
ށ. އަތޮޅުގައި ޕާސްޕޯޓްގެ ހިދުމަތް ފައްޓަވާ ދެއްވީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދުއެވެ. މި ހިދުމަތާއި އެކު އޮންލައިންކޮށް ހުށައަޅާ ޕާސްޕޯޓް އެ އަތޮޅުން ނެގުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އަންނަ އަހަރު ހުރިހާ އަތޮޅެއްގައި އައިޑީ ކާޑާއި ޕާސްޕޯޓު ހެދުމުގެ ހިދުމަތް ފެށުމުގެ މަޝްރޫއު ރައީސް ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވީ މިިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަދުވަހުއެވެ. މި މަޝްރޫއެގެ ދަށުން މިހާތަނަށް 9 އަތޮޅެއްގައި ޕާސްޕޯޓް ހިދުމަތް ވަނީ ފަށާފައެވެ. އޭގެއިތުރުން ހުޅުމާލެއާއި ވިލިމާލޭގައިވެސް ޕާސްޕޯޓް ހެދުމުގެ ހިދުމަތް ވަނީ ދޭން ފަށާފައެވެ.
މި މަޝްރޫއު އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ ހުރިހާ އަތޮޅެއްގައި އައީޑި ކަޑާއި ޕާސްޕޯޓްގެ ހިދުމަތް ފަށާއިރު އެ ތަންތަނުން ޕްރިންޓްކުރެވޭނީ ހަމައެކަނި މާލޭގައި ހުންނަ މައި އިދާރާތަކުން އޮތަރައިޒް ކުރާ އައިޑީކާޑާއި ޕާސްޕޯޓްތައް އެކަނި ކަމަށެވެ.
މީގެއިތުރުން މުޅި ރާއްޖެގައި ހިދުމަތް ފަށާއިރު އެންމެ ބޮޑު ގޮންޖެހުމަކީ މައުލޫމާތުގެ ރައްކާތެރިކަމާއި އައިޑީކާޑާއި ޕާސްޕޯޓު ފަދަ ސެކިއުއާ ޑޮކިއުމަންޓްތަކެއް ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުންކަމަށެވެ. އަދި ކުރީ ސަރުކާތުތަކަށްވެސް މިކަން ނުކުރެވި އޮތީ މި ގޮންޖެހުންތަކުގެ ސަބަބުންކަމަށްވެސް މިނިސްޓަރު އިހްސާން ވަނީ ވިދާޅުވެފައެވެ.