
މި މައްސަލައިގައި ގެރެންޓީއެއް ނެތި ދިން 30 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް ކުރެވުނު މަސައްކަތްތައް ކާމިޔާބުނުވެ، މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅާފައިވާއިރު، ފައިސާ އަނބުރާ ލިބުމުގެ ފުރުސަތު ކުޑަކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެފައިވެއެވެ. މި މައްސަލައިގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ ހުށަހެޅުމަށް ކޮމިޓީގެ މެންބަރުން ވަނީ ތާއީދުކުރައްވާފައެވެ.
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވި ގޮތުގައި މި މައްސަލަ ޔޫއޭއީގެ ފުލުހުންނަށް ހުށަނާޅާ ސަބަބު ސާފުކުރަން ޖެހެއެވެ. އަދި މި ކުންފުންޏަކީ ޕޭޕާ ކުންފުންޏެއްކަމަށާއި، ކުންފުނީގެ ވެރިން މިހާރު ދުބާއީގައި ތިބިކަން ޔަގީން ނޫންކަމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ފާހަގަކުރެއްވިއެވެ.
ހެލްތު މިނިސްޓްރީއާއި އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އާ ދެމެދު ވެންޓިލޭޓަރު ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2020 ވަނަ އަހަރުގެ އޭޕްރީލް 2 ވަނަ ދުވަހުއެވެ. ނަމަވެސް މިހާތަނަށް ވެންޓިލޭޓަރުތައް ޑެލިވަރކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ.