މި ހަފްތާ ނިމުމުގެ ކުރިން ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގަައި އިމާރަތްކުރަމުން އަންނަ 4،000 ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު ނެރޭނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

Advertisement
މިހާރު ދ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކުޑަހުވަދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ރިޔާސީ ބަޔާނުގައި ވިދާޅުވި ގޮތަށް ފްލެޓް ލިސްޓުގެ ކަންކަން ކުރިޔަށް ދާނެކަމަށެވެ. އެގޮތުން މި ހަފްތާ ނިމުމުގެ ކުރިން ލިސްޓް ނެރޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެ މަސައްކަތް ދަނީ ހަމަ އެގޮތަށް ބާރަށް. މި ހަފްތާތެރޭގައި މި ހަފްތާ ނިމުމުގެ ކުރީގަައި އަޅުގަނޑު ރިޔާސީ ބަޔާނުގައި ޔަގީންކަން ދިން ގޮތަށް އެ 4000 ޔުނިޓްގެ އޭރު އިއުލާން ކުރެވުނު ލިސްޓް އަޅުގަނޑުމެން ބަލަންޖެހޭ މައްސަލަތައް އޭސީސީން ފާހަގަކުރި ކަންކަން ބަލާފައި އަޅުގަނޑުމެން އެ ލިސްޓު އިއުލާން ކުރާނެކަމުގެ ޔަގީންކަން މިރޭވެސް އަޅުގަނޑު ރިޔާސީ ބަޔާން އިއްވި ދުވަހު ދެންނެވި ގޮތަށް މިރޭވެސް ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަން." ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ގުޅިފަޅުންނާއި ގިރާވަރު ފަޅުންނާއި ހުޅުމާލެ ފޭސް 3 އިން ދީފައި ހުރި ގޯތިތަކަށް ދާއިމީ ހައްލެއް ގެނެސްދިނުމަށް ވަރަށް ގިނަ މަސައްކަތްވެސް ކުރަމުން އަންނަކަމަށެވެ.
" އަޅުގަނޑު ރައްޔިތުންނަށް ދޭ ޔަގީންކަމަކީ މި ގޯތިތައް ލިބިފައި ތިބި މީހުންގެ ރަޖިސްޓްރީ ހަދައިދިނުމާއި އެކަމުގައި ކުރަން ހުރި ހުރިހާކަމެއް ވަރަށް އިސްކަންދީގެން އެކަން ހައްލުކުރުމުގެ މަސައްކަތް ކުރިޔަށް އެބަ ގެންދަމޭ. " ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ ލިސްޓް އިއުލާންކުރުމަށްފަހު ފްލެޓް ނިމެމުންދާ ވަރަކަށް ފްލެޓް ލިބޭ ފަރާތްތަކަށް އެތަން ތަން ހަވާލުކުރަމުން ގެންދާނެކަމަށެވެ. އަދި މިއަހަރު ސެޕްޓެމްބަރުގެ ކުރިން ހުރިހާ ފްލެޓް ހަވާލުކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
" އަދި ފްލެޓްތައް ނިމެމުންދާ މިންވަރަކުން ފްލެޓް ލިބޭ ފަރާތްތަކަށް ފެލްޓް ހަވާލުކުރަމުން ގޮސް މިއަހަރުގެ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިގައި ހުރިހާ ފްލެޓެއް އޭގެ ހައްގުވެރި ފަރާތްތަކާއި ހަވާލުކޮށް ނިންމާލެވޭނެ." ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ.
4000 ފްލެޓަށް ލީ ފޯމުތައް އިވެލުއޭޓް ކުރަމުން އަންނައިރު ފޯމުލީ އެންމެންގެ ފޯމުތައް އަލުން ބަލުން ބެލުމުގެ ބަދަލުގައި އަލުން އިވެލުއޭޓްކުރާނީ ގެޒެޓުކޮށްފައިވާ ފައިނަލް ލިސްޓުގައިވާ މީހުން އެކަނިކަމަށް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ ވިދާޅުވެފައެވެ.