
ބުރާސްފަތި ދުވަހުގެ އަދަދާއި ގުޅޭ
ހަމައެވަގުތު އަހަރެންގެ ފޯނަށް ނޮޓިފިކޭޝަނެއް ލިބުމުން ބަލައިލީމެވެ. ދެލޯ ބޮޑުވެ އާޝޯހްވި އެވެ. އުފެދުނނީ ސުވާލުތަކެކެވެ.
މިއޮތް ހުރިހައި ޒަމާނު ނުކުރިކަމެއް ކުއްލިޔަކަށް އެކުރީ ކީއްވެބާއެވެ. އީތަން މުހައްމަދު މަނިކު، އަހަރެން ފޮލޯކުރާން ފެށީ އެވެ. އެކުގައި މަސައްކަތްކުރާތާ އަހަރުވާން ގާތްވެފައިވަނިކޮށް އީތަން މިކުރީ ކީއްހެއްޔެވެ؟
އީތަންއަކީ އެމީހެއްގެ ކޮންމެ ހަރަކާތެއް، ކޮންމެ ފިޔަވަޅެއް ނޫސްތަކާއި ސޯޝަލްމީޑިއާގެ ސަމާލުކަން ހުއްޓިފައިވާ ތަރިއެކެވެ. އެއިން އެއްވެސް ކަމަކީ އަހަރެންގެ ކުޑަވެސް ޝައުގުވެރިކަމެއް ހުންނަ ކަންކަމެއް ނޫނެވެ. އިންސްޓާ އެކައުންޓެއް ހެދީވެސް އޮންލައިންކޮށް ބައެއް ތަކެތި ގަންނާންޖެހޭތީ އެކަމަށް ފަސޭހައަކަށެވެ. އަހަރެންގެ ފްލޯވަރުންގެތެރެއަށް ތިރީސް ހަމަވީވެސް މީގެ މަހެއްހާ ދުވަސްކުރީންނެވެ. އެކަމަކު އީތަންގެ މި ހަރަކާތުގެ ސަބަބުން ދެން އަހަރެންގެ ދިރިއުޅުމަށް އަތުވެދާނެ ކޮޅިގަނޑެއް ހިތަށް ގެންނާންވެސް ނޭގެ އެވެ. މާބޮޑު ވިސްނުމަކާއި ނުލައި އެ ދައުވަތު ގަބޫލުކުރީމެވެ.
އީތަންގެ އެ ހަރަކާތާމެދު ވަރަށް ވިސްނީމެވެ. ހެޔޮ އެންމެ ވިސްނުމެއްވެސް ނައެވެ. ލިބުނީ ތުނަނަވަސްކަމާއި ބޭކާރު ހިޔާލްތަކެކެވެ.
ހިތްހަމަނުޖެހުމުން ފޯނު ނިވާލީމެވެ. އަދި ފޯނަށް ގެއްލުމެއް ނުލިބޭނެވަރު އަންދާޒާކޮށްލާފައި ފޯނު އެއްލާލީމެވެ.
މުއާމަލާތުކޮށް ދެނެގަންނާން އުނދަގޫ މި އިންސާނާގެ ސަބަބުން އަހަރެންގެ ދިރިއުޅުން އުނދަގޫވެއްޖެ އެވެ. އެއް އިރެއްގައި އަހަންނަކީ އޭނާގެ ދުނިޔެ އެވެ. އަހަރެންނާއި ނުލައި އަތެއްފައެއް ގުޑުވާލެވޭކަމަކަށްވެސް ނުވެ އެވެ. އެކަމަކު މިހާރު، ޖެހިގެން އަންނަ ސިކުންތުގައި އަހަންނަކީ އެއްވެސް މީހެއް ނޫނެވެ. އަހަންނާއިމެދު އީތަން ކަންތައްކުރަނީ އެވަގުތެއްގައި އޭނާ ހިތަށްއެރި ގޮތަކަށެވެ. ގޮތްނޭގޭ މި 'ޕަޒްލް' ރާވާނެ ގޮތެއް އަހަރެންގެ ސިކުނޑިއަކަށް ނުވިސްނެ އެވެ.
އަހަރެންގެ އަމިއްލަ ނަފުސުގެ ދިފާއުގައި ތެދުވާންވީ ވަގުތު ޖެހުނީ އެވެ. ބޭނުންވަނީ ހިތްވަރެވެ.
އަހަރެންނާއިމެދު އީތަން ކިތަންމެ އިހާނެތިކޮށް ކަންކުރިޔަސް، މިހިތުގައި އީތަންއަށް އުފެދިފައި އޮތް ސާފުލޯތްބަށް ކިލަންބުކަމެއް ނާދެ އެވެ. މިހާތަނަށްވެސް އީތަންއާއެކު ކެތްކުރެވުނީ އެ ލޯބީގެ ސަބަބުންނެވެ.
.....................
ފަތިހުގެ ހިމޭންކަމުގައި އިކާންއާއެކު ސައިކަލުގައި އަހަރެން ނިކުތީ، އެކަމަށް ހިތް އެދިގެނެއް ނޫނެވެ. އެކަމަށް އެދި އިކާން ކުރި އާދޭހާއި ދެމީހުންގެ ދެމެދުއޮތް އެކުވެރިކަމުގެ ހައްގުގަ އެވެ.
އުޑުމަތި ސާފު، ވައި މަޑު ފަތިހެކެވެ. ސިނަމާލެ ބުރިޖު އެންމެ ހިތްގައިމުކޮށް ފެންނާނެ ދިމާލުގައި ތޮށިގަނޑުމަތީގައި އަހަރުމެން އިށީނީމެވެ. ސިކުނޑީގައި ދައުރުވަމުންދިޔަ ނިމުމެއް ނެތް ޝަކުވާތަކަށް ހުއްޓުމެއް ގެންނަންޖެހެ އެވެ. އެހެންނޫނީ އަހަރެންގެ މި ސިކުނޑި ފަޅައިގެންދާން މާގިނަވަގުތެއް ނުނަގާނެ އެވެ.
ލޯތްބަކީ ހިތާއި ނަފުސުގެ ކާނާ އެވެ. ދިރިހުރުމުގެ އުއްމީދެވެ. އެއީ ތިމާ ނިކަމެތިކުރާ ރޫހާނީ ބާރެއް ނޫނެވެ. އެކަމަކު އަހަރެންގެ ހިތުގައި އުތުރި އަރަމުންމިދާ ލޯތްބަކީ ކެތްކުރާންދަތި ވޭނީ ރިހުމެކެވެ. އަމިއްލަ ދެފައިމައްޗަށް ކޮޅަށްހުންނާންވެސް އުނދަގޫ، ހިތްދަތިކަމެކެވެ. އީތަންއަށްޓަކައި އަހަރެންގެ ހިތުގައި މިވާ ލޯތްބަކީ ބަދަލެއް ލިބުމެއް ނެތް އެކަނިވެރިކަމެކެވެ. ކުރިއެރުމެއް ކޮޅެއް މެދެއް ފެންނާންނެތް ނާއުއްމީދެކެވެ.
ހާލަތު ކޮންމެ ގޮތަކަށް ބަދަލުވެގެންދިއަޔަސް، މިހިތުގައި އެހެންމީހަކަށްޓަކައި އިޝްގީ ވިންދެއް ދުވަހަކުވެސް ނުޖަހާނެކަން ޔަގީނެވެ. އެހެންމީހަކަށް ދޭނެ އިތުރު ޖާގައެއް މިހިތުގައި ނެތީ އެވެ. ފިރުކެމުން، ކުކުރަމުންވެސް އީތަންގެ ކުރިމަތީގައި އަހަރެން އިސްޖަހައިލާން މަޖުބޫރުކުރާ ބާރަކީ މި ބަލިކަށި ހިތެވެ. ހިތަށްއެރި ކޮންމެ ފަހަރަކު ނިކަމެތިކަމާއެކު އަހަރެންގެ އިހްސާސްތަކުގައި އީތަން ކޮޅުފައިންޖަހައި އިހާނެތިކޮށްލިޔަސް، އޭނާއަށްޓަކައި ހިނިތުންވަމުން ހުރިހައި ވޭނެއް އުފުލަނީ ޒަހަމްވެފެފައިވާ ހިތުގައި މަލަންފޮއއްޗެއްވެސް އަޅާލަދޭނެ ކަމުގެ އުއްމީދެއްގައެއް ނޫނެވެ. އެކަމަކު ލޮލަށްފެންނަ މަންޒަރު ދޮގުކުރާނީ ކިހިނެއް ހެއްޔެވެ؟ ކޮންމެ ގޮތަކަށް ކަންކޮށްފައިވެސް އަހަރެންގެ ގާތަށް އީތަން އައުމުން އެހުރިހައިކަމެއް އެއްފަރާތްކޮށްލެވެނީ މި ހިތުގެ ސަބަބުންނެވެ.
ދުވަހަކުވެސް އީތަންއާއި މިހިތުގެ ގުޅުން ކަނޑާނުލެވޭނެކަން ސާބިތުވާ ހެއްކަކީވެސް އެއީ އެވެ. މިއީ ނިމުމެއް ނެތް ލޯތްބެކެވެ. ރިހުމަށް ފަރުވާއެއްވެސް ނެތް، ޒަހަމްތައް ފަސޭހަވުމެއްވެސް ނެތް ލޯތްބެކެވެ. އަހަރެންގެ ސިކުނޑިއާއި ނަފުސު ކިތަންމެ އެދުނަސް މިހިތާއި ފުރާނަ އީތަންގެ ލޯތްބާއި ދުރެއް ނުވާނެ އެވެ.
މޮޔަހިތަކުން ވެވިފައި މިވާ ލޯތްބަކީ ދުވަހަކުވެސް ބަދަލުނުވާނެ އިހްސާސެކެވެ. އަހަރެންގެ އަމިއްލަ ނަފުސު އެދުނަސް، އެކަމަށް ގަދައަޅާއި ކިތަންމެ މަސައްކަތެއް ކުރިޔަސް، މިހިތުން އީތަންގެ ލޯބި ފަނޑުކޮށްލެވުމަކީ ދުވަހަކުވެސް ނުވާނެ ކެމެވެ. އެކަމުގެ އިހްތިޔާރު އަހަރެންގެ ކިބައިގައިވެސް ނެތެވެ.
ހިތް ބިރުގަނެ އެވެ. މިހިތުގައި އެހެންމީހަކަށް ޖާގައެއް ނެތެވެ. އީތަންގެ ލޯތްބަކީ ދުވަހަކުވެސް މިހިތަށް އޮތް ތަސައްލީއެއް ނޫންކަން ޔަގީނެވެ. ނަމަވެސް މިހިތުގައި އީތަން ނޫން އެހެންމީހަކަށް ޖާގައެއް ނެތެވެ.
ހިމޭންވެފައިވާ ކަނޑަށް ބަލައިލީމެވެ. ދަތުރުކުރަމުންދިޔަ ލޯންޗުތަކާއި ދޯނިތައް އެއިގެ ހަގީގީ މަންޒިލަށް މިސްރާބު ޖަހާފައިވެ އެވެ. މިވަގުތު ރާޅުބާންޏެއް ފެންނާން ނެތަސް، އޮއެވަރު ބަދަލުކޮށްލާނެ ވަގުތެއް ނޭގޭނެ އެވެ. ދަތުރަށް އެރުމަށްފަހު މަންޒިލަށް ދެވެންދެން އެ ކަނޑުގައި ޖެހޭނީ ދަތުރުކުރާށެވެ. ކޮންމެ އޮޑިއެއްގެ ދަތުރުގައި މިސްރާބެއްވެ އެވެ. ނަމަވެސް އަހަރެންގެ ހިތުގައި މިވަނީ މިސްރާބެއް ނެތް ދަތުރެކެވެ. މަންޒިލެއް ނެތް އުއްމީދެކެވެ.
.....................
އަހަރެންގެ އިންސްޓަގްރާމުގައި ވާނީ ހަމައެންމެ ފޮޓޯއެކެވެ. އެއީވެސް އެއް އަރިމަތީން ކޮންމެވެސް ވަރަކަށް މޫނުފެނިލާގޮތަށް އަންޔާ ނަގާފައިވާ ފޮޓޯއެކެވެ. މިއަދު މުޅި ސޯޝަންމީޑިއާގައި އަދި ޓީވީ ޗެނަލްތަކުގައި އެ ފޮޓޯ އުޅެންޖެހޭ ސަބަބެއް ނެތެވެ. އެހެން އެއްވެސް ސޯޝަލް ޕްލެޓްފޯމެއްގައި އަހަރެންގެ ފޮޓޯއެއް ބޭނުމެއް ނުކުރަމެވެ. އެކަމަކު ލިބުނު ހަބަރަކީ ކަންފަތަށް ފަސޭހަ އަޑެއް ނޫނެވެ.
އަމިއްލަ ބޭންޑް މެންބަރުންނާއި އެމީހުންގެ އޮފިޝަލް ބޭންޑްގެ ޕޭޖްނޫން އެހެން އެއްވެސް މީހަކު ފޮލޯނުކުރާ އިންސާނަކު، ކާކުކަން ނޭގޭ އާދައިގެ އަންހެންކުއްޖަކު ފޮލޯކުރުމުން އޭނާގެ ފޭނުންތައް ކެކެންފެށީ އެވެ. އަހަރެންގެ ފޮލޯވަރުން ތިރީހުން ތިރީސް ހާހަށް އެރީ އެވެ. ދެ ލޮލުގެ ކަޅި ބިމަށްވެއްޓޭވަރަށް ލޯ ބޮޑުކުރެވުނެވެ. ހަތަރެސްފައި ތުރުތުރުވެސް އެޅި އެވެ. އަހަންނަކީ އެހެންމީހުންގެ ސަމާލުކަން ހޯދުމަށް ކުޑަވެސް ޝައުގުވެރިކަމެއް ހުންނަ މީހެއްނޫނެވެ. އެކަމަކު ކުރިމަތިލާން މިޖެހުނު ކަންތަކާއިމެދު ފުންކޮށް ވިސްނާން މަޖުބޫރުވެއްޖެ އެވެ.
އަންޔާގެ އެ ހަބަރާއެކު އަހަރެންގެ ނުތަނަވަސްކަން އިތުރުވި އެވެ. މާލެ ދޫކޮށް އައްޑޫއަށް ދިއުމަކީ އެންމެ ރަގަޅުގޮތްކަމަށް ވިސްނުނެވެ.
ނަމަވެސް އެކަމަށްވެސް އަދި ވަގުތުއެބައޮތެވެ.
"ހަމަޖެހިބަލަ ބޭބީ.. ފުން ނޭވާއެއް ލާބަލަ!" އަހަރެން ގައިގައި އެއް އަރިމަތީން ބައްދާލަމުން އިކާން ބުންޏެވެ.
ދުވަހުގެ ވާޖިބު އަދާކުރުމަށްފަހު އިރު އޭގެ މަންޒިލަށްގޮސް ނިވާވުމަށް ތައްޔާރުވެއްޖެ އެވެ. އަނެއްކާވެސް ރޭގަނޑުގެ އަނދިރިކަމާއި ބައްދަލުކުރާ ވަގުތުޖެހުނީ އެވެ. އެހެން އެންމެން އެމީހުންގެ އަމިއްލަ ދުނިޔޭގައި 'ބިޒީ' އެވެ. އަހަރެންގެ ހާލުބެލުމަށް އިކާން އިރުއިރުކޮޅުން މި ގެއަށް އާދެ އެވެ. އިކާންގެ އޯގާތެރިކަމަށް ޝުކުރުވެރިވާނެ ގޮތެއްވެސް ނޭގެ އެވެ. އަހަރެންގެ މާޔޫސްކަން އެއްފަރާތްކޮށް ހިނިތުންވާން މަޖުބޫރުކުރާ ހަމައެކަނި ސަބަބަކީ މިހާލަތުގައި އިކާން އެވެ.
"މާބޮޑަށް ތި ވިސްނަނީ.. ވަގުތުކޮޅެއް ދީ... ހުރިހައިކަމެއްވެސް ރަގަޅުވާނެ.." އަހަންނަށް ވިސްނައިދިނުމަށް އިކާން ބުންޏެވެ.
ބޮލުގެ ހަރަކާތުން އިކާންއަށް ޖަވާބުދެމުން އަހަރެން އިސްޖަހައިލީމެވެ. އިކާންގެ އެ މަސައްކަތް ނާއުއްމީދުވިޔަ ނުދިނުމަށެވެ.
"ޔޫ އާރ ސްޓިލް ހަރޓް...! ރައިޓް..؟" އިކާން ސުވާލުކޮށްލީ އަހަރެންގެ ދަތްދޮޅީގައި ހިފާލާފައި އޭނާގެ މޫނަށް ބަލަން މަޖުބޫރުކުރަމުންނެވެ.
'ހަރޓް' އެއީ މި ހާލަތުގައި ބޭނުންކުރަން އޮތް ލަފުޒުކަމަށްވެދާނެ އެވެ. އެކަމަކު އަހަރެންގެ މިހިތުގެ ހާލަތަށް އެ ބަހަކީވެސް މިވަގުތު އެންމެ އިންސާފު ގެނެސްދެވޭނެ ލަފުޒެއް ނޫނެވެ.
"ނޫން.." ފާޅުގައި އަހަރެން ދޮގުހެދީމެވެ.
"އަހަރެންގެ ކުރިމަތީގައި އެކްޓްކުރުމުގެ ބޭނުމެއް ނެތް..! ގަބޫލުކުރަން، އަހަރުމެން ދެމީހުން ދިމާވީ ދާދިފަހުން.. އެކަމަކު އިހްސާސްވަނީ އަހަރުމެން ދެމީހުންގެ ގުޅުމަކީ އެތައް އަހަރެއް ކުރީންސުރެން އުފެދި ބަދަހިވެފައިވާ ގުޅުމެއްކަމަށް.. އެހެންމީވައި އަހަރެންނާއެކު ހޭދަކުރާ ވަގުތުތަކުގައި ހަގީގަތާއި ކުރިމަތިލާ..! ހިތުގެ ހާލަތު ބަޔާންކުރާން ފަސްނުޖެހޭ..! މައްސަލަތަކަށް ކުރިމަތިނުލަނީސް، އެކަންކަން ހައްލެއް ނުކުރެވޭނެ..!" ލޯތްބާއެކު އިކާން ބުންޏެވެ.
ލިބުނީ ހައިރާންކަމެވެ. ހުރެވުނީ ޝޮކެއްގައި ކަމަށްވެސް ވެދާނެ އެވެ. އަހަރެންގެ ހިތުގެ ހާލަތު އިކާންއަށް އެހައި ރަގަޅަށް ސާފުވަނީ ކީއްވެ ހެއްޔެވެ؟ އިކާންއާއެކު ވަގުތު ހޭދަކުރާން އަހަރެންނަށް އެހައި ފަސޭހައީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ މޫނުން އިހްސާސްތައް ދެނެގަތުމުގައި އިކާން އެހައި ކުޅަދަނައީ ކީއްވެ ހެއްޔެވެ؟
"އެކްޓް ކުރުމުގެ ބޭނުމެއް ނެތް ދޯ..! އިކާންއަށް ހުރިހައި އެއްޗެއް ސާފުކޮށް އެނގޭނެ.. މިބުނަނީ ހަމަ ހަގީގަތް..!" ދިރުމެއް ނެތް ގޮތަކަށް އަހަރެން ބުނީމެވެ.
"ވައޮ.. ރިދީ... ގްރެއިޓް..! ޖަސްޓް ގްރެއިޓް..! އިކާން ލިބުނީމައި ރިދީގެ އަލަތު ލޯބިމަތީން ހަނދާން ނައްތާލީދޯ މިހާރު..!" ކާމިލްގެ ޑްރާމާގެ އަޑު އިވުމުން އެ ދިމާއަށް ބަލައިލީމެވެ.
ދުވެފައި ކަހަލަގޮތަކަށް އައިސް، އިކާންގެ އަތުން އަހަރެން ދަމައިގަނެގެން ކާމިލްގެ ގާތަށް ގެންދިޔަ އެވެ. އަދި އިކާންއާއި ދިމާއަށް ލޯ އަޅާލާފައި އަހަރެން ގޮވައިގެން އިށީނީ ސިޓިންގ ރޫމްގައި އޮތް ރަގްމަތީގަ އެވެ.
މިވަގުތު އަހަރެން މި އިނީ އަހަރެންގެ ދެ ބޮޑީގާޑުންގެ މެދުގަ އެވެ. އިކާންއާއި ކާމިލްއަކީ އެކަކު އަނެކަކުގެ ވާދަވެރިން ކަމަށްވެސް އަންޔާ ބައެއް ފަހަރު ބުނެ އެވެ. ހަގީގަތުގައި އިކާންއަކީ އީތަންގެ ވަރަށް ގާތް އެކުވެރިއެކެވެ. ނަމަވެސް މިހާރު އެގުޅުން އަހަންނާއިދިމާއަށް މުޅިންކަހަލަ ގޮތަކަށް އެނބުރިފައިވާތީ ބައެއް ފަހަރު އީތަން ހިތްހަމަނުޖެހިފައި ހުންނަކަން އެންމެންނަށްވެސް ފާހަގަކުރެވެ އެވެ.
"ރިދީ... މި އިކާންއަށްޓަކައި އަހަރުމެން އިގްނޯ ނުކުރެވޭނެ އިނގޭ..! މިއަންނަ ހަފްތާގައި އޭނާ އެއުޅެނީ އެނނބުރި ލަންޑަންއަށް ދާން.. އެހިސާބުން އަނެއްކާވެސް ވަން އެންޑް އޮންލީ ލޯބިވެރިޔަކަށްވާނީ ހަމައެކަނި އަހަރެން.." ކާމިލްގެ ޓީޝާޓްގެ ގިރުވާން މައްޗަށް ހިއްލާލަމުން ބުނެލީ އިކާންއާއި ދިމާއަށް އެއްބުމަ ހިއްލާލާފަ އެވެ.
ކާމިލްއާއި އިކާންއާއިދެމެދު އާންމު އުސޫލުން އަރާރުން ފެށި އެވެ. އަހަރެންގެ ސިކުނޑީގައި އެނބުރުނީ އެންމެ ހިޔާލެކެވެ. އިކާން ފުރީމައި އަހަރެން އެކަނިވެރިވާނެ ވަރެވެ. ފާއިތުވި ކުރު މުއްދަތުގައި އިކާންއާއި އަހަރެންނާއި ދެމެދު އުފެދިފައިވަނީ ގާތް، ބަދަހި ގުޅުމެކެވެ. ކުރުމުއްދަތެއްގައި އެކަކު އަނެކަކަށްޓަކައި އަހަރުމެން ދެމީހުންނަކީ މުހިއްމު ދެ އެކުވެރިން ކަމުގައި ވެ ނިމިއްޖެ އެވެ. އަހަރެންގެ ރިހުމަށް އިކާންއަކީ ފަރުވާއެކެވެ. ހަގީގަތަކީ އަހަރެންގެ ދިރިއުޅުމުގައި އިކާންއަކީ މިހާރު ވަރަށް މުހިއްމު މީހެއްކަމެވެ.
އަހަރެންގެ އަނދިރި ދިރިއުޅުމަށް އިކާންއަކީ އަމާންކަމާއި އަލިކަމެކެވެ. ހިތާމައާއި ރިހުން ދުރުކޮށްދޭ އެކުވެރިއެކެވެ. މާޔޫސްވާ ވަގުތުތަކުގައި ހިތްވަރު އެލުވާނުލައި އަހަރެންގެ ހިނިތުންވުން ގެނެސްދޭ އެންމެ ގާތް އެކުވެރިޔަކީ މިހާރު އިކާން އެވެ. އިކާން ނެތިއްޔާ އަހަންނަށް ވާނީ ކިހިނެއް ހެއްޔެވެ؟ ދިރިއުޅުމުގެ މިވަގުތުގެ ހަގީގަތާއި އަހަރެން ކުރިމަތިލާނީ ކިހިނެއް ހެއްޔެވެ؟ ފެންނަ މަންޒަރުތަކުން ހިތް ފަޅައިގެންދާވަރުވެ އެވެ.
"ޒާޔާގެ ކަންތަކާދޯ ތި ވިސްނަނީ... ހޫމް...!؟" އަހަރެންގެ އަތް ގެނެސް، ކާމިލްގެ އަތުތެރޭގައި ބޮނޑިކޮށްލަމުން ސުވާލުކޮށްލި އެވެ.
ހައިރާންވެ އަންތަރީސްވި އެވެ. އަހަރެންގެ މޫނުމަތީން ވަކި ނަންތަކެއް ނުވަތަ ވަކި ހާދިސާތަކެއްވެސް މިހާރު ފެންނާން ހުންނަނީ ހެއްޔެވެ؟ މިހައި ފަސޭހައިން އަހަރެންގެ ސިކުނޑީގެ އަޑު މި ދެ އިންސާނުން ދެނެގަންނަނީ ކިހިނެއް ހެއްޔެވެ؟
"ނޯ!" ތެޅެގަންފައި އަހަރެން ބުނެލީމެވެ. ދޮގުހެދުމަކީ އަހަރެންގެ ތަބީއަތުގައި ހުންނަ ސިފައެއްވެސް ނޫނެވެ.
އެކަމަކު އީތަންގެ ސަބަބުން އަހަރެން ދޮގުވެރިޔަކަށްވެސް ވެއްޖެ އެވެ. ފަސޭހަކަމާއެކު ހަގީގަތް ފޮރުވުމަކީ އަހަރެންގެ އާދައަކަށް ވެއްޖެ އެވެ. ކޮންމެ ފޮރުވުމަކީ ދޮގެކެވެ! އަހަރެންގެ އެންމެ ގާތް ތިން މީހުންގެ ގޮތުގައި އަހަރެން މިހާރު ދެކެނީ އަންޔާއާއި އިކާންއާއި ކާމިލް އެވެ. އެ ތިންމީހުންގެ ކުރިމަތީގައި އަހަރެންގެ ހަގީގީ އިހްސާސްތައް ފޮރުވުމަކީ މިހާރު އަހަރެންގެ އެންމެ އިސް މަސައްކަތެވެ.
"އަހަރުމެންނާއި ނުލައި މިގޭގައި މިހާރު އަބަދު ކުނާއަޅައިގެން ތިބޭ ދެމީހަކު އެބައުޅޭ... އަމިއްލަ ގެއަށްވެސް މި ދެމީހުން ނުދަނީތަ..؟"
އިވުނު އަޑާއެކު ސިއްސައިގެން ގޮސް ބަލައިލެވުނެވެ. އަންޔާއާއި ގައިސަރް އުނަގަނޑުގައި ދެއަތް ވިއްދާލައިގެން ލޯ އަޅާލައިގެން ތިއްބެވެ. ލުއި ހިނިތުންވުމަކާއެކު އަހަރެން އިސްޖަހައިލުމުން އެދެމީހުންވެސް އައިސް އަހަރުމެން ގާތުގައި އިށީނެވެ.
"ސޯ ގައިޒް، ވަޓްސް އަޕް!" ގަދަކަމުން ހިނިތުންވާން މަސައްކަތްކުރަމުން އަންޔާ ބުނެލި އެވެ. އޭނާގެ މޫނުން އެތައް އަސަރެއް ދުށީމެވެ.
ނާއުއްމީދާއި ނަފްރަތާއި ރުޅިވެރިކަމުގެ ހުރިހައި އަސަރެއް ފޮރުވޭތޯ އަންޔާ މަސައްކަތްކުރި އެވެ. އެކަމަކު އަހަރެންގެ ކުރިމަތީގައި އަންޔާގެ އިހްސާސްތައް ފޮރުވުމަކީ އޭނާއަށް ކުރެވޭނެ ކަމެއް ނޫނެވެ. އަންޔާއަށް އައިސްފައިވާ ތަފާތަކީ ނުވަތަ އެ ހިތްހަމަނުޖެހުމުގެ އަސްލަކީ އީތަންގެ ހަޔާތަށް އަލުން ޒާޔާ ގެނައުމެވެ. ފާޅުގައި އެންމެ ލަފްޒެއް ނުބުންޏަސް، އެހުރިހައި އަސަރެއް ފަރިތަކަމާއެކު ދަންނަމެވެ.
"ދި ސީލިންގ އިޒް އަޕް، އަންޔާ!" މަޖާވެލާފައި އަންޔާއަށް އަމާޒުވި ޖަވާބާއެކު އެންމެންގެ ނަޒަރު ހުއްޓުނީ އެ ދިމާއަށެވެ.
ގޭތެރެއަށް ވަދެގެން އައީ އީތަން އެވެ. އައްޓަމަހެއް ފަދައިން އީތަން އަތުގައި ތަތްކޮށްފައި އޮތީ، 'ނިއު ޕީ އޭ - ޒާޔާ' އެވެ.
ދައުވަތު ނުދޭ މެހެމާނުން ގެއަށްއައިސް އަހަރުމެންގެ އުފަލުގައި ގަދަކަމުން ބައިވެރިވުމަކީ ހިނިތުންވުން ފިލައިދާ ކަމެއްކަން އެނގުނީ އަދި ކިރިޔާ އެވެ. ފަސްމީހުންގެ މަޖުލީހަށް ހަތްމީހުން ހަމަވުމުން ހިނިތުންވުން އިތުރުވީއެއް ނޫނެވެ. ކޮންމެ ދިމާއަކުން ފެނުނީ ނަފްރަތާއި ހިތްހަމަނުޖެހުމެވެ. ޝައުގުވެރިކަމެއް ނެތް މޫނުތަކެވެ.
އީތަންއާއި ދުރަށް އަހަރެންގެ ނަޒަރު އަނބުރާނުލެވުނެވެ. ޒާޔާގެނެސް ގައިގައި ތަތްކޮށްލާފައި އިންއިރުވެސް އީތަންގެ ދެލޯ ތަތްކޮށްފައިވަނީ އަހަރެންގެ އަތުގައި ހިފަހައްޓާލައިގެން އިން އިކާންގެ އަތަށެވެ. އެހެން އެއްވެސް އެއްޗެއް ނުވަތަ މީހަކު އީތަންގެ ރާޑަރުގައި މިވަގުތު ނެތެވެ. (ނުނިމޭ)