
ޔޫއެންގެ މަޖިލީހުގައި ފެބްރުއަރީ 24 ގައި ނެގުނު ވޯޓެއްގައި ދިވެހިރާއްޖެއިން ޔޫކްރެއިންއާ އެކު ވޯޓުލިކަން ފާހަގަކޮށް ނަޝީދު ކުރެއްވި ޓްވީޓަކާ ގުޅިގެން ސަފީރު ވިދާޅުވީ މިފަދަ ތަޖުރިބާކާރު ސިޔާސީ ބޭފުޅަކު ޔޫކްރެއިން ހަނގުރާމައިގެ މައްސަލަ ހައްލުކުރުމަށް މިހާރު އަންނަމުންދާ ބަދަލުތައް ދެނެވަޑައި ނުގަންނަވާކަމީ ހައިރާންވާ ކަމެއް ކަމަށެވެ.
ސަފީރު އިތުރަށް ވިދާޅުވި ގޮތުގައި އެމެރިކާއިން މިހާރު މި މައްސަލައަށް ގެންގުޅެނީ އަމަލީ އަދި ހަގީގަތާ ގުޅޭ އައު ސިޔާސަތެކެވެ. ނަމަވެސް ނަޝީދު އަދިވެސް ޔޫރަޕުގެ އުދަގޫ އަދި ހަނގުރާމަވެރި ވިސްނުމާ އެއްގޮތަށް ވާހަކަފުޅު ދައްކަވަމުން ގެންދަވާ ކަމަށް ސަފީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ސަފީރު ވަނީ ރަޝިއާގެ ފަތުރުވެރިންގެ ސަބަބުން ދިވެހިރާއްޖެއަށް ލިބެމުންދާ އާމްދަނީއަށް އިޝާރާތްކުރައްވައި، މިކަމަށް ނަޝީދު ޝުކުރުވެރިވާންވާނެ ކަމަށްވެސް ވިދާޅުވެފައެވެ.