
އިއްޒުއްދީން ފާލަން ތަަރައްގީކޮށް ހުޅުވަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަޝްރޫއު ރޯދަ މަސް ނިމުމަށްފަހު ފަށާނެ އެވެ. އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރަން ވަނީ ނިންމައިފަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ މަޝްރޫއުގެ ދަށުން ތަރައްގީ ކުރާނީ ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށެވެ. މަގު ތަރައްގީ ކުރާނީ ކޮޅަކަށް ދެ ލޭނު އޮންނަ ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.
ލޭނު އިތުރު ކުރަން މަގު ފުޅާކުރުމަށްޓަކައި، ޝީޓްޕައިލްކޮށް ފަޅުން ބައެއް ހިއްކާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް މިރޭ ވިދާޅުވި ގޮތުގައި މާލޭގެ އެހެން ހުރިހާ މަގަކާއި ވިލިމާލޭގެ ހުރިހާ މަގެއް ވެސް ޗައިނާގެ ހިލޭ އެހީގެ ދަށުން ތަރައްގީ ކުރާނެ ކަމަށާއި އެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށޭނެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާލޭ ބޮޑުތަކުރުފާނު މަގުގެ ބޮޑު ބައެއްގައި ވަނީ ތާރު އަޅައި، ތަރައްގީކޮށްފަ އެވެ. އެ މަސައްކަތް ކޮށްފައިވަނީވެސް ރައީސް ޑރ. މުއިއްޒު ހައުސިންގ މިނިސްޓަރުކަމުގައި ހުންނެވިއިރު އެވެ. ނަމަވެސް، ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން ރަސްފަންނާ ހަމައަށް ތާރު އަޅާފައެއް ނުވެ އެވެ.