
މައްޗަންގޮޅި ސަހަރާ ކައިރީގައި ހުރި ޕީޓްރަލް ޕާކުގެ ކަންމަތީގައި ހުރި ބޮޑު ނިކަގަހެއް ކަނޑާލުމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު މޭޔަރަށް ފާޑުކިޔަމުން ދިޔުމާ ގުޅިގެން މި ވާހަކަތައް މޭޔަރު ދައްކާފައިވާފައިވަނީ "އަންބަލަން" ހަރަކާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައެވެ.
އޭނާ ވިދާޅުވީ ގަސްތަކުގެ ގޮފިތައް ކެނޑުމާއި ގަސް ކޮށުމަކީ ކައުންސިލުގެ ޒިންމާއެއް ނަމަވެސް ގަސް އުފުރާލުމާއި ގަސް ކެނޑުމަކީ ކައުންސިލުން ބޭނުންވާ ކަމެއް ނޫން ކަމަށެވެ.
މޭޔަރު އާޒިމް ވިދާޅުވި ގޮތުގައި ގިނަ ފަހަރަށް ރައްޔިތުން ކައުންސިލަށް ޝަކުވާ ހުށަހަޅަނީ މަގުމަތީގައި ހުންނަ ގަސްތަކުގެ ގޮފިތަކުން ދިމާވާ އުނދަގޫތަކާ ގުޅިގެންނެވެ. އަދި ބައެއް ފަހަރު ބޮޑެތި ގަސްތައް ހެދިފައި ހުންނަ ގޮތުން ރައްޔިތުންގެ މުދަލަށާއި ގޭގޭގެ ގޯތިތެރެއަށް ގެއްލުން ވަމުންދާ ކަމަށާއި، ގަސްތަކުގެ މޫތަކުން ޕޭވްމަންޓު ގާތައް އުފުލި، ގާތަކުގައި އަޅައިގަނެ ވެއްޓި އަނިޔާވާ ހާދިސާތައް ހިނގަމުންދާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ގަހުގެ ގޮފިތަކުން ގޭގެއަށް މީދަލާއި އެހެނިހެން ދިރޭ ތަކެތި ވަންނަ ކަމުގެ ޝަކުވާތައް ވެސް ލިބެމުންދާ ކަމަށާއި، މަގުތަކުން ދަތުރުކުރާ ބޮޑެތި ހެވީ ވެހިކަލްތައް ގަސްތަކުގެ ގޮފިތަކުގައި އަޅައިގަނެ، އުޅަނދުތަކަށް ގެއްލުން ލިބެމުންދާ ކަމުގެ ޝަކުވާތައް ވެސް ކައުންސިލަށް ލިބެމުންދާ ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ.