ads
ސިއްރު - 33 ވަނަ ބައި
އެޕިސޯޑް 33
Advertisement

އިއްޔެގެ އަދަދު

ފަސްދުވަހު، ނުކައި ނުބޮއި އިނުމުން އަހަންނެކޭ ޒޮންބީއެކޭ ތަފާތެއް ނެތެވެ. އަލަމާރި ހުޅުވާލާފައި ވިސްނާލީމެވެ. މިހުރި ހާލަތަކުން ކޮންމެ ކޮންމެ ހެދުމެއް ލައިގެން ނިކުމެއްޖެނަމަ، އަހަންނެކޭ 'ވާ ބިރުގަންނަވާ'އެކޭ ތަފާތެއް ނުހުންނާނެ އެވެ. އަމިއްލަ ނަފުސާއި ނުހަނު މަޝްވަރާކުރުމަށްފަހު ގޮތެއް ނިންމީމެވެ. މަޑުނޫކުލައިގެ ސްޓްރެއިޓް ޖީންސްއަކާއި، ކަޅު ކުލައިގެ ކްރޮޕް ޓޮޕްއަކާއި، އޭގެ މަތިން ލާނެ އަޅިކުލައިގެ ދިގު ކާޑިގަންއެއް އަހަރެން އިހްތިޔާރުކުރީމެވެ. އިސްތަށިގަނޑު އޮޅާލާފައި ދޫ ހުޅިއެއްޖަހާލީމެވެ. އެއަށްފަހު އަހަރެންގެ ޗެނަލް ކަލެކްޝަނުން އެންމެ ހިތްގައިމު ސެންޓް ޖަހާލީމެވެ. އަދި ލޯގަނޑުން ބަލާލީމެވެ. އަހަންނެކޭ ފަތިހަށް ފޮޅިފައިވާ ތތާޒާ ފިނިފެންމަލެކޭ މިވަގުތު ތަފާތެއް ނެތެވެ. 

ލިބުނު ހިތްހަމަޖެހުމުގައި ހިނިތުންވެލީމެވެ. 

ކުރަންހުރި ގިނަ މަސައްކަތް އެބަހުއްޓެވެ. ފުރަތަމަ ޖެހޭނީ ފޯނު ހޯދާށެވެ. ގޭގެ ކޮންމެވެސް ކަނނެއްގައި އޮވެދާނެ އެވެ. މައާފަށް އެދެންޖެހޭ ނުހަނު ގިނަ މީހުން އެބަތިއްބެވެ. އިކާން އާއި ކާމިލްއަށް އަދާކުރަންޖެހޭ ދަރަނި ބޮޑެވެ! އެދެމީހުންގެ މައާފު ލިބިއްޖެނަމަ ދެންހުރި އެއްވެސްކަމެއް އުނދަގުލެއްނެތި ފުރިހަމަކުރެވޭނެ އެވެ. ލިސްޓުގައި އެންމެ ކުލަގަދަކޮށް ލިޔަންޖެހޭނީ 'އަންފިނިޝްޑް' މަސައްކަތަކަށްޓަކައި އީތަން އާއި ބައްދަލުކުރުމެވެ.

އީތަން އަހަރެންދެކެ ލޯބިވާކަން ކަށަވަރެވެ. މުޅި ދުނިޔެ އެކަމަށް ދެކޮޅުހެދިޔަސް އަހަރެންގެ ފަރުވާލެއް ނެތެވެ. އަހަރެންނަށްޓަކައި އޮތް ލޯބި އީތަންގެ ލޮލުން އަހަރެން ދުށީމެވެ. ހެކި ބޭނުންވެއްޖެ ކޮންމެ މީހަކަށް އަހަރެން ހެކިދައްކަން ތައްޔާރެވެ. ހޭލާހުރުމުގައާއި ނިދީގައިވެސް އަހަރެންނާއިމެދު އީތަން ދެކެފައިވާ ގޮތާއި ކަންކޮށްފައިވާ ގޮތް އެއީ އޮޅިފައި އޮތްކަމެއް ނޫނެވެ. އަހަރުމެން ދެމީހުން ދެމެދު ހިނގާފައިވާ ކަންކަމަކީ އެހެންމީހުންނަށް ދައްކަންޖެހޭ ކަންކަމެއް ނޫނެވެ. އެކަންކަން ހިނގާފައިވަނީ އަހަރުމެން ދދެމީހުންގެ ދެމެދު އެވެ. އެކަންކަމަކީ ލޯބި ކަމަށް ނުވަންޏާއި ދެން އެއީ ކޯންޗެއް ހެއްޔެވެ؟

މިއަދުވެސް، މިހާލަތުގައިވެސް މޫނުމައްޗަށް ހިނިތުންވުން ވެރިވީ، އީތަން އަހަރެންދެކެ ލޯބިވާކަން ހިތުގެ އެންމެ ފުނުން ގަބޫލުކުރުމުންނެވެ. 

ފޯނު ފެނުނީ ބެލްކަނީންނެވެ. ފުރަތަމަވެސް ބަލައިލީ އިންބޮކްސް އެވެ. 

ހަމައެކަނި އަންޔާގެ ހަތްދިހަ ދެ މިސްޑް ކޯލް-

އިކާންގެ ތިންސަތޭކަ ހަތަރު މިސްޑް ކޯލް-

ކާމިލްގެ ސަތޭކަ ދިހަ މިސްޑް ކޯލް-

އީތަންގެ އެއް މެސެޖް އޮތެވެ.

ޖުމުލަ ފައްސަތޭކަ ނުވަދިހަ ތިން މެސެޖް ލިބިފައި އެބައޮތެވެ. މެސެޖްކޮށްފައިވަނީ ހަމައެކަނި އަންޔާއާއި އިކކާންއާއި ކާމިލް އެވެ. ފުންނޭވާއެއް ލީމެވެ. މި ތިން މީހުންނަށް އަހަރެން ދޭންޖެހޭނެ ޖަވާބުތަކާއިމެދުގައި ވިސްނާލީމެވެ. މިފަސް ދުވަހުގެ ޔައުމިއްޔާ އެ ތިން މީހުންނަށް ހުށަހަޅަން ޖެހޭނެކަން ޔަގީނެވެ.

.....................

އިރުގެ އަލިކަން، ފަސް ދުވަސް ފަހުން އަހަންނަށް މަރުހަބާ ކިޔައިފި އެވެ. އަވިގަދަ ވައިމަޑު ދުވަހެކެވެ. އުޑުމަތި ސާފު ވިލާ މަދު ވަގުތެކެވެ. މަގުމަތީގެ ހަލަބޮލިކަމަށް ކުޑަވެސް ބަދަލެއް ނާދެ އެވެ. އުމުރުން ދުވަސްވީ މީހަކަށް އަދި ކުޑަކުއްޖަކަށްވެސް ފުރުސަތެއް ދިނުމެއް ނެތި، މަގުމަތީގައި އޮތީ އެމީހަކާއި އެމީހެއްގެ އުސޫލެވެ. 

ކުއްލިޔަކަށް އަހަރެންގެ ކުރިމައްޗަށް އެރީ މައިކެއް ހިފައިގެން ހުރި ރިޕޯޓަރެކެވެ. އަހަރެން އޭނާ ދަންނަމެވެ. އީތަންގެ އިންޓަރވިއު ނަގަން ކިތަންމެ ފަހަރަކު އޮފީހަށް އައިސްފައިވުމުން އޭނާގެ ތަފްސީލަކަށް އަހަރެން ބޭނުމެއް ނުވެ އެވެ. އެކަމަކު އަހަރެނންގެ ގޭ ދޮރުމަތީގައި އޭނާއަށް އޮތް ޒިންމާއަކީ ކޮބައި ހެއްޔެވެ؟ އަހަންނަކީ 'ސެލިބްރިޓީ' އެއް ނޫނެވެ. އޭނާގެ ހަރަކާތްތައް ހުރިގޮތުން ޝައްކުވެފައި ބަލައިލެވުނެވެ. 

"އީތަންއާއެކު ތިޔަ އުފެއްދި އާގުޅުމާއިމެދު ކީކޭތޯ ބުނަނީ..؟"

"ސޯޝަލްމީޑިއާގައި ލިބެމުންދާ ސަމާލުކަމުގެ ސަބަބުން އިހްސާސްތައް ހުރީ ކިހިނެއްތޯ؟"

"އަދަދު ނުކުރެވޭވަރު އެތައް ކުދިންނެކޭ އެއްފަދައިން ތިއީވެސް، އީތަންގެ އެނދު ހޫނުކޮށްދޭ އާ ބައިވެރިއެއްތޯ؟"

"ރިދީއާއެކު ސޯޝަލްމީޑިއާގައި އީތަންގެ ގުޅުން ހާމަކުރުމުން ކުރެވުނީ ކޮންކަހަލަ އިހްސާސެއް ތޯ؟" 

އޭނާގެ ސުވާލުތައް ބަންޑުން ކޮށްލި އެވެ. އެއިން ސުވާލެއްގައި އޮއްޓަރެއް ހުރިކަން ނުވަތަ އޭގައި ހަގީގަތެއް ވާކަމެއް، ނުވާކަމެއް އަހަންނަކަށް ނޭގެ އެވެ. ނޭވާއެއްވެސް ނުލައި ހިތަށްއައި ހުރިހައި ސުވާލެއް ފައްޗަކަށް އަމުނާލައިފި އެވެ. ގުޑާލަން ނޭގިފައި ހުރެވުނީ އަހަންނަށެވެ. ދެލޯ ބޮޑުވެ އަނގަ ހުޅުވިފައި ހުރެވުނުކަން އެގެންވެސް ވަގުތު ނެގި އެވެ. ދެފަޔާއި އަތްތިލަ ފިނިވެއްޖެ އެވެ. މުޅި ހަށިގަނޑު ގަނޑުވެއްޖެ އެވެ.

މިވަނީ ކިހިނެއް ހެއްޔެވެ؟ މިކިޔަނީ ކީކޭ ހެއްޔެވެ؟ އެ އަޅުވަނީ ކޮންފަދަ އިލްޒާމެއް ހެއްޔެވެ؟

މިއީވެސް އީތަންގެ އަނިޔާއިން މުޅިން އައު ސަފްހާއެއް ހެއްޔެވެ؟ އަހަރެން މިވަގުތު ގެއިން ނިކުންނާނެކަން މި ރިޕޯޓަރަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ ފޯނު އޮންކުރި މެސެޖް ލިބުމުން އޭނާ މިތަނަށް ފޮނުވުމަކީ ވަކި މީހެއްގެ ރޭވުމެއް ހެއްޔެވެ؟ 

"އަޅުގަނޑުގެ ހުރިހާ ސުވާލަކަށް ޖަވާބު ބޭނުން..!" އޭނާގެ ހަރުކަށި އަޑަށް، ސިއްސައިގެން ގޮސް ތެޅިގަނެވުނެވެ.

މަގުމަތިން ދާ މީހުންނަށް އަޑުއިވޭވަރަށް ބާރަށް، ހުއްޓުމެއް ނެތި އޭނާގެ ސުވާލުތައް ތަކުރާރުކުރަމުން ގެންދިޔަ އެވެ. މަގުހިނގަމުންދިޔަ މީހުންނާއި ސައިކަލުތަކުގައި ދަތުރުކުރި ކިތަންމެ މީހަކު އަހަރެން ވަށައިގެން މަންޒަރު ބަލަން ތިބީ، އެމީހުންގެ އަތުގައި އޮތް ފޯނުތައް ދިއްކޮށްގެންނެވެ. ފާޑުފާޑު ހުތުރު ނަންނަމުން އަހަންނަށް އަމާޒުކުރަމުން އިލްޒާމްތައް އަޅުވަމުން ދިޔަ އެވެ.

ގަތްބިރުން އަހަރެން ދެ ލޯމަރައި ތަގުޅިކުރީމެވެ. އަދި ދެ ކަންފަތުގައި ބާރަށް އަތް އެޅީމެވެ. ހަމަ އެވަގުތު އަހަރެންގެ އަތުގައި ހިފާފައި ނުހަނު ބާރަށް މީހަކު ލުއްކިއެއް ޖެހި އެވެ. އެއްވެފައިވާ މީހުންނާއި އަދަބެއް ނެތި އަހަންނަށް ފުރައްސާރަކުރި ރިޕޕޯޓަރުގެ ކުރިމަތީން އެމީހަކު އަހަރެން ދަމަގަތެވެ.

ކަރުނައިގެ ތެރެއިން ފަންޑުކޮށް ފެނުނީ ލޯ ފަރިތަ މޫނެކެވެ. ނަމަވެސް އެމީހަކު ދެނެގަންނާންވެސް މިވަގުތު ފަސޭހައެއް ނޫނެވެ.

"ކާމިލް"

ގިސްލެވެމުންދިޔަކަން އިހްސާސްވީ ކާމިލްގެ މޭގައި އަހަރެން ބޯއަޅާއިގެން ގިސްލާ ރޯއަޑު އަމިއްލަ ކަންފަތަށް އިވުމުންނެވެ. ރައްކާތެރިކަމާއެކު ކާމިލްގެ އަތުތެރޭގައި އަހަރެން ރައްކާކޮށްލި އެވެ. އަދި އޯގާތެރިކަމާއި ލޯތްބާއެކު ބުރަކަށީގައި ފިރުމާލި އެވެ.

"ރިދީ...! ރިދީ ރައްކާތެރިކުރުމުގައި އަހަރެން ފެއިލް ވެއްޖެ..!" ހިތްދަތި ގޮތަކަށް އަހަރެންގެ ކަންފަތްބުޑުގައި ކާމިލް ބުންޏެވެ.

އޭނާގެ ކަރުނަ ސިއްރުކުރާން، ކާމިލްކުރި މަސައްކަތް އަހަރެން ދުށީމެވެ.

"އަހާންއަށް އަހަރެން ވީ ވައުދު ފުރިހަމައެއް ނުކުރެވުނު.." ގިސްލަމުން ކާމިލް ބުންޏެވެ. އަހަރެންގެ ގައިގެ ހިމަލޯލިތައް ކޮޅަށްޖެހުނީ ލިބުނު ޝޮކްގަ އެވެ.

"އަހާން...؟" ކާމިލްގެ އަތުގެ ތެރެއިން ގަދަކަމުން ނިކުމެފައި އަހަންނަށް ހަޅޭއްލަވައިގަނެވުނީ މާހައުލަށް ވިސްނާނުލަ އެވެ.

އަހަންނަށް ލިބުނު ޝޮކް ކާމިލްއަށް އަންދާޒާކުރެވުނެވެ. އަދި އޭނާއަށް ބުނެވުނު އެއްޗެއް އިހްސާސްވިކަން ޔަގީނެވެ. ދުލުގައި ދަތް އަޅައި، އިސްޖެހި އެވެ. އަހަރެންނާއި ދިމާއަށް ނޫން އެހެން ހުރިހައި ދިމާއަކަށް ކާމިލް ބަލަންފެށި އެވެ. ކަމެއް ސިއްރުކޮށް ފޮރުވާން ބޭނުންވެ، އަދި އެކަމުން ފެއިލްވެއްޖެނަމަ މިއީ ކާމިލްގެ ހާއްސަ ހަރަކާތެކެވެ.

'އަހާން'އާއި ގުޅުން ހުރި ކޮންމެ ކަމަކީ އަހަންނަށް ވަރަށް މުހިއްމު ކަމެކެވެ.

އަހާންއަކީ އަހަންނަށް މުހިއްމު ނަމެކެވެ. އެއީ ބައްޕަފަރާތު ބޮޑުބޭބެ އެކެވެ. އާއިލާގެ މީހުންގެ ތެރެއިން ހަމައެކަނި އަހަންނާއި ގުޅުމެއް ބާއްވައި އޯގާތެރިވި މީހަކީ އަހާންބޭބެ އެވެ.

ހަމައެވަގުތު އަހަރެންނާއި ދިމާއަށް ރިޕޯޓަރު މިސްރާބުޖަހައިފި އެވެ.

"ކާރަށް އަރާ..!" ކާމިލްގެ އޯޑަރަށް ކިޔަމަން ވުން ނޫން ގޮތެއް ނެތެވެ. ފުންމައިގެން އަރާ ޕަސެންޖަރ ސީޓްގައި ހަމަޖެހިލިއިރު، ޑްރައިވަރ ސީޓްގައި ކާމިލް އިށީންދެއްޖެ އެވެ.

ދެލޯ މަރައި ތަގުޅިކޮށްލީމެވެ. އަދި ސީޓުގައި ކަނދުރާ ޖައްސާލާފައި ހަމަޖެހިލެވޭތޯ ބެލީމެވެ. އެކަމަކު އެ އަޑުތަކެއް ކަންފަތާއި ދުރަކަށް ނުދިޔަ އެވެ. ހަޑި ހުތުރުވެގެންވީ ހުރިހާ ނަމެއް އަހަންނާއި ދިމާއަށް ކިޔެވެ. އެތައް އިލްޒާމެއް އެޅުވި އެވެ. އެއަޑުތަކެއް ފަނޑެއް ނުވި އެވެ. ހުތުރު އިބާރާތްތަކުން ސިކުނޑި ތަގައްޔަރުކޮށްލުމުން ކަންފަތުގައި އަތް އެޅީމެވެ. އެއަޑުތައް އޮއްބާލަން ބޭނުމެވެ. ވާނުވާ ނޭގި، އަނދިރިވާން ފަށައިފި އެވެ. 

"ރިދީ" އަޑުގެ ނެތްތަނަށް ކާމިލް ހަޅޭއްލަވައިގަތެވެ. 

އަހަރެން ތުރުތުރު އަޅަމުންދިޔަކަމާއި ކަރުނައިން މޫނުގެ ތާޒާކަން ގެއްލިފައިވާކަން އެނގުނީ ކާމިލް އަހަރެންގެ ކަރުނަ ފޮހެލައި ދިނުމުންނެވެ. 

"ކިހައި އިރެއް އަހަރެން ގޮވާތާ...!؟ މުޅި މީހާ ތިވަރަށް ތުރުތުރު އަޅަނީ ކީއްވެ..؟ އެއްވެސް އެއްޗެއް ކައިގެން ތަ ތިއުޅެނީ..؟" އަހަރެންގެ ބައްޕަ އާއި އަހާން ފަދައިން ކާމިލް ސުވާލުކުރާންފެށި އެވެ.

އަހަރެންގެ ހާލަތާއިމެދު ސުވާލެއް ނުކުރެ އެވެ. އެކަމަކު ހުރިހައި ރިހުމެއް ދެނެގަތެވެ. މަގުގެ އެއްފަރާތުގައި ކާރު ޕާކުކޮށްފައި އޮތްކަންވެސް  އެނގުނީ މާފަހުންނެވެ. 

"ދަރިފުޅާ ހަމަޖެހިލާ..!" ފިރުމާލާފައި މަޑުމަޑުން ކާމިލް ބުންޏެވެ.

ކާމިލްއާއި ވާހަކަދައްކާލެވުމުން ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ދަބަހުން ފޯނު ނަގާފައި ބަލައއިލީމެވެ. އެހެން އެންމެންގެ މެސެޖްތައް ބަހަށްޓާފައި އީތަންގެ މެސެޖް ބަލައިލުމުގެ ޝައުގުވެރިކަން އެފެދުނީ އޭނާގެ އެންމެ މެސެޖެއް އޮތީތީ އެވެ.  

މެސެޖް ހުޅުވާލީމެވެ. 

"އައި ޕްރޮމިސްޑް ޓު ރުއިން ޔޫ! ވެލްކަމް އިންޓު ދި މޮންސްޓަރސް ވޯލްޑް، ޕްރިންސެސް" މިފަހަރު ހީބިހި ހިލުވވާލީ އަހަރެންގެ މައިބަދައިންނެވެ. 

އީތަން ހިންގާލައިގެން މިއުޅެނީ ކިހައިވަރެއްގެ ކަމެއް ބާއެވެ؟ ޖީބަށް ފޯނުލާފައި ހަމަޖެހިލެވޭތޯ ބެލީމެވެ.

ހަމައެވަގުތު ނޮޓިފިޝަންތަކާއެކު ފޯނު ވައިބްރޭޓްވާން ފަށައިފި އެވެ. ހިތަށް އެރި އެވެ. 'އީތަން މުހައްމަދު މަނިކު މިފަހަރު ހިންގާލީ ކިހައިވަރެއްގެ ކަމެއްބާ އެވެ؟ 

'އިންސްޓަގްރާމްގައި ނުވަހާސް ނިއު ނޮޓިފިކޭޝަން ވާންޖެހުނު ސަބަބަކީ ދުނިޔޭގެ ހަތް އަޖައިބުން އެއް އަޖައިބަށް ނުވެ ނުދާނެ އެވެ'

ބަރު ހިތަކާއެކު ތުރުތުރު އަޅަމުންދިޔަ ދެއަތުން ބާރަށް ފޯނުގައި ހިފަހައްޓާފައި އިންސްޓާ ހުޅުވާލީމެވެ. ފުރަތަމަވެސް ފެނުނީ އީތަން މުހައްމަދު މަނިކުގެ ޕޯސްޓެކެވެ. ފުރާނައިން ނޭވާ ހުސްވެ، ފައިދަށުން ބިންގަނޑު ދެމިގަނެ، ދުނިޔޭގެ ހަފަރާތުން އަހަރެން ފިއްތާބާރުކޮށްލިހެން ހީވުމުން ހާސްވެ، ތެޅިގަނެވުނެވެ.

ނޫނެކެވެ. މިއީ އަހަރެންގެ އީތަން ކުރާނެފަދަ އަމަލެއް ނޫނެވެ. މިއީ އީތަން ކުރި ކަމެއް ނޫނެވެ. އަހަރެންގެ ފުރިހަމަ ނަން ބޭނުންކޮށް، އީތަން ކޮށްފައިވާ ޕޯސްޓަކީ އަހްލާގީގޮތުން ބެލިޔަސް، ސޯޝަލް މީޑިއާގައި ޝާއިއުކޮށްގެންވާނެ ވަރުގެ ވީޑިއޯއެއް ނޫނނެވެ. އެފަދަ ތަކެތި ލާބަޔަކު ލާންވީ އެވެ. އަހަންނަކީ އަމިއްލަ އިންސްޓާގައިވެސް ޕޯސްޓެއް ކުރާމީހެއް ނޫނެވެ. ސޯޝަލްމީޑިއާ އާއި ރައްޓެހި މީހެއްވެސް ނޫނެވެ. 

ފެންނަމުންދިޔައީ އަހަރެންނާއި އީތަން 'ކި*'ކުރާ ވީޑިއޯ އެކެވެ. އެ މަންޒަރު އީތަން ވީޑިއޯކުރީ ކޮންވަގަތު ހެއްޔެވެ؟ އެފަދަ ކަމެއް އޭނާ ކުރިއިރުވެސް ރެއަކާނުލާ ވަރަށް އަހަރެން ވަނީ، އޭނާގެ މަޅީގައި ބެދިފައި ބާއެވެ؟ ޔަގީނެވެ! އެކަމުގައި ސުވާލެއްވެސް ނެތެވެ.

މިއަށްވުރެން ހާލަތު ދެން ގޯހެއް ނުވާނެކަމާއި، އެއަށްވުރެން ދެރަ ނިކަމެތިކަމެއް އީތަން އަހަންނަށް ނުދޭނެކަމަށް ނިންމާ ކޮންމެ ފަހަރަކު ކުރިއަށްވުރެން އެތައް ގުނައެއް ދަށު ދަރަޖައިން އަހަރެން ފަލީހަތްކޮށްލުމަކީ އީތަންއަށް ކޮންކަހަލަ އުފަލެއް ލިބޭ ކަމެއް ހެއްޔެވެ؟ 

އީތަންގެ އަނިޔާތަކަށް ކުރިމަތިލުމަށް އަހަރެންގެ ނަފުސު ތައްޔާރުކޮށް، މައިދާނަށް ނިކުންނަ ކޮންމެ ފަހަރަކކު، ފުރަގަހުން ހަމަލާދީ އަހަރެން ބަލިކަށިކޮށްލުމަކީ އީތަންގެ ދިރިހުރުމުގެ މަގްސަދު ކަމުގައި މިއޮތީ ވެފަ އެވެ. އެއްފަހަރަށް ވުރެން ފުންކޮށް އަނެއްފަހަރު، އީތަންގެ ހަންޖަރު އަހަރެންގެ ބުރަކަށްޓަށް ކޮށްޕާލަނީ އެ ޒަހަމުން ދުވަހެއްގައިވެސް މިންޖުނުވެވޭނެ ރިހުމާއެކު އެވެ. ނަމަވެސް އަހަރެން ކޮންމެ ފަހަރަކުވެސް ކެތްކުރަމެވެ. ހިތްވަރާއެކު ކޮޅަށް ތެދުވަމެވެ. 

ނަމަވެސް މިފަހަރު މިއޮތީ ހުރިހައި ރޮންގެއް ހުރަސްކޮށް، ހައްދުން ނައްޓާފަ އެވެ. މިއީ ދިރިހުރި އިންސާނަކު އަނެއް އިންސާނަކަށް ދޭނެވަރުގެ ރިހުމެކެވެ. ދިރިހުއްޓާ ވަޅުލިޔަސް މިއަށްވުރެން ވޭން ކުޑަވާނެކަން ކަށަވަރެވެ. 

"ކާމިލް" އަހަރެންގެ އަޑެއްވެސް ނުނިކުތެވެ. 

ވައިއަޑުން ގޮވައިލުމުންވެސް ކާމިލްގެ ސަމާލުކަން އަހަންނަށް ހުއްޓާލި އެވެ. 

"އީތަންގެ ގެއަށް އަހަރެން ގެންގޮސްދީފާނަން..؟ އެ ގެއަށް އަހަރެން ލާފައި، ކާމިލް އައިސް އަހަރެންގެ އަލަމާރި ވަތްގަނޑުން ޕާސްޕޯޓް ނަގައިގެން ގޮސް، ދުނިޔޭގެ ކޮންމެވެސް ހިސާބަކުން އަމާން ގައުމެއް ހޯދާފައި، އެންމެ އަވަހަށް ލިބެން އޮތް ގައުމަކަށް ޑިރެކްޓް ޓިކެޓް ނަގައިދީ..! އަހަރެންނާއި ކާމިލް ދެން ބައްދަލްކުރާނީ ސީދާ އެއާޕޯޓުން.. ! މިވާހަކަ އެހެން އެއްވެސް މީހަކާއި ހިއްސާނުކުރާތި..!" ރިހެމުންދިޔަ ހިތުގައި އަތް އަޅާފައި އުނދަގުލުން އަހަރެން ބުނީމެވެ.

"ރިދީ..!؟" ފާޅުގައި ދެކޮޅުހަދާން ކާމިލް މަސައްކަތްކުރި އެވެ.

"ޕްލީޒް" އަހަރެންގެ ފުރާނަ އަތްމައްޗަށް ލާފައި އާދޭސްކުރީމެވެ. (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް