ads
ހުސްނުއް ސުއޫދު-- ފޮޓޯ: މިހާރު
ފަނޑިޔާރު ސުއޫދު އިސްތިއުފާ ދެއްވައިފި
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ މައްސަލަ ސުޕްރީމް ކޯޓުން ބަލަން ނިންމުމުން އެކަން ހުއްޓުވަން ރައީސް މުހައްމަދު މުއިއްޒު ގާނޫނުއަސާސީއާ ހިލާފަށް ފަނޑިޔާރުންނަށް ބިރު ދައްކަވަމުން ގެންދަވާ ކަމަށް ވިދާޅުވެ، އެކަމާ އިހުތިޖާޖުކުރެއްވުމުގެ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ފަނޑިޔާރުކަމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
Advertisement

ސުއޫދު މިއަދު އިސްތިއުފާ ދެއްވިއިރު، ސުއޫދާ އެކު، އެ ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ވެސް މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން ޖޭއެސްސީން ވަނީ ސަސްޕެންޑުކޮށްފަ އެވެ. ޖޭއެސްސީން މި ތިން ފަނޑިޔާރުން ވެސް ސަސްޕެންޑުކޮށްފައިވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތަކުން ފަހަކަށް މަދުކުރަން ރައްޔިތުންގެ މަޖިލީހުން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސްކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ.

އެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ އޭސީސީން ބަލަމުންދާ މައްސަލައެއްގެ މައުލޫމާތު އެ ކޮމިޝަނުން ކުއްލި ގޮތަކަށް ޖޭއެސްސީ އަށް ފޮނުވުމާ ގުޅިގެން ކަމަށް ބުނެފައި ވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސުއޫދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ މައްސަލަ ބެލުމުގެ އިހްތިސާސް ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމަށް އެ ކޯޓުން ނިންމުމާއެކު، ސަރުކާރުގެ ފަރާތުން ގާނޫނު އަސާސީއާ ހިލާފަށް ރާއްޖޭގެ އަދުލު އިންސާފުގެ ބާރަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.

އަދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އެ މައްސަލަ އެ ކޯޓުގައި ބެލުން ހުއްޓުވުމުގެ ގޮތުން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް މަޖިލީހުން ބިލެއް ފާސްކޮށް، ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކަމުންދާ ކަމަށްވެސް ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ތުހުމަތު ކުރެއްވި ގޮތުގައި އެއީ "ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކައި" އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ރައީސް އެދިވަޑައިގަންނަވާ ގޮތަށް ނިންމަން ނުފޫޒު ފޯރުވުމެވެ.

"... އެކަމަށް އިހުތިޖާޖު ކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މި ހިނދުން ފެށިގެން އަޅުގަނޑު އިސްތިއުފާ ދީފީމެވެ،" ސުއޫދުގެ ސިޓީގައި ވެ އެވެ.

ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުގައި ފަނޑިޔާރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރުނުވެ މަސައްކަތް ކުރާހާ ހިނދަކު ފަނޑިޔާރަކު މަގާމުން ވަކިކޮށްގެން ނުވާނެ އެވެ. އަދި ޖޭއެސްސީއަށް ސުލޫކީ މައްސަލައެއް ސާބިތުވެ، މަޖިލީހުގެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ ތިންބައިކުޅަ ދެބައި ވޯޓު ލިބިގެން މެނުވީ ފަނޑިޔާރަކު ވަކި ނުކުރެވޭނެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު ތިއްބަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދެވެ.

ސަރުކާރުގެ ތާއީދާ އެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ގެންނަ މި ބަދަލު ވާހަކަ ފެށުނީ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ އިސްލާހު ބާތިލް ކުރަން ފުލް ބެންޗުން މައްސަލައެއް ބަލަމުން ދަނިކޮށެވެ. ދައުލަތުން އެ ބެންޗުގައި އެދުނީ ގާނޫނުއަސާސީ އަށް ގެނައި އިސްލާހުގެ މައްސަލަ ނުބެލޭނެ ކަމަށް ނިންމުމަށެވެ. ނަމަވެސް ފަނޑިޔާރުންގެ ނިންމާފައިވަނީ އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދިއުމަށެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް