ads
މޯލްޑިވްސް ޕޯސްޓްގެ މައި އޮފީސް -- ފޮޓޯ: ޕޯސްޓް
ވިސްލްބްލޯކުރި މުވައްޒަފަކު ވަޒީފާއިން ވަކިކުރި ވާހަކަ ޕޯސްޓް އޮފީހުން ދޮގުކޮށްފި
މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ކޮރަޕްޝަންގެ އަމަލުތަކެއް ހިންގަމުންދާތީ އެކަމާ ގުޅޭގޮތުން ވިސްލްބްލޯކުރި މުވައްޒަފަކު ވަޒީފާއިން ވަކިކުރި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފި އެވެ.
Advertisement

ނިމިދިޔަ ހަފުތާގެ ތެރޭ ވަނީ ވިސްލް ބްލޯކުރި ޕޯސްޓުގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރިކަމަށް ބުނާ މައްސަަލައެއްގައި ނުވަލައްކަ ރުފިޔާއިން ޕޯސްޓް ޖޫރިމަނާ ކުރަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އިން ނިންމި ކަމަށް ހަބަރުތަކެއް ދައުރުވެފަ އެވެ.

އެކަމާ ގުޅިގެން ޕޯސްޓުން ނެރުނު ބަޔާނެއްގައި ބުނީ އެ މުވައްޒަފު ވަކިކުރީ މަސައްކަތުގެ ޕާފޯމެންސާއި އަހުލާގާ ގުޅުންހުރި މައްސަލަތަކެއްގައި ކަމަށެވެ.

އެ މުވައްޒަފު ވަޒީފާއިން ވަކިކުރުމާ ހަމައަށް އެޅުނު ހުރިހާ ފިޔަވަޅެއް ވެސް އަޅާފައި ވާނީ ވަޒީފާއާ ބެހޭ އުސޫލުގެ ދަށުން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"އެ މުވައްޒަފު އޮފީހަށް ވަނީއްސުރެ، ގާތްގަނޑަކަށް 10 މަހަަށް ދެމިގެންދިޔަ މަރުހަލާތަކުގައި ނަސޭހަތާއި އިންޒާރު ދިނުމާއިއެކު ޕާފޯމަންސް އިމްޕްރޫވްމެންޓް ޕްލޭނެއްގެ ދަށުން ގެނައުމުން ވެސް އެއްވެސް ބަދަލެއް ގެނެސްފައި ނުވާތީ ވަކިކުރެވިފައިވާ މުވައްޒަފެއް،" ޕޯސްޓު އޮފީހުގެ ބަޔާނުގައިވެ އެވެ.

މީގެއިތުރުން، ވަޒީފާއިން ވަކިކުރި މުވައްޒަފަކީ، ރެކްރޫޓްކުރެވުނު މަގާމަށް ރެކްރޫޓް ކުރުމުގެ ކުރިން، ކޮމްޕެނީ ސެކްރެޓަރީގެ މަގާމަށް ކުރިމަތިލައި އެމަގާމަށް ނުހޮވުމުން، ނުރުހުން ފާޅުކުރުމުގެ އިތުރުން، މީނާ ރެކްރޫޓް ކުރެވުނު މަގާމުގެ ޕްރޮބޭޝަން މުއްދަތުގައި ހުރެ، ކުންފުނިން އިއުލާން ކުރި، ވަރަށް އިސް މަގާމުތަކަކަށް ކުރިމަތިލައި، އެ މަގާމުތަކަށް އިންޓަވިއުއަށް ނުކިޔައިގެން އެކިތަންތަނުގައި ހިތްހަމަނުޖެހުން ފާޅުކުރަމުން ގެންދިޔަ މުވައްޒަފެއްކަމަށް އެ ކުންފުނިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ޕޯސްޓުން ވަނީ މުސާރައާއި އެލެވެންސަކީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންނާއި މެނޭޖިން ޑިރެކްޓަރާއި އަދި ހުރިހާ މުވައްޒަފުންނަށް ވެސް މުސާރައިގެ އޮނިގަނޑާއި އެއްގޮތަށް ދެވޭ އެއްޗެއް ކަމަށް ބުނެފަ އެވެ.

އެހެންކަމުން މެނޭޖިން ޑިރެކްޓަރު ބޮޑު މުސާރަ ނަގާކަމަށް ފަތުރާ ހަބަރަކީ މެނޭޖިން ޑިރެކްޓަރުގެ އަގު ވައްޓާލުމުގެ ބޭނުމުގައި ފަތުރަމުން ގެންދާ ދޮގު ހަބަރެއް ކަމުގައި މޯލްޑިވްސް ޕޯސްޓުން ވަނީ ބުނެފަ އެވެ.

އެ ކުންފުނިން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރި ޕޯސްޓު އޮފީހުގައި ބަހައްޓައިގެން މުދާ ވިއްކާ ވާހަކަ އާއި ވެރިންގެ މަސްލަހަތު ހިމެނޭ ގޮތަށް ހާޒީރީ ކަންކަން ބަދަލުކުރި ވާހަކަ ދޮގު ކޮށްފަ އެވެ.

ކޮރަޕްޝަންގެ މައްސަލަ އެއް ޕޯސްޓް އޮފީހަށް އަމާޒުވާއިރު ޕޯސްޓާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުން މިވަގުތު އަންނަނީ އެ ކުންފުންޏާ ގުޅޭ ހަ މައްސަލައެއް ބަލަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް