
މި ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމެވެ.
ދިއްދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ މި ހިދުމަތް ފެށުމާއެކު ރަށުގެ ތިމާވެށި ހިމާޔަތްކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށެވެ. އަދި މީގެ ސަބަބުން ރައްޔިތުންގެ ސިއްހަތާއި ލޯކަލް ވިޔަފާރިތަކަށް ވެސް ފައިދާކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖްތަބާ ޖަލީލް ވިދާޅުވެފައިވަނީ، ރާއްޖޭގެ ހުރިހާ ރަށަކަށް ވެމްކޯގެ ޚިހިދުމަތް ފޯރުކޮށްދިނުމަށް ކުންފުނިން މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ކޮންމެ ރަށެއްގެ ކައުންސިލުންވެސް ވެމްކޯގެ ހިދުމަތަށް އެދިއްޖެނަމަ، އެ ޚިދުމަތް ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ދިއްދޫގައި ވެމްކޯގެ ހިދުމަތް ފެށުމާ ގުޅިގެން، ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމަށް ކުޑަކުދިންނަށް ވެސް މުހިންމު ދައުރެއް އަދާކުރެވިދާނެ ކަމަށް މިނިސްޓަރު ތޯރިގު ވިދާޅުވިއެވެ. މިގޮތުން ސްކޫލް ދަރިވަރުންނަށް ބޭނުންވާ މައުލޫމާތު ރަނގަޅު ގޮތުގައި ދެވިއްޖެނަމަ، ގޭގެއިން ނިކުންނަ ކުނި ރަނގަޅަށް ވަކިކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.