"މައުމޫން" ނަމުގައި ނެރޭ މި ފޮންޓަކީ ރާއްޖޭގެ ރައީސެއްގެ އަތުލިޔުން އަސްލަކަށް ބަލައިގެން ތައްޔާރުކުރި ފުރަތަމަ ފޮންޓެވެ. މި ފޮންޓު ރަސްމީކޮށް ނެރުމަށް މާލޭ އާޓް ގެލެރީގައި ހާއްސަ މައުރަޒެއް އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މި މައުރަޒު ހެނދުނު 10 އިން ފެށިގެން ރޭގަނޑު 11 އާ ހަމައަށް ކުރިއަށްދާނެ އެވެ. އަދި ތާނަ ފޮންޓުތަކަށް ހާއްސަ ވެބްސައިޓު "އަކުރު ޓައިޕް" އިން މި ފޮންޓު ޑައުންލޯޑު ކުރެވޭނެ އެވެ.
ކުރީގެ ރައީސް މައުމޫނަކީ ދިވެހި ބަހުގެ އިތުރުން އަރަބި ބަހުން ވެސް ވަރަށް ރީތިކޮށް ލިޔުއްވާ ބޭފުޅެކެވެ. އިސްލާމިކް މަރުކަޒުގެ މިސްކިތުގެ އެތެރޭގައި ހުރި ބައެއް ލިޔުންތައް ލިޔުއްވާފައި ވަނީ ވެސް އެމަނިކުފާނެވެ.