
ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފާއިޒް ބުނީ، މިހާރު ރާއްޖޭގައި އައުކުރަނިވި ހަކަތައިގެ ޖުމުލަ 53 މެގަވޮޓް އިންސްޓޯލްކުރެވި، އޭގެ ފަހުން އިތުރު 17 މެގަވޮޓް އިތުރުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން އަމިއްލަ ފަރާތްތަކާ ގުޅިގެން 115 މެގަވޮޓްގެ ފްލޯޓިންގ ސޯލާ އިންސްޓޯލްކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އޭނާ ބުންޏެވެ.
ސްޓޭޓް މިނިސްޓަރު މި މައުލޫމާތު ހާމަކުރެއްވީ "ކޮންވަޒޭޝަން އޮން ކްލީން އެނާޖީ އެންޑް ކްލައިމެޓް ޗޭންޖް މިޓިގޭޝަން" ގެ ނަމުގައި ބްރިޓިޝް ހައި ކޮމިޝަނާއި ވިލާ ކޮލެޖާއި ޔޫއެންޑީޕީ ގުޅިގެން ބޭއްވި ބައްދަލުވުމުގައެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް އެޅޭ ފިޔަވަޅުތަކުގެ ތެރެއިން މިހާރު އިތުރު 19 މެގަވޮޓްގެ ސޯލާ ޕީވީ އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާކަން ސްޓޭޓް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މި ދާއިރާއިން އިތުރު އިންވެސްޓްމަންޓް ފުރުސަތުތައް ހޯދުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށްވެސް އޭނާ ބުންޏެވެ.