ads
ސިއްރު - 30 ވަނަ ބައި
އެޕިސޯޑް 30
Advertisement

ބުރާސްފަތި ދުވަހުގެ އަދަދާއި ގުޅޭ

އަނދިރީގެ ތެރެއިން އެއަރކޯންގެ ލައިޓް، އަދި ޑިޖިޓަލް ގަޑީގެ ނަމްބަރުތަކުގެ ފަނޑުއަލީގައި ދެ ލޯ ހަމަޔަކަށް އަޅުވާލީމެވެ.

އަހަރެންގެ އެއް އަތުގައިވަނީ ބާރަށް ހިފަހައްޓާފަ އެވެ. އަނެއް އަތުގައި އޮތީ މީހަކު ބޯއަޅައިގެންނެވެ. ފުންމައިގެން ތެދުވެ، އެނދާއި ދިމާއިން ތިރިއަށް ބަލައިލީމެވެ.

ބަސްހުސްވެ، ތަލިން ކުޅުހިކުނީ ފަޅިސިކުންތެއްގެ ތެރޭގަ އެވެ. ބިންމަތީގައި އިށީންދެގެން، އެނދުގައި ބޯއަޅައިގެން މިއޮތީ ޖިރާފް އީތަން މޮންސްޓަރ މުހައްމަދު މަނިކު އެވެ. އަހަރެންގެ ދެ އަތް އޮތީ ރަގަޅަށް ހައްޔަރުވެފަ އެވެ. އީތަންގެ ގަމީހުގެ ބައެއް ގޮށްތައް ނައްޓުވާލާފައިވުމުން މޭމަތީގެ ބޮޑުބައެއް އޮތީ ހާމައަށް ފެންނާށެވެ. ބޮލުގެ އިސްތަށިގަނޑު ތަރުތީބެއް ނެތި ހޭވިފައި އޮތުމުން އީތަންގެ ހާލަތު ދެނެގަންނާން ގިނަވަގުތެއް ނުނެގި އެވެ.

ފަރުވާތެރިކަމާއެކު ގާތްވެލާފައި އީތަންގެ މޫނަށް ބަލައިލީމެވެ. ދެލޮލުގެ ކައިރީގައި ހިކިފައިވާ ކަރުނައިން އަހަރެންގެ ހިތް ރޮއްވާލި އެވެ. ގޮތް ނޭގޭ މި އިންސާނާގެ މައްސަލައަކީ ކޮބައި ހެއްޔެވެ؟ ގާތްވެއްޖެނަމަ ތޫފާނެކެވެ! ދުރުވެއްޖެނަމަ ނުތަނަވަސްކަމެކެވެ! މި އިންސާނާގެ މިޒާޖާއި ހަރަކާތްތައް، އަހަރެންގެ އަމިއްލަ ހިތަށް ވިސްނައިދިނުމަށް ދަތިވެފައިވާކަން ސިކުނޑި ގަބޫލުކުރެ އެވެ. 

ކޮންމެ ގޮތެއްވިޔަސް، އީތަންގެ މިހާލަތު ދެކެން އަހަންނަކަށް ކެތެއް ނުވާނެ އެވެ. ފަރުވާތެރިކަމާއެކު އެނދުންތެދުވެ، އީތަންގެ ގާތުގައި އެނދުގައި އިށީނީމެވެ. މަޑުމަޑުން އީތަންގެ އަތުތެރެއިން އަހަރެންގެ އަތް މިންޖުކުރީމެވެ. ދެ ލޮލުން ކަރުނަ ހިލުނު އިރެއްވެސް ނޭގެ އެވެ. ކޯތާފަތް ހުރަސްކޮށް ކަރުނަ ދެމިގަތީ ހިތް ރޮއްވާލާފަ އެވެ. 

އީތަން މިކުރަނީ ކީއްހެއްޔެވެ؟ އޭނާގެ އަމިއްލަ ނަފުސަށް އީތަން އެ ހަދަނީ ކިހިނެއް ހެއްޔެވެ؟ އުފެދި މޫލަމުންދިޔަ އަހަރެންގެ މި އިހްސާސްތަކަށް އީތަން މިހަދަނީ ކިހިނެއް ހެއްޔެވެ؟ އަހަރުމެން ދެމީހުންނަށް އީތަން މިހަދަނީ ކިހިނެއް ހެއްޔެވެ؟ 

އިހްތިޔާރަކާއި ނުލައި އަހަރެންގެ އަތުން ނުހަނު ލޯތްބާއެކު އީތަންގެ ކޯތާފަތުގައި ފިރުމާލީމެވެ. ހިކިފައިވާ ކަރުނަތައް އެ މޫނުން އެއްކިބައި ކުރަން ހިތް މަޖުބޫރުކުރީ އެވެ. އަހަރެންގެ ހަރަކާތުން އީތަންގެ ނިންޖަށް އުނދަގޫވެއްޖެ އެވެ. އެނދުން ކައްސާލައިގެން އީތަންގެ ބޯ ބިންމަތީގައި ނުޖެހުނީ ކިރިޔާ އެވެ. ނަމަވެސް އަހަރެންގެ ހާޒިރުގައި އެވަރުގެ އަނިޔާއެއް އީތަންއަށް ލިބުމަކީ ނާދިރުކަމެކެވެ. އީތަންގެ ދިފާއުގައި އަތް އުފުލާލުން ނުވަތަ ހިމޭނުން ހުރުން އެއީ އަހަރެންގެ އިހްތިޔާރުގައިވާ ކަމެއް ނޫނެވެ. މި ހަށީގެ ކޮންމެ ގުނަވަނެއް އެއިގެ ވާޖިބު އަދާކުރާނެ އެވެ. މިހިތުގައިވަނީ ސާފު ލޯތްބެވެ. 

އާއެކެވެ! އަހަރެން ދެކެ އީތަން ލޯބިވެ އެވެ. ކިތަންމެ އިހާނެތި ބަސްތަކެއް ދުލުން ބޭރުކުރިޔަސް، ކިތަންމެ ރަހްމެއްނެތް އަނިޔާތަކެއް އަހަރެންގެ މި ހަށިގަނޑަށް ދިނަސް، އީތަން އަހަރެން ދެކެ ލޯބިވެ އެވެ. އީތަންގެ ލޮލުން ކިތަންމެ ފަހަރަކު އަހަރެންނަށްޓަކައި ލޯބި ދުށީމެވެ. އިންކާރުކޮށް ހަރުއަޑުން އަހަރެންގެ ލޯތްބަށް އީތަން ފުރައްސާރަކުރިޔަސް، ފަރުވާލެއް ނެތެވެ. އީތަންގެ ލޯ ދުވަހަކުވެސް ދޮގެއް ނުބުނެ އެވެ.

އަހަރެންނާއި ވަކިން އެންމެ ރެއެއްވެސް އީތަންއަށް ތަހަންމަލް ނުކުރެވެ އެވެ. ދުނިޔޭގެ ލޯތަކަށް ސިއްރުން އީތަން ރޮނީ އެވެ. އޭނާގެ އިހްސާސްތަކަށް އިޖާބަދިނުމެއް ނެތި އެވެ. އީތަން ދޫކޮށްލާފައި އަހަރެން ހިނގައިދާނެކަމުގެ ބިރަށް އެނާގެ އިހްސާސްތައް ކޮންޓްރޯލް ނުކުރެވުނީ އެވެ. ދުލުން ހަރުކަށި ބަސްތައް ބުނެފައި އަހަރެންގެ ހިތް ރޮއްވާލުމުން މިދެމެދުގެ ގުޅުން ކެނޑުނީކަމަށް އީތަން މުހައްމަދު މަނިކަށް ހީވަންޏާ އެއީ މައްސަލައެކެވެ. އަހަރެން ނެތުމުން އޭނާއަށް ކުރިމަތިވެދާނެ ހާލަތާއިމެދު އީތަން ކަންބޮޑުވަނީ އެވެ. އެސަބަބަށްޓަކައި އޭނާއާއި އަހަރެން ދުރުކުރުމަކީ އީތަންގެ އަޒުމެއްކަމުގައި ހެދީކަން ކަށަވަރެވެ. އަހަރެން އީތަންދެކެ ނަފްރަތު ކުރުވުމަށެވެ. 

މަޑުމަޑުން އީތަންގެ ބޮލުގައި ފިރުމާލީމެވެ. ނިންޖަށް ބުރުލެއް ނާރާނެގޮތަށް ބަލާފައި ފަރުވާތެރިކަމާއެކު އެނދުން ތެދުވެ، ބެލްކަނީގައި ހަމަޖެހިލީމެވެ. މިއީ މި ގޭގައި އަހަރެންގެ އެންމެ ހިތްގައިމު މަންޒިލެވެ. އަމާންކަމާއި ހިމޭންކަމުގެ ތެރެއިން ދުރަށް ބަލައިލީމެވެ. ވަށައިގެން ފެންނަނީ ކޮންކްރީޓް ޖަންގައްޔެއް ކަމަށްވިޔަސް ފަރުވާލެއް ނެތެވެ. ދާދި ގާތުގައި އިން ފިނިފެންމާ ގަހަށް ބަލައިލީމެވެ. ތިންހަތަރު މާ ފޮޅެން ތައްޔާރުވެފައިވޭ އެވެ. ފަތިހުގެ ފިންޏަށް ފަރިވަމުންދާ އެ ހިތްގައިމު މާމަލުގެ ވަސް، އަހަރެންގެ ހިއްސުތަކަށް ތާޒާކަން ގެނެސްދިނެވެ.

ގާތުގައި ހުރި ގޮނޑީގައި އިށީނީމެވެ. އީތަންއާއިމެދު ވިސްނާލުމަށެވެ. އަމަލާއި ބަހާއި ހިތާއި އަރާރުންވުމުގައި އީތަން ކުރަމުންދާ ހަނގުރާމައަށް ނިމުމެއް ނެތެވެ. އަމިއްލަ އިހްސާސް ދެނެގަންނާން ނޭގޭމީހަކު، އޭނާގެ ރިހުމަށް ލުއި ހޯދާނެގޮތެއް ނުވިސްނެ އެވެ. 

ހަގީގަތުގައި އީތަން ބޭނުމީ ކޮންކަމެއް ހެއްޔެވެ؟ އޭނާއާއި އަހަރެން ދުރުކޮށް އަހަރެންގެ ހިތުގައި އީތަންއަށް ނަފްރަތު އުފައްދަން އީތަން މަސައްކަތްކުރަނީ ކީއްވެ ހެއްޔެވެ؟ 

އަހަރެންގެ ގާތުން އީތަންގެ ޖަޒްބާތުތަކަށް ފަރުވާލިބޭކަން އަހަރެން ދެނެހުރީމެވެ. އެހެން ނޫންނަމަ، އެތައް ހަމަނުޖެހުމަކަށްފަހު ކޮންމެ ރެއަކު ސިއްރުން އަހަރެންގެ ގެއަށް އައިސް، އަހަރެން ގާތުގައި ނިދާކަށް ނޯންނާނެ އެވެ! ޔަގީނެވެ. އަރާމް ނިދީގައި އަހަރެން ވަނިކޮށް އެތަށް އިރަކު އަހަރެންގެ މޫނަށް ބަލަން އީތަން އިންނާނެ އެވެ. ވަރުބަލިވެ އެސްފިޔަތަކަށް ބަރުވުމުން ނިދީގެ ތެރެއަށް ފީނަނީ އެވެ.

"ނޯ!"

އަހަރެން ދިޔައީ ސިއްސައިގެންނެވެ. އެއީ އީތަންގެ ހަޅޭކުގެ އަޑެވެ.

"ޑޯންޓް- ޑޯންޓް...!"

ދުވެފައި ކޮޓަރިއަށް ވަނީމެވެ. އީތަން އޮތީ ނިދާފަ އެވެ. ނިއްކުރީގައިވަނީ ދާބޮކިޖަހާލާފަ އެވެ. ދެބުމަ ގޮށްޖަހާލާފައިވާއިރު ނިއްކުރީގައި ނުތަނަވަސް ރޫތައް ބޮނޑިވެފައިވެ އެވެ. މޫނުމަތީގައި އަމާންކަމެއް ނެތެވެ. ދެއަތުން ބެޑްޝީޓްގައި ބާރަށް ހިފަހައްޓާފައިވަނީ އިނގިލިތަކުން ހުޅުތައް ބިންދައިގެން ދާހައި ބާރަށެވެ. ދެފަރާތް ދެފަރާތަށް ބޯ ހޫރުވަން ފެށި އެވެ. މިއީ ބަލަން ފަސޭހަ މަންޒަރެއް ނޫނެވެ.

"އީތަން؟" ނުހަނު ގާތަށް ގުދުވެލާފައި މަޑުމަޑުން ގޮވައިލީމެވެ. ކުޑަވެސް އިޝާރާތެއް ނެތެވެ.

"ޕްލީޒް- ޑޯންޓް!" އަނެއްކާވެސް ހަޅޭއްލަވައިގަތެވެ.

ޔަގީނެވެ. ބިރުވެރި ހުވަފެނެއްގެ ޝިކާރައަކަށްވެ، އީތަން އެވަނީ ބިރުވެރިކަމެއްގެ ތެރޭގަ އެވެ. 

"އީތަން!!"

ސައިޑް ލޭމްޕް ދިއްލާލާފައި އީތަންގެ މޫނުގެ ދެފަރާތުން ހިފަހަށްޓާލާފައި ނުހަނު ބާރަށް އީތަންއަށް ގޮވާލީމެވެ. 

"ރިދީ!" ހަމަ އެބާރުމިނުގައި އަހަރެންގެ ނަން ކިޔަމުން އީތަން އަށް ހޭލެވިއްޖެ އެވެ. 

ބުނާނެ އެއްޗެއް ނޭގުނެވެ. އީތަންއަށް ފެންނަމުންދިޔައީ އަހަރެންގެ ހުވަފެނެއް ހެއްޔެވެ؟ ފެންނަމުންދިޔަ ބިރުވެރި ހުވަފެން ގުޅިފައިވަނީ އަހަރެންނާ ހެއްޔެވެ؟ އެފަދަ ބިރުވެރިކަމެއް އީތަންގެ މޫނާއި ހަރަކާތްތަކުން އެ ފެނުނީ އަހަރެންގެ ހައްގުގައި ހެއްޔެވެ؟ 

ހަމަޖެހިލާން މަސައްކަތްކުރަމުން އީތަން އަހަންނަށް ބަލައިލި އެވެ. ލިބިފައިވާ ޝޮކުން، ހަމަޔަކަށް އެޅެން އީތަން ވަގުތުކޮޅެއް ބޭނުންވި އެވެ.  ބޮޑު ހަނގުރާމައެއް ކޮށްފައި އައި މީހެއް ފަދައިން، އަހަރެން ފެނުމުން އީތަން ހަމަޖެހިލީ އިރުކޮޅެއް ފަހުންނެވެ. އަހަރެންގެ ލޮލަށް ބަލައިލުމަށްފަހު ފުން ނޭވާއެއް ލި އެވެ. 

"ޔޫ އާރ އޯކޭ؟" ކުއްލިޔަކަށް އީތަން ސުވާލުކުރި އެވެ. އަދި ފުންނޭވާއެއްލަމުން އަހަރެންގެ ދެއަތުގައި ހިފާފައި ދަމައިގަތެވެ. 

އީތަންގެ މޭގައި އަހަރެން ލައްވީ، ކުއްލި ހައިރާންކަމަކާއެކު އެވެ. އެފަދަ ގޮތަކަށް އަހަރެންގެ ގައިގައި މިވަގުތު އީތަން ބައްދާލަފާނެކަމަށް ހީކުރެވިފައެއް ނެތެވެ.  

އަހަރެންގެ ބޯ ލައްވީ އީތަންގެ މޭގަ އެވެ.  އަހަރެންގެ ގައިގައި ނުހަނު ބާރަށް ބައްދާލި އެވެ. އަދި އަހަރެންގެ ބޮލުގައި ދަތްދޮޅި އަޅުވާލާފައި އެތައް ފަހަރަކު އަހަރެންގެ އިސްތަށިގަނޑުގައި ބޮސްދިނެވެ.

ވިންދު އަވަސްވެފައިވާ ހިތުގެ ތެޅުން ސާފުކޮށް އިވެ އެވެ. ދެއަތުގައި ހުރި ބާރެއްލާފައި އީތަންގެ މެއާއެކު އަހަރެން ފިއްތާލި އެވެ. ދުލުން އެންމެ ލަފްޒެއްވެސް ބޭރުނުކުރެވޭވަރަށް އީތަންގެ ދެއަތުގެތެރޭގައި އަހަރެން ހައްޔަރުކޮށްލި އެވެ. 

ނިމިގެން މިދަނީ އަހަރުމެން ދެމީހުންނަށް ބޮޑު ރެއެކެވެ. އީތަންދެކެ އަހަރެން އައި ރުޅި ހަނދާނެއް ނުނެތެ އެވެ. ބަޔާންކުރުމަށް ކުޅަދާނަނުވާ މިންވަރަށް އަހަރެން ހުރީ ހިތްދަތިކަމުގެ ހިތާމައިގަ އެވެ. ހުރިހައި އިހްސާސެއް އެއްފަރާތް ކުރީމެވެ. 

މިވަގުތު އީތަންއަށް އަހަރެން ބޭނުންވަނީ ކިހައި މިންވަރަކަށްކަން، އެހެންމީހަކު އަހަރެންނަށް ބުނެދޭކަށް ނުޖެހެ އެވެ. 

އުނދަގުލުން ނަމަވެސް ދެއަތް ސަލާމަތްކޮށްގެން އީތަންގެ ބުރަކަށީން ދެފަރާތުން ބައްދާލީމެވެ. އަދި މަޑުމަޑުން ފިރުމަން ފެށީމެވެ. ލިބިފައިވާ ނުތަނަވަސްކަމާއި އީތަންއަށް ކުރެވެމުންދޔަ އިހްސާސްތަކަށް ތަސައްލީއެއް ގެނެސްދިނުމަށް އަހަރެންގެ ލޯބި، މިވަގުތު ދޭންޖެހުނު ކޮންމެ ގުރުބާނީއެއް ދޭން ތައްޔާރެވެ.

އަހަރެންގެ ފިރުމުންތަކުން އީތަންއަށް ލުއިލިބެން ފަށައިފި އެވެ. ހަރުދަނޑިވެފައިވާ ބަރު ހަށިގަނޑަށް ލުއިލިބެމުންދިޔަ އެވެ. މަޑުމަޑުން އަހަރެންގެ ފިރުމުންތަކަށް އިޖާބަދޭން ފަށައިފި އެވެ.

އަހަރެންގެ ހަށިގަނޑުން އަތް ނައްޓުވާލުމަށްފަހު، ނުހަނު ފަރުވާތެރިކަމާއެކު އަހަރެން ހަށިގަނޑަށް ބަލައިލި އެވެ. ތިރިން މައްޗަށް އަދި މަތިން ތިރިއަށެވެ. އެއްވެސް ގުނަވަނަކަށް ގެއްލުމެއް ލިބިފައިވޭތޯ ވަކިވަކިން ޗެކްކުރި އެވެ. 

"އާ ޔޫ އޯކޭ، އީތަން..؟" އަހަރެން ސުވާލުކޮށްލީމެވެ. 

އާއެކޭ ބުނުމަށް ބޮލުން އިޝާރާތްކޮށްލި އެވެ. އަހަރެންނާއި ދިމާއަށް ނޫން އެހެން ހުރިހައި ދިމާއަކަށް އޭނާ ބެލި އެވެ. އެއީ ލަދުންކަމެއް ނޫނީ ބިރުންކަމެއް ނުވަތަ ކުރެވޭ ކަންކަމާމެދު ޔަގީން ނުވެގެންކަމެއް އަހަންނަކަށް ނޭގެ އެވެ. 

"އަހަރެން... ބޭނުން ... އަހަރެންގެ... ނަފުސު.. މައިތިރިކޮށް... ހަމަޔަކަށް އަޅުވާލަން... ކުޑަކޮށް... އަހަރެން..." އަޅައަޅައިގަންނަމުން އީތަން ވާހަކަދައްކަމުން ތެދުވި އެވެ. އަދި މަޑުވެސް ނުކޮށް ނިކުތީ ބެލްކަންޏަށެވެ. ބެލްކަނީގެ އެއް ފަރާތުގައި ބަހައްޓާފައިހުރި ކުޑައުނދޯލީގައި އީތަން އިށީނެވެ. އަދި ދެ ކަކުލުގައި އުޅަނބޮށި ޖައްސައި، މޫނުގައި ދެއަތް އަޅާއި ފޮރުވި އެވެ. 

މަޑުމަޑުން ގޮސް، އީތަން ގާތުގައި ހުއްޓުނީމެވެ. ކުރަން ބޭނުން ސުވާލު ހުރީތީ އެވެ. ކޮންމެ ރެއަކު އަހަރެން ނިދުމުން އީތަން މިގެއަށް ވަންނަނީ ކިހިނެއްތޯ ބަލަން، ބޭނުމެވެ. ފެނުނީ ކޮން ހުވަފެނެއްތޯ އޮޅުންފިލުވަން ބޭނުމެވެ. މިގެއަށް މިރޭ އީތަން އައި ކީއްކުރަންތޯ ސުވާލުކުރާން ބޭނުމެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުބުނެ ހިމޭންކަން އިހްތިޔާރުކުރީމެވެ. ހަށަންބަނދެލައިގެން ދާދި ގާތުގައި ހުއްޓުނީމެވެ. 

ބުނާނެ އެއްޗެއް އަދި ހަދާނެގޮތެއްވެސް ނުވިސްނުނެވެ. ފަށާނެ ކޮޅެއް މެދެއް ނޭގުނީ އެވެ. 

ވިސްނާލުމަށްފަހު އުނދޯލީގައި އިށީނީމެވެ. އަދި އީތަންގެ އަތުގައި ބައްދާލީމެވެ. ހަމައެވަގުތު އަނެއް އަތުން އަހަރެންގެ ގައިގައި އީތަން ބައްދާލި އެވެ.

"އަހަންނަށް އެހީތެރިވެދެވޭނެ އެއްވެސް ކަމެއް އެބައޮތްތަ..؟" މަޑުމަޑުން ސުވާލުކޮށްލީމެވެ. ހަގީގަތުގައިވެސް އީތަންގެ ރިހުންތައް ލުއިކޮށްދޭން އަހަރެން ބޭނުމެވެ.

"މިއުޒިކް! ކޮންމެވެސް ލަވައެއް ކިޔާލަދީފާނަން..؟ ލުއި ލިބޭފަދަ ކޮންމެ ލަވައެއްވިޔަސް އޯކޭ..!" މަޑުމަޑުން ބުނެލި އެވެ. އުއްމީދާއި އުފާވެރިކަން އެ އަޑުގައިވި އެވެ. އީތަންގެ ލޮލަށް އަހަރެން ބަލައިލީމެވެ. މޫނުމަތީގައި ކުރިން ހުރި ނުތަނަވަސްކަމާއި ބިރު މިހާރަކު ނެތެވެ.

އީތަންގެ ހުށަހެޅުމަށް ނޫނެކޭ ބުނާނެގޮތެއް ނުވިސްނުނެވެ.

"އައި- ޑޯންޓް... އައި- ކާންޓް ސިންގް.. ނޯ މިއުޒކް... އައި- ކާންޓް!" އަހަރެންގެ ޖުމުލަ ފުރިހަމަކުރާން ފަސޭހައެއް ނުވި އެވެ. ހޫނު ކަރުނައިން ދެ ލޯ ފުރިއްޖެ އެވެ.

ވާނުވާ ނޭގިފައި އަހަރެންގެ މޫނަށް އީތަން ބަލައިލި އެވެ. ފުން ނޭވާއެއް ލާން މަޖުބޫރުވި އެވެ. ހަގީގަތް އީތަންއަށް ބުނެދޭން ބޭނުމެވެ. އެކަމަށް އަހަރެން ހިތްވަރު ބޭނުމެވެ.  

"އަހަރެންގެ ބައްޕައަކީ ރާއްޖޭގެ ވަރަށް މަޝްހޫރު ލަވަކިޔުންތެރިއެއް.. ބައްޕައަކީ މަޑުމައިތިރި މިޒާޖެއްގެ ހިތްހެޔޮ، ވަރަށް އޯގާތެރިމީހެއް..! މަންމަ، ބައްޕައާއި ކައިވެނިކުރީ ބައްޕަގެ މިއުޒިކާއި ބައްޕަގެ މަޝްހޫރުކަމުގެ ސަބަބުން.. މަޝްހޫރުކަމާއި މުއްސަނދިކަމާއި ފައިސާއާއި ގެދޮރަކީ، މަންމަ ބައްޕައާއި ކައިވެނިކުރި މަގްސަދު..! އަދި މަންމަގެ ނަމާއި ފޮޓޯ، ނޫސްތަކާއި ރޭޑިއޯ ޓީވީން ފެނުމަކީ މަންމަގެ ދިރިއުޅުމުގެ ޓާގެޓް..! ނަމަވެސް މަންމަގެ ބޮޑާކަމާއި ކިބުރުވެރިކަމުގެ ސަބަބުން ބައްޕަގެ މަޝްހޫރުކަމުގެ އެއްވެސް 'ކްރެޑިޓް'އެއް މަންމައަކަށް ނުލިބޭ..! ބައްޕަގެ މަގްބޫލުކަމަށް މަންމަ ހަސަދަވެރިވި..! އެކި ގޮތްގޮތުން ބައްޕައަށް ގޯނާތައް ދެމުންދިޔައީ ބައްޕަ މިއުޒިކްއާއި ދުރަށް ނުގޮސްގެން..! ނަމަވެސް ބައްޕަ ކުރިއަށްދިޔައީ ބައްޕަގެ މިއުޒިކާއެކު.. ގިނަވަގުތުތަކެއް ރިސޯޓްތަކާއި އެކކި ސަރަހައްދުތަކުގެ ކޮންސެޓްތަކުގައި ބައްޕަ ހޭދަކުރާން ޖެހުމުން މަންމައަށް ވަގުތު ނުދޭ ކަމުގެ ޝަކުވާއާއެކު އެކީ މީސްމީހުންނާއެކު މަންމަގެ.... ގުޅުންތައް..." އިތުރަށް އެއްޗެއް ބުނާނެ ހިތްވަރު ނުލިބުމުން އަހަރެން އިސްޖަހައިލީމެވެ. 

ނުހަނު ލޯބިން އަހަރެންގެ ހަށިގަނޑު ގާތްކޮށްލަމުން އަހަރެންގެ ނިއްކުރީގައި އީތަން ކިސްކޮށްލި އެވެ. ހަމަޖެހިލުމަށް އީތަން ވަގުތު ދިނީ އަހަރެންގެ ހާލަތު އެނގޭތީ އެވެ.

"ބައްޕަ ނިޔާވީ ކާރު އެކްސިޑެންޓެއްގައި.. ކާރުގެ ބުރަކި ފެއިލްވެގެން.. ކާރުކޮންޓޮރޯލުން ނައްޓައިގެން... އެކަމަކު އެއީ ބްރޭންޑް ނިއު ކާރެއް.. އެކްސިޑެންޓްވީ ކާރު ދުއްވާންފެށި ފުރަތަމަ މަހުގައި.." ނުހަނު އުނދަގުލުން އަހަރެން ބުނީމެވެ. 

ހައިރާންކަމާއެކު ދުރަށްޖެހިލާފައި، އަހަރެންގެ މޫނަށް އީތަން  ބަލައިލި އެވެ.

"އިމްޕޮސިބަލް...! ހައު..!؟" ގަބޫލުނުކުރެވިފައި އީތަން ސުވާލުކުރި އެވެ. (ނުނިމޭ)

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް