 
                                                                                                
                    ފުލުހުން ބުނީ މި މީހުން އަތުލައިގަތީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބ. މާރިކިލުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައިކަމަށެވެ.
މި އޮޕަރޭޝަންގައި ނުވަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި ދިވެހިންނާއި ލަންކާ މީހުންނާއި އިންޑިއާ މީހުން ހިމެނެއެވެ.
ބ. މާރިކިލުން ހައްޔަރު ކުރި މީހުން
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ރ. އިނގުރައިދޫ / ވަފާ، އަބްދުލް މުހްސިން ހަސަން ޝަރުތުކުރުމަށްފަހު ދޫކޮށްލައިފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި ދެންތިބި އަށް މީހުންވެސް 15 ދުވަހުގެ ބަންދު ޖަހާދީފައިވާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މާރިކިލުގައި މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު އަދި ބ. އަތޮޅު ފުލުހުން ގުޅިގެންކަމަށެވެ. މި އޮޕަރޭޝަނުގައި މާރިކިލު ބަލައިފާސްކޮށްފައިވަނީ ކޯޓު އަމުރުގެ ދަށުންކަމަށްވެސް ފުލުހުން ބުނެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ހިންގި މި އޮޕަރޭޝަނުގައި މާރިކިލުން މި ނުވަ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު 162 ދަޅު ބަނގުރާއާއި ފަސް ފުޅި ބަނގުރާ އަދި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. އަދި ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 12.8 ގުރާމެވެ.
މި މައްސަލަ ތަހުގީގުކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.
ބ. މާރިކިލަކީ ދަނޑުވެރިކަން ކުރަން ސަރުކާރުން ދޫކޮށްފައި އޮތް ރަށެކެވެ.