
މި ކުއްލި މައްސަލަ ހުށައެޅުއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެޑައިގަންނަވާ ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދުއެވެ.
ކުއްލި މައްސަލަ ހުށައަޅުއްވަމުން ޝަމްހީދު ވިދާޅުވީ މި ކުއްލި މައްސަލައަކީ އަދުލް އިންސާފު ގާއިމުކުރުމުގެ ބާރުގައި މަރު ތަޅު އަޅުވާ ދިވެހި ރާއްޖޭގެ ސުޕްރީމްކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކޮށް އަދު އިންސާފުގެ ބާރަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާއި މެދު ކަންބޮޑުވުން ފާޅުކޮށް ހުށައަޅާ ހުށައެޅުމެއްކަމަށެވެ.
މި މައްސަލަ މަޖިލިހަށް ބަލައި ނުގަނެ ބޭރުކޮށްލުމަށް ސަރުކާރަށް ތާއިދުކުރާ 46 މެމްބަރުން ވަނީ ވޯޓް ދެއްވާފައެވެ. މައްސަލަ ބަލއިގަތުމަށް 11 މެމްބަރުން ވޯޓް ދެއްވިއިރު ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު، އަހުމަދު އަޒާން މަރުޒޫގު އެއްވެސް ކޮޅަކަށް ވޯޓެއް ނުދެއްވައެވެ.
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ މައްސަލަ ސުޕްރީމް ކޯޓުން ބަލަން ނިންމުމުން އެކަން ހުއްޓުވަން ރައީސް މުހައްމަދު މުއިއްޒު ގާނޫނުއަސާސީއާ ހިލާފަށް ފަނޑިޔާރުންނަށް ބިރު ދައްކަވަމުން ގެންދަވާ ކަމަށް ވިދާޅުވެ، އެކަމާ އިހުތިޖާޖުކުރެއްވުމުގެ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ފަނޑިޔާރުކަމުން މިއަދު ވަނީ އިސްތިއުފާ ދެއްވާފައެވެ.
ސުއޫދު އިސްތިއުފާދެއްވިއިރު އޭނާއާއި އެކުސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ވެސް މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން ޖޭއެސްސީން ވަނީ ސަސްޕެންޑުކޮށްފަ އެވެ. ޖޭއެސްސީން މި ތިން ފަނޑިޔާރުން ވެސް ސަސްޕެންޑުކޮށްފައިވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތަކުން ފަހަކަށް މަދުކުރަން ރައްޔިތުންގެ މަޖިލީހުން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސްކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައެވެ.
އެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ އޭސީސީން ބަލަމުންދާ މައްސަލައެއްގެ މައުލޫމާތު އެ ކޮމިޝަނުން ކުއްލި ގޮތަކަށް ޖޭއެސްސީ އަށް ފޮނުވުމާ ގުޅިގެން ކަމަށް ބުނެފައި ވެއެވެ.