މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މި މައްސަލަ ބެލުމަށް ނިންމާފައިވަނީ، ހުޅުމާލޭގައި ހަދާފައިވާ ފުލުހުންގެ ފްލެޓުތައް އިމާރާތްކުރުމުގެ މަސައްކަތުގައި ބޭނުންކުރުމަށް ނޫމަޑި/އައިލެންޑް އެކްސްޕާޓުން އެތެރެކުރި އުޅަނދުތަކަށް ވީ ގޮތެއް ނޭނގޭތީ އެވެ. މި އުޅަނދުތަކަކީ ޓެކްސް ނުދައްކައި އެތެރެކޮށްފައިވާ އުޅަނދުތަކެއް ކަމަށް މަޖިލީހުގެ މެންބަރުން ބުނެފައިވެ އެވެ.
ގެއްލިފައިވާ އުޅަނދުތަކުގެ ތެރޭގައި 14 ކްރޭން ލޮރީ އާއި، އާ ދެ ސައިކަލާއި ދެ ވޭނާއި ކާރެއް ހިމެނެ އެވެ. މީގެ އިތުރުން ތިން ޓަވާ ކްރޭން އަދި އޮވާ ހެޑް ޓްރެވެލިން ކްރޭނެއް ވެސް ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ.
މި އުޅަނދުތައް މިހާރު ރަޖިސްޓްރީ ކޮށްފައިވަނީ ކޮން ފަރާތެއްގެ ނަމުގައިތޯ ހާމަކުރުމަށް މަޖިލީހުން ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އަށް އަންގާފައިވެ އެވެ. އަދި ފުލުހުންގެ ހައުސިން މަޝްރޫއު އާއި ޕޮލްކޯގައި ހިނގާފައިވާ ވައްކަމާއި ހިޔާނާތުގެ އަމަލުތައް ބެލުމުގެ މަސައްކަތް ވެސް ކަމާ ގުޅޭ މުއައްސަސާތަކުން ކުރިއަށް ގެންދެ އެވެ.