
މިއަހަރަކީ އެކުންފުންޏަށް 30 އަހަރު ފުރޭ އަހަރު ކަމަށްވުމާއެކު މިއީ އެ މުނާސަބަތާއި ރޯދަ މަހާއި ގުޅުވައިގެން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ.
މި ޕްރޮމޯޝަން ފަށާފައިވަނީ އިއްޔެ އެވެ. އެގޮތުން 31 މާޗްގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ ޝަރުތުތައް ފުރިހަމަވާ ކަަސްޓަމަރުންނަށް ކަމަށް އެމްޑަބްލިއުއެސްސީން ފާހަގަކުރެ އެވެ.
ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ:
- އެމްޑަބްލިއުއެސްސީގެ ޑޮމެސްޓިކް ކަސްޓަމަރަކަށްވުން
- ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި އެމްޑަބްލިއުއެސްސީގެ އެޕް މެދުވެރިކޮށް ބިލަށް ފައިސާ ދައްކާ ކަސްޓަމަރުން ކަމުގައި ވުން
- ޕްރޮމޯޝަންގެ މުއްދަތު ހަމަވާއިރު، ފައިސާ ދެއްކުމުގެ މުއްދަތު ހަަމަވެފައިވާ އެއްވެސް ފެންބިލެއް ނުވަތަ އަދަދެއް ނުދައްކައި ނެތް ކަސްޓަމަރުން
ޕްރޮމޯޝަންގައި ގުރުއަތުން ހޮވޭ ނަސިބުވެރި 3 ފަރާތް އިއުލާން ކުރާ ތާރިހުން ފެށިގެން އެއްއަހަރު ދުވަހުގެ ތެރޭގައި އުމްރާ ދަތުރުގެ ބޭނުންކުރަން ވާނެކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ. އަދި އުމްރާ ދަތުރު ލިބުނު ފަރާތަށް އެ ދަތުރު ބޭނުން ނުކުރެވޭނަމަ އެހެން މީހަަކަށް ބަދަލުކުރުމުގެ ފުރުސަތުވެސް ދެވިގެން ދާނެކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ.
ގުރުއަތުން ހޮވުނު ފަރާތް ރަސްމީކޮށް އިއުލާންކުރެވޭނީ އެބްޑަމްލިއުއެސްސީގެ ސޯޝަލް މީޑިއާ، ވެބްސައިްޓް އަދި ކަސްޓަމަރުންނާ މައުލޫމާތު ފޯރުކޮށްދޭ އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ކަަމަށެވެ. އަދި ގުރުއަތު ނަގަން ހަަމަޖެހިފައިވާ ތާރީހު ކަސްޓަމަރުންނާއި ފަހުން ހިއްސާކުރާނެކަަމަށް އެ ކުންފުނިން ބުނެ އެވެ.
އެމްޑަބްލިއުއެސްސީން ބުނިގޮތުގައި މި ޕްރޮމޯޝަން ބޭއްވުމުގެ މަގްސަދަކީ ރޯދަ މަހާއި ގުޅުވައިގެން އެމްޑަބްލިއުއެސްސީގެ ކަސްޓަމަރުންނަށް ފަހި ފުރުސަތެއް ތަނަވަސްކޮށްދިނުމާއި ވީހާވެސް ގިނަ ކަސްޓަމަރުންނަށް ކުންފުނީގެ އެޕްއަށް އަހުލުވެރިކޮށް އެޕް ބޭނުންކުރާ ކަސްޓަމަރުންގެ އަދަދު އިތުރުކުރުން ކަަމަށެވެ.
އޭގެއިތުރުން ބިލްދެއްކުމަށް ކައުންޓަރުތަަކަށް އައުމުގެ ބަދަލުގައި އެޕް ފަދަ ޒަމާނީ ވަސީލަތް ބޭނުންކުރުމަށް އާންމުން ބާރުއެޅުމާއި، ކައުންޓަރަށް އައުމުގެ ބަދަލުގައި އެޕުން ބިލްދައްކައިގެން ވަގުތު ސަލާމަތްކުރުމާއި، އެމްޑަބްލިއުއެސްސީގެ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް، ފަސޭހަކޮށް ޒަމާނީ ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއެރުން ހޯދުމަކީވެސް މި ޕްރޮމޯޝަންގެ މަގްސަދެއް ކަމުގައި އެމްޑަބްލިއުއެސްސީން ބުނެ އެވެ.
މި ޕްރޯމޯޝަންއާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް ކުންފުނީގެ ކަސްޓަމާ ކެއާ ސެންޓަރުގެ ހޮޓްލައިން 105 ގުޅާ، ނުވަތަ 1050 އަށް އެސއެމްއެސް ފޮނުވުމަށް ނުވަތަ އީމެއިމް މެދުވެރިކޮށް އެހީތެރިކަން ލިބިގެންދާނެކަަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ.