
އެ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގާނޫނީ އަދި ދުސްދޫރީ ބޮޑެތި ކަންބޮޑުވުންތަކެއް އެ ބިލުގައި ހިމެނޭކަމަށެވެ. އެހެންކަމުން އެ ކަންބޮޑުވުންތައް ރައީސް ޑރ. މުހައްމަދު މުއިއްޒާއި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އާއި ބަންޑާރަ ނައިބާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅާފައިވާ ކަމަށެވެ.
އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އައްޔަން ކުރުމުގެ އިޖުރައާތު ގާނޫނުއަސާސީގައި ސާފުކޮށް ބަޔާންކޮށްފައި ވާއިރު، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރު ނުވަނީސް، ފަނޑިޔާރަކު މަގާމުން ވަކިކޮށްގެން ނުވާނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަން ބާ ކައުންސިލްގެ ބަޔާނުގައިވެއެވެ.
ބާ ކައުންސިލުން ބުނީ އަމިއްލަ ފަރުދަކު ވިޔަސް އަދި ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުކުރި މީހަކު ވިޔަސް ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށެވެ. އެކަމަކު އެ ބިލަކީ ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވޭފަދަ ބިލެއް ކަމަށް ބާ ކައުންސިލުން ނެރުނު ބަޔާނުގައިވެއެވެ.
މިއަދު މަޖިލީހުން ފާސްކުރި ބިލުގައި ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ހަތް ފަނޑިޔާރުންގެ ތެރެެއިން ދެ ފަނޑިޔާރަކު އެ މަގާމަށް ގާބިލު ނޫން ކަމަށް ކަނޑައަޅައި، ފަސް ދުވަސް ތެރޭގައި އެކަން މަޖިލީހަށް އަންގަން ޖެހޭނެ ކަމަށް ބަޔާންކޮށްފައި އޮތުމަކީ ގާނޫނުއަސާސީ އާއި ޖޭއެސްސީގެ ގާނޫނާ ވެސް ހިލާފްކަމެއްކަމަށެވެ.
ބާ ކައުންސިލުން ވަނީ އެ ބިލް ތަސްދީގުނުކޮށް އަނބުރާ މަޖިލީހަށް ފޮނުވާލުމަށް ރައީސް މުއިއްޒަށް ގޮވާލާފައެވެ.
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބުދުއްސައްތާރު މުހައްމަދު ހުށައެޅި މި ބިލު އިއްޔެ މަޖިލިހަށް ބަލައިގަނެ ބަހުސްކޮށް ކޮމެޓީން ގަޑިއިރެއްގެ ތެރޭގައި ދިރާސާކޮށްވެސް ވަނީ ނިންމާފައެވެ. އަދި މިއަދު މަޖިލިހަށް ކޮމެޓީން ރިޕޯޓް ހުށައެޅުމުން ގިނަ ވަގުތަކެއް ނުނަގާ ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުންގެ ތާއިދާއެކު ބިލް މި ވަނީ ފާސްކޮށްފައެވެ.
ބިލަށް ވޯޓަށް އެހުމުގެ ކުރިން އިދިކޮޅު އެމްޑީޕީގެ ބައެއް މެމްބަރުންގެ ނަން އިއްވާ މަޖިލީހުން ނެރުމަށްފަހު ބިލް ފާސްކުރީ 68 މެމްބަރުންގެ ވޯޓާއި އެކުއެވެ.