާރުން އެކަށީގެންވާ ފިޔަވަޅެއް އަޅާފައިނުވާ ކަންވެސް މި ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ.
ބައެއް ހާލަތްތަކުގައި ޑްރައިވަރިން ދަތުރުތައް ނުކުރާކަމުގެ ޝަކުވާ އުފުލޭއިރު އެކަމުގެ އަސްލު ސަބަބުތައް ދެނެގަންނަން އެއްވެސް ފަރާތަކުން މަސައްކަތްކޮށްފައި ނުވާ ކަމަށާއި މާލޭގެ މަގުތަކުގެ ހާލަތަށް ރިއާޔަތް ކުރުމެއްނެތި ޑްރައިވަރުންނާ ހިދުމަތްދޭ ފަރާތްތަކުގެ އަގު ވައްޓާލުމަކީ ކަންބޮޑުވާ ކަމެއް ކަމަށްވެސް އަވަސް އެޕްގެ ބަޔާނުގައިވެއެވެ.