
އެމްއައިބީން ބުނީ މި މާހެފުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާލޭ އާޓިފިޝަލް ބީޗުގައި ކަމަށެވެ. އެގޮތުން މާހެފުން ބޭއްވުމަށް ހަމަޖެހިފައިވަނީ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ. މި މާހެފުމުގައި ބިންގާ ކަސްޓަމަރުންގެ އިތުރުން އެހެން ކުޑަކުދިންނަށް ވެސް ބައިވެރިވެވޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
މާހެފުމުގެ ތެރޭގައި ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާގެ "އާސްކް ޑރ. ޒެކް" ގެ ނަމުގައި ކުދިންނަށް ދީނީ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށްދާނެ އެވެ. މީގެ އިތުރުން އެހެނިހެން މުނިފޫހިފިލުވުމުގެ ހަރަކާތްތައް ވެސް ކުރިއަށްދާނެ ކަމަށް އެމްއައިބީން ބުންޏެވެ.
ބިންގާ އެކައުންޓަކީ ކުޑަކުދިންނަށް ފަހަށް ރައްކާކުރުމުގެ އާދަ އަށަގެންނެވުމަށް އެމްއައިބީން ތައާރަފްކޮށްފައިވާ އީޖާދީ އެކައުންޓެކެވެ. މި އެކައުންޓުގެ ދަށުން ކޮންމެ ކުއްޖަކަށް ވެސް ތިން އެކައުންޓެއް ލިބޭނެ އެވެ. އެއީ ޓްރާންސެކްޝަން، ސޭވިން އަދި އިންވެސްޓް އެކައުންޓެވެ.