
މި މައްސަލާގައި ހައްޔަރުކުރީ މ. ނަލަހިޔާމަންޒިލް، އުމުރުން 40 އަހަރުގެ ހަސަން މުނާޒާއި ނައިފަރު ނަގިލިޖެހިގެ، އުމުރުން 54 އަހަރުގެ އަލީ މުހައްމަދުފުޅު އާއި އެރަށު ޑޭޒީހިޔާ އުމުރުން 26 އަހަރުގެ އަހުމަދު ވިސާމްއެވެ.
ފުލުހުން ބުނީ މި މީހުން އަތުލައިގަތީ އެ އިދާރާގެ ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ނައިފާރާއި ހިންނަވަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެެއްގައިކަމަށެވެ.
މިދިޔަ ހުކުރު ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ހަސަން މުނާޒް ހައްޔަރުކޮށް ހިންނަވަރުގައި އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި ފައިސާ ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 66.02 ގުރާމު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ނައިފަރުގައި ހިންގި އޮޕަރޭޝަންތަކުގައި އަލީ މުހައްމަދުފުޅު ހައްޔަރުކޮށް އޭނާއާ ގުޅުންހުރިކަމަށް ބެލެވޭ ދެ ތަނެއް ބަލައިފާސްކުރިއިރު ފަސް ދަޅު ބަނގުރާ ފެނިފައިިވާކަމަށް ފުލުހުން ބުނެއެވެ. އަދި މި އޮޕރޭޝަންގައި ހައްޔަރުކުރި އަހަމަދު ވިއާމް ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 12 ގުރާމެވެ.
މި މައްސަލަތަކާ ގުޅިގެން ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަސަން މުނާޒް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި އަލީ މުހައްމަދުފުޅު ދެ ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ދެ ވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.
އަހްމަދު ވިއާމް ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 12 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ