
ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ނާޝިދު ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ދަށުން ފުރަތަމަ ސްމާޓް މީޓަރުތައް ހަރުކުރާނީ ހުޅުމާލޭގައެވެ. މި މީޓަރުތަކުގެ ސަބަބުން ކަސްޓަމަރުންނަށް ކޮންމެ 15 މިނެޓަކުން އެއްފަހަރު ކަރަންޓު ބޭނުންކުރެވޭ މިންވަރު ބެލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ކަރަންޓުގެ ހިދުމަތް ޒަމާނީ ކުރުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދާ މި މަޝްރޫއަށް މަގުފަހިކުރުމަށް، ސްޓެލްކޯއިން ވަނީ މިދިޔަ އަހަރު ޕައިލެޓް ޕްރޮޖެކްޓެއް ކުރިއަށް ގެންގޮސްފައެވެ. އަދި އެ ޕްރޮޖެކްޓުން ހޯދި ކާމިޔާބީގެ މައްޗަށް ބިނާކޮށް، މިހާރު ވަނީ ފުޅާ ދާއިރާއެއްގައި މި ހިދުމަތް ތައާރަފުކުރުމަށް ތައްޔާރުވެފައެވެ.
ނާޝިދު ވިދާޅުވި ގޮތުގައި ސްމާޓް މީޓަރުތައް ހަރުކުރުމުން ކަސްޓަމަރުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި މީގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރު އެނގި، އެއާ އެއްގޮތަށް ކަރަންޓު ބޭނުންކުރުމުގެ އާދަތައް ބައްޓަންކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.