ads
މަކްތަބް ސަލަފީގެ ބޭފުޅުން އިއްޔެ ހޮޓެލް ޖެންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުހައްމަދު ހަސަން (މ)ގައި -- ފޮޓޯ: ސީއެންއެމް
އިލްމުވެރިންގެ ކޯޅުންތައް ނިންމާލާކަށް ނުވޭތަ!؟
އިލްމުވެރިންގެ ކޯޅުންތައް ނިންމާލާކަށް ނުވޭތަ!؟
Advertisement
ރާއްޖެ އަކީ ސަތޭކަ އިންސައްތަ އިސްލާމީ ދައުލަތަކަށްވާތީ ދިވެހިންގެ މެދުގައި އެއްބައިވަންތަަކަމާއި ހަމަޖެހުން ގާއިމުވެފައި އޮތުމަށް އިލްމުވެރިންގެ ދައުރު ވަރަށް ބޮޑެވެ. އިސްލާމް ދީނުގެ ރީތި އުސޫލުތައް ދީނުގައިވާ ގޮތަށް އޮޅުން ފިލުވައިދީ މުޖުތަމައު ހޭލުންތެރިކުރުމުގައި އިލްމުވެރިންގެ ޒިންމާ ބޮޑެވެ. ނަމަވެސް ރާއްޖެއިން މިއަދު މިފެންނަނީ ދިވެއްސެއްގެ ހައިސިއްޔަތުން ކަންބޮޑުވާ މައްސަލަތަކެކެވެ. އާންމު ރައްޔިތުންގެ ކުރިމަތީގައި ދީނީ އިލްމުވެރިން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ރައްދު ދެއްވަނީ އެވެ. އެ އިލްމުވެރިޔަކު ގަބޫލުކުރައްވާ ގޮތް އެއީ ދީނުގައި އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ހުކުމްކުރައްވާ، ފިކުރު ތަފާތުވާ އިލްމުވެރިޔާގެ އަބުރު ކަތިލައްވަނީ އެވެ. އެހެންކަމުން އާންމުންގެ އިހްތިރާމާއި ލޯބި ލިބިގަތުމަށްޓަކައި އިލްމުވެރިންވެސް އަމިއްލަ މަސްލަހަތު އިސްކުރަން ޖެހިއްޖެ އެވެ.


އިލްމުވެރިން ހިޔާލު ތަފާތުވުމުގެ ނަތީޖާ އަކީ ކޮބާ؟

އެކަަމުގެ ނަތީޖާ މިއަދު ރާއްޖެއިން މިދަނީ ފެންނަމުންނެވެ. ދީނީ ކަންކަމުގައި ރައްޔިތުންގެ މެދުގައި ތަފާތު ވިސްނުންތަކާއި ފިކުރުތައް އުފެދި މުސްތަގުބަލް މިދަނީ ބަނަވަމުންނެވެ. ތިމާ ފަދަ މުސްލިމު އަޚާގެ ލޭ ހުއްދަކުރާާ ދިވެހިން ރާއްޖޭގައި މިއަދު އެބަތިއްބެވެ. ދީނީ ހަރުކަށި ވިސްނުމުގައި ސިކުނޑި ތަޣައްޔަރުވެ ތިމާގެ ދަރިންނަށް ވެކްސިން ނުދޭ ބެލެނިވެރިން ރާއްޖޭގައި އެބަތިއްބެވެ. ދަރިން ސުކޫލުތަކަށް ފޮނުވައިގެން ކިޔަވައިދޭން ބޭނުން ނުވާ ބެލެނިވެރިން އެބައުޅެ އެވެ. ރަނގަޅަށް ބާލިޣު ނުވާ ކުދިންނާ "ކައިވެނި" ކުރާ ހަރުކަށި ވިސްނުމުގެ މީހުން ގިނަ އެވެ. މިއީ ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުންނާއި ސަލާމަތީ ބާރުތަކުން ހާމަކޮށްފައިވާ މައުލޫމާތެވެ.

ރާއްޖޭގައި ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ މީހުންގެ އަމަލުތަކާ ގުޅޭގޮތުން މީގެކުރިން ނުދައްކާ އެތައް ވާހަކަތަކެއް ސަލާމަތީ ބާރުތަކުގެ އެންމެ އިސްވެރިން ވަނީ މިދިޔަ ހަފްތާ ބޭއްވި ވިޔަވަތި މަހާސިންތާގައި ހާމަކުރައްވާފަ އެވެ. އެ މައުލޫމާތުތަކުގެ ތެރޭގައި ބިރުން ފިތްކަނޑައިގެންދާ ފަދަ ބިރުވެތި ވާހަކަތައް އެބަހުއްޓެވެ. ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވި ގޮތުގައި މީހުން މެރުމަށް ތައްޔާރަށް 1400 އެއްހާ ދިވެހިން އެބަތިއްބެވެ. މެދުއިރުމަތީގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަތަކުގައި ބައިވެރިވުމަށް 423 މީހުން ވަނީ އެކި މަރުހަލާތަކުގައި މަސައްކަތް ކޮށްފަ އެވެ. ސީރިއާ އާއި އިރާގައި އަފްޣާނިސްތާން ފަދަ ގައުމުތަކުގައި ހިނގާ ދާޚިލީ ހަނގުރާމަތަކުގައި މަރުވި ދިވެހިންގެ އަދަދު އެނގޭ އިދާރާއެއް ވެސް ނެތެވެ.

ރާއްޖެ މިހާލަތަށް ދިޔައީ ހަމައެކަނި އިލްމުވެރިންގެ ސަބަބުން ކަމަށްް ބުނަނީކީ ނޫނެވެ. ނަމަވެސް ކުރިން މިފާހަގަކޮށްލި މައްސަލަތައް ގުޅިފައިވަނީ ދީނީ ވިސްނުމާ އެވެ. މިފަދަ މީހުންގެ ގަބޫލުކުރުންތައް ގުޅިފައިވަނީ ކޮންމެވެސް ދުވަހަކު ކޮންމެވެސް އިލްމުވެރިޔަކު ދެއްކެވި ވާހަކަތަކެއްގެ މައްޗަށެވެ. އެހެންކަމުން ނަތީޖާ ބަދަލުކޮށް ހެޔޮ މަގަށް މުޖުތަމައު ގެނައުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހިއްޖެ އެވެ.


އިލްމުވެރިންގެ މައްސަލަތައް ހައްލުކުރަން މުއައްސަސާތަކުން ކުރީ ކޮން ކަމެއް؟

ހަގީގަތަކީ އިސްލާމިކް މިނިސްޓްރީއާއި ކަމާ ގުޅޭ އެހެން އިދާރާތަކަށް މަސްއޫލިއްޔަތު އަދާނުކުރެވުމެވެ. ދިވެހި ރައްްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގައި އިސްލާމިކް މިނިސްޓްރީއަށް މުހިއްމު ޒިންމާތަކެއް ހަވާލުކޮށްފައިވެ އެވެ. ދީނީ މައްސަލަތަކުގައި ކަންކުރަންވީ ގޮތް ވެސް ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވެ އެވެ. ފިގުހު އެކަޑަމީއެއް އޮތް އިރު އެއީ "މަރުވެފައި" އޮތް ތަނެކެވެ. އެހެންކަމުން ދީނީ އިލްމުވެރިންގެ ހިޔާލުތަފާތުވުންތަކުގެ ނަތީޖާ ގޯސްވީ ގާނޫނީ ހަމަތަކުގެ ތެރެއިން ކުރަންޖެހޭ ކަންކަން ނުކުރެވުމުންނެވެ. ފިޔަވަޅުތައް އެޅުން އާދަޔާ ޚިލާފަށް ލަސްކުރުމުންނެވެ. މުއައްސަސާތަކުގެ ދައުރު އަދާ ނުކުރެވުމުންނެވެ. އަދި ފިޔަވަޅު އެޅުމުގައި އެ އިރެއްގައި އޮންނަ ސަރުކާރެއްގެ ސިޔާސީ ވިސްނުމާ އެއްގޮތަށް ޒާތީ ގޮތުން ފިޔަވަޅު އެޅުންވެސް އެއީ އިލްމުވެރިންގެ މައްސަލަތައް ގޯސްވި ސަބަބެކެވެ.

ދިވެހި ރައްްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގައި "ދީނީ ޝިއާރު ފާޅުކުރުން" ކަމަށް ބުނެފައިވަނީ ހެޔޮ ކަންތައްތަކަށް އަމުރުކޮށް ނުބައި ކަންތައްތައް ނަހީކުރުމާއި އިސްލާމް ދީނުގެ އަގީދާއާއި ހުކުމްފުޅުތަކާއި އަމުރުފުޅުތަކާއި ވާޖިބުތަކާއި އޭގެ ދަަށުން ތަރުތީބުވެގެން އަންނަ އެންމެހާ ކަންތައްތަކެއް މީސްތަކުންނަށް ބަޔާންކޮށްދީ އިސްލާމް ދީން ގާއިމުކުރުމަށެވެ.

ގާނޫނުގެ ތަރަހައިގެ ބޭރުން ދީނީ ޝިއާރު ފާޅުކުރާ މީހުންގެ މައްސަލަތައް ދޭތެރެދޭތެރެއިން ފެންމަތިވެ އެވެ. އާންމުންވެސް މިފަދަ މީހުންގެ މައްސަލަތައް އިސްލާމިކް މިނިސްޓްރީއާއި ކަމާ ގުޅޭ އިދާރާތަކުގެ ސަމާލުކަމަށް ގެންނަމުންދެ އެވެ. ނަމަވެސް މައްސަލައަކީ ފިޔަވަޅު އެޅުން ލަސްވުމެވެ. ދީނީ ޝިއާރު ފާޅުކުރާއިރު އެކަންކަން ބަލައި މޮނީޓާ ކުރާނެ ހަރުދަނާ ނިޒާމެއް ނެތުމެވެ. ޒަމާނާ އެއްގޮތަށް ކަންކަމަށް ގެންނަން ޖެހޭ ބަދަލުތައް ނުގެނައުމަކީ ވެސް މުއައްސަސާތަކުގެ ބޮޑު ފެއިލްވުމެކެވެ.


އިލްމުވެރިން ނިސްބަތްވާ ޖަމާއަތްތަކުގެ ކޯޅުން

އިލްމުވެރިންގެ މެދުގައި އޮތް ހިޔާލުތަފާތުވުން ބޮޑުވެ ތަފާތު ނަންނަމުގައި ހިންގާ ޖަމިއްޔާ، ޖަމާއަތްތަކާއި، ގުރޫޕްތައް ގިނަވެ އެއް ބޔަކު އަނެއް ބަޔަކު ކުށްވެރިކުރުން މިވަނީ އާންމުވެފަ އެވެ. ހޮޓެލް ޖެންގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައިވެސް ފެނިގެން ދިޔައީ އެ މަންޒަރެވެ.

ގދ. ތިނަދޫ، ރެޑްސީ، މުހައްމަދު ހަސަނަކީ ދީނީ ހަރުކަށި ފިކުރު ފަތުރާ ބޭފުޅެއް ކަމަށް ކަނޑައަޅައި އޭނާއަށް ދޫކޮށްފައިވާ ދީނީ ދަރުސް ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަނީ މިދިޔަ ހަފްތާގައި ސަސްޕެންޑްކޮށްފަ އެވެ. މުހައްމަދާ އެކު އިތުރު ދެ އިލްމުވެރިޔަކަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ފިޔަވަޅު އަޅާފަ އެވެ. އެހެންކަމުން މުހައްމަދު ވަނީ އޭނާއާ ދެކޮޅަށް އެޅި ފިޔަވަޅުގެ ދިފާއުގައި އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވާފަ އެވެ. އަދި ބައެއް އެހެން ޖަމާއަތްތަކަށް ނިސްބަތްވާ ބައެއް އެހެން ދީނީ އިލްމުވެރިންނަށް އޭނާ ވަނީ ބޮޑެތި ތުހުމަތުތަކެއް ވެސް ކުރައްވާފަ އެވެ.

މުހައްމަދު ވިދާާޅުވީ އޭނާ ނިސްވަތްވާ މަކްތަބް ސަލަފީ ޖަމާއަތަކީ، ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރާ ބައެއް ކަމަށެެވެ. އަދި އެ ފިކުރަށް ހިތްވަރު ލިބޭ ގޮތަށް އެއްވެސް އިރަކު ވާހަކަ ނުދައްކަވާ ކަމަށްވެސް ތަކުރާރުކޮށް ވިދާޅުވި އެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި ވަނީ ޖަމިއްޔަތުއްސަލަފަށް ނިސްބަތްވާ ބައެއް އިލްމުވެރިންނާއި އަދާލަތު ޕާޓީއަށް ނިސްބަތްވާ ބައެއް އިލްމުވެރިން ލިޔުއްވާފައިވާ ލިޔުންތަކާއި ކުރައްވާފައިވާ ސޯޝަލް މީޑިއާ ޕޯސްޓްތައް ޕްރެޒެންޓޭޝަނެއްގެ ގޮތުގައި ދައްކާލާފަ އެވެ. އަދި އޭގެ ފަހުން ވަނީ އެއީ ޓެރަރިސްޓުންނަށާއި ހަރުކަށި ފިކުރަށް ތާއީދުކޮށް ލިޔެފައިވާ ލިޔުންތަކެއް ކަމަށް ވިދާޅުވެ އިލްމުވެރިންތަކަކަށް ބޮޑު ތުހުމަތެއްވެސް ކުރައްވާފަ އެވެ.

މުހައްމަދު ހަސަންގެ ތުހުމަތުތައް އަމާޒުވި އެއް ބޭފުޅަކީ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފެވެ. ރައްދުގައި އިޔާޒު ވިދާޅުވީ މީސްތަކުން ގިންތިކޮށް ތިމާމެންގެ ފިކުރާ ދިމާނުވާ ބަޔަކާއި ހަތަރު ކަޅި ހަމަނުކޮށް އަދި ސަލާމް ގޮވިޔަސް ބަލައި ނުގަނެ މޫނު އަނބުރާލާފައި ދާ ސަލަފީ އެމްވީގެ ބޭފުޅުންގެ އަމަލުތަކަކީ އެއްވެސް ގޮތަކުން އިސްލާމީ އުސޫލަށް ފެތޭނެ ކަންތައްތަކެއް ނޫން ކަމަށެވެ.

މިއީ އާންމުން އެ ބަޔަކަށް އިހްތިރާމު ކުރާ ދީނީ އިލްމުވެރިން އާންމުންގެ ކުރިމަތީގައި އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ތުހުމަތުކުރައްވާ ރައްދުދެއްވާ ގޮތެވެ. މިއިން ކޮންމެ ބޭފުޅެއްގެ ނުވަތަ މިއިން ކޮންމެ އިލްމުވެރިޔަކު ނިސްބަތްވާ ޖަމާއަތެއްގެ ފަހަތުގައި އެބޭފުޅުންގެ ދަރުސްތައް އަޑުއައްސަވާ އެތައް ބަޔަކު ތިބޭނެ ކަން އިލްމުވެރިންނަށް އެނގިވަޑައިގަންނަވާ އެވެ. އެހެންކަމުން އިލްމުވެރިންގެ މެދުގައި އުފެދޭ މައްސަލަތައް ހައްލުކުރުމުގައި މިހާރަށް ވުރެ ހަރުދަނާ މިހާރަށް ވުރެ ޒިންމާދާރު ވާންޖެހެ އެވެ. ހިޔާލުތަފާތުވުންތައް ހައްލުކުރުމުގައި އިސްލާމް ދީން ދެއްކެވި ރީތި ގޮތް އިލްމުވެރިން ވެސް އިހްތިޔާރުކުރަންޖެހެ އެވެ. ދެއްވާ ދަރުސްއެއްގައި ކަން އޮތް ގޮތް ހަމައެކަނި ވިދާޅުވުމަކުން ނުފުދެ އެވެ. އަމަލީގޮތުން އިލްމުވެރިން ވެސް ނަމޫނާ ދައްކަވަން ޖެހިވަޑައިގަންނަވާނެ އެވެ. އެހެން ނޫނީ އިލްމުވެރިންނަށް އާންމުން ކުރާ އިހްތިރާމު ގެއްލި މުޅި މުޖުތަމައު މިހާރަށް ވުރެ ވެސް ބޮޑަށް ބައިބައިވެ މުޅި ގައުމަށް އެކަމުގެ ގެއްލުން އެބައޮތެވެ. އިލްމުވެރިންގެ ކޯޅުންތަކަށް ދައުލަތުގެ އިދާރާތަކުން ވެސް ނިމުމެއް ގެންނަން އެބަޖެހެ އެެވެ. އެއީ ގައުމުގެ މަސްލަހަތާއި ހަމަޖެހުމަށްޓަކައި ކުރަންޖެހޭ ކަމެކެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް