
ރިޕޯޓުތައް ބުނާގޮތުން މި ދެ ތަރިން ވަރިނުވާނެ ކަމަށް ބެލެވެނީ ބަޗަން އާއިލާގެ އުސޫލުތަކާ ގުޅިގެންނެވެ.
ފާއިތުވި ދުވަސްތަކުގައި މި ދެ މީހުންގެ ގުޅުން ގޯސްވެފައިވާ ކަމަށް ބުނެ ގިނަ އަޑުތަކެއް ފެތުރުނެވެ. މީގެ ތެރޭގައި އައިޝްވަރިއާ ގިނަ ވަގުތު ހޭދަކުރަމުންދަނީ އޭނާގެ 13 އަހަރުގެ ދަރިފުޅު އާރަދިޔާ އާއެކު ކަމަށާއި، އަބިޝެކް އެމީހުންނާ ވަރަށް މަދުން ނޫނީ ނުފެންނަކަމަށް ބުނެ އަޑު ފެތުރުނެވެ.
ނަމަވެސް އާ ރިޕޯޓުތަކުން ބުނާގޮތުން އަމީތާބު ބަޗަން އާއިލާގައި މިހާތަނަށް އެއްވެސް މީހަކު ވަރިކޮށްފައެއް ނުވެއެވެ. މީގެ ކުރިން އަމިތާބް ބަޗަން އަދި ޖަޔާ ބަޗަންގެ ގުޅުން ގޯސްވި ކަމަށް ވެސް އަޑުތައް ފެތުރުނު ނަމަވެސް އެ ދެ މީހުން ވަކިވެފައެއް ނުވެއެވެ.
އަބިޝެކް އަދި އައިޝްވަރިއާ ކައިވެނިކުރީ 2007 ވަނަ އަހަރުގެ އޭޕްރިލް މަހުއެވެ. އަދި 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެ ދެ މީހުންނަށް އާރަދިޔާ ކިޔާ އަންހެން ކުއްޖަކު ލިބުނެވެ.