
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ރާފިއު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިއުލާނުކޮށްފައިވާ ހައި ޕާފޯމަންސް ސެންޓަރުގެ މަސައްކަތް ފެށުމަށް ބޭނުންވާ ހުރިހާ ތައްޔާރީތަކެއް ވަނީ ނިމިފައި ކަމަށެވެ. އަދި މި މަޝްރޫއަށް ބޭނުންވާ ފައިސާ ބަޖެޓުގައި ހިމަނާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުޅިވަރު އެސޯސިއޭޝަންތަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ފެންވަރު ރަނގަޅު ވަސީލަތްތައް ނެތުން ކަމަށް ފާހަގަކުރައްވައި، މި އަހަރަކީ އެކަމަށް ހައްލު ހޯދައިދޭނެ އަހަރެއްގެ ގޮތުގައި ހަދާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އެގޮތުން ވަސީލަތްތަކާއި އެކު ފަންނީ މީހުންގެ އެހީތެރިކަން ވެސް ހުރިހާ ކުޅިވަރަކަށް ފޯރުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ އަހަރަކީ ރާއްޖޭގެ ކުޅިވަރު ދާއިރާއަށް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ލިބުނު އަހަރެއް ކަމަށް ފާހަގަކުރައްވައި، ފުރަތަމަ ފަހަރަށް ރާއްޖޭގެ އެތުލީޓަކު އޮލިމްޕިކްސްއަށް ކޮލިފައިވެ، އެންމެ ގިނަ ކުޅިވަރުވެރިން އޮލިމްޕިކްސްގައި ވާދަކުރި އަހަރަކީ ވެސް މިދިޔަ އަހަރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.