ads
ސިއްރު - 34 ވަނަ ބައި
އެޕިސޯޑް 34
Advertisement

އިއްޔެގެ އަދަދު

ފުން ނޭވާއެއްލާފައި ހިތާއި ދެކޮޅަށް ކާމިލް، ކާރު އަނބުރާލި އެވެ. އަހަރެން ދެ ލޯ މަރައިލީމެވެ. ސިކުނޑިއަށް ކުޑަވެސް ލުޔެއް ލިބޭތޯ އެވެ. ހިނގަމުންދާ ކަންކަން އަހަރެންގެ ސިކުނޑިން ނެރި އެއްލާލެވޭތޯ ބެލީމެވެ. އެކަމަކު ހަގީގަތް ލޯކުރިމަތީގައި އޮއްވައި، އެއީ ނުވާކަންކަމަށް ހެދޭނީ ކިހިނަކުން ހެއްޔެވެ؟ 

ދިން ހުރިހައި އަނިޔާއެއްގެ ޖަވާބުގައި ހިމޭންވީމެވެ. އެކަމަކު މިފަހަރު އީތަން އެވަނީ ހައްދުން ނައްޓާފަ އެވެ. އަންހެން ކުއްޖަކަށް އޭނާގެ އަބުރާއި އިއްފަތްތެރިކަމަށްވުރެން މުހިއްމު އެއްޗެއް ދުނިޔޭގައި ނުވާނެ އެވެ. އެކަމަކު އީތަން އަހަރެންގެ ކިބައިން އެ ވެސް ފޭރިގަތްފި އެވެ. ފާޅުގައި ރޯމާދުވާލު، މުޅި ދުނިޔޭގެ ކުރިމަތީގަ އެވެ.

ހިތާމައަކީ އަދިވެސް އަހަރެންގެ ހިތް، ހަގީގަތް ގަބޫލުނުކުރާތީ އެވެ. އަހަރެންގެ އަމިއްލަ ނަފްސާއި ފުރާނަ، އަމިއްލަ ދެއަތުން ސުންނާފަތިކޮށްލުމަށް މަސައްކަތްކޮށްފީމެވެ. ކެތްތެރިވެވޭތޯ ބެލީމެވެ. ނަމަވެސް އަބުރުކަތިލުމުގައި މުޖުތަމައު އޮތީ ކަމުގެ ހަގީގަތަށްވުރެން ފަރުދާގެ ކުރިމަތީން ފެންނަ މަންޒަރުތަކަށް ފަރިތަވެފައި އެވެ. އަހަރެންގެ ނަމާއި ގުޅުވައިގެން ބައެއް ޓީވީ ޗެނަލްތަކާއި ނޫސްތައް، އަދި ސޯޝަލްމީޑިއާގައި ލިޔެފައިހުރި ނަންނަމާއި ވާހަކަތަކަކީ ކަނޑައެޅިގެން ބުހުތާނު ދޮގެވެ. އެކަމަކު އެ ވާހަކަތައް އަޑުއަހައި އަހަރެން ދިރިއުޅެން ތުރާކުރާ ބަޔަކު އެބަތިއްބެވެ. އަހަރެން ކުށެށް ނުކުރަމެވެ. ވެވުނީ ސާފު ތެދުވެރި ލޯތްބެކެވެ. ލޯބިވުމަކީ ކުށެށްނަމަ އެކަމަށް އަހަރެން އިއުތިރާފުވަމެވެ. ހުރިހައި މާނައެއްގައިވެސް އަހަރެން ލޯބިވީމެވެ. ހަމައެކަނި އީތަން މުހައްމަދު މަނިކުދދެކެ އެވެ. މިއީ ހައްދެއް ނެތް މިންވަރަށް ވެވުނު އިޝްގީ ލޯތްބެކެވެ. އަހަރެން އީތަންދެކެ އިންތިހާ ލޯބިވީމެވެ. 

މުޅި ދުނިޔެއަށް އަޑުއިވޭވަރަށް ބާރަށް ބުނަން ބޭނުމެވެ. އަހަރެން ވީ ތެދުވެރި ލޯތްބެވެ. އީތަންގެ އެނދު ހޫނނުކުރުމަކީ އަހަރެންގެ ލޯބީގެ ޝަރުތެއް ނުވަތަ އަޒުމެއް ނޫނެވެ. އީތަން ނޫން މީހަކުދެކެ ދުވަހަކުވެސް ލޯބިނުވަމެވެ. 

އިހްތިޔާރަކާއި ނުލައި ގިސްލެވިއްޖެ އެވެ. އަހަންނަށް އިނދެވުނީ ކޮންތާކުކަން ހަނދާނެއް ނެތެވެ. މަންޒިލަށް އާދެވުނުއިރުވެސް ރެއަކާނުލި އެވެ.

ކާމިލް ނިކުމެގެން އައިސް އަހަރެންނަށް ދޮރު ހުޅުވައިދިނެވެ. ދިލަނަގަމުންދިޔަ ދެ ލޮލުން ކާމިލްއަށް ބަލައިލީމެވެ. ކާރުން ފައިބާނެ ހިތްވަރެއް ނެތްކަން ކާމިލް ދެނެގަތީ އޭނާގެ ކުޅަދާނަކަމުންނެވެ. އަހަރެންނާއި ދިމާއަށް ގުދުވެލާފައި ކުޑަކަކޫމައްޗަށް މަގުމަތީގައި، ކާމިލް ތިރިވި އެވެ. އަހަރެންގެ އަތުގައި ހިފާލާފައި އުނުގުމަތީގައި ބޭންދި އެވެ.

'އީތަން އެވެ. ކެތްކުރަން ކުޅަދާނަނުވާ މިންވަރުގެ ގަދަ ރިހުމެއް އަހަންނަށް ތިޔަދިނީ ކީއްވެހެއްޔެވެ؟'

އީތަން އަހަރެންދެކެ ލޯބިވެ އެވެ. މުޅި ދުނިޔެއާއި ދެކޮޅަށްވެސް އަހަރެން މިހެން ބުނާނަމެވެ. އޭނާގެ ދެ ލޮލުން އަހަރެންނަށްޓަކައި ލޯބި ދުށީމެވެ.

"ރިދީ" މަޑުމަޑުން ކާމިލް ގޮވާލި އެވެ.

ކަރުނައިގެ ތެރެއިން ގިސްލެވުނީ ހިތަށް ކެތްނުވީތީ އެވެ. އަހަރެންގެ ހިތް ކުދިކުދިވެ ފަނާވެއްޖެ އެވެ. ހިތްވަރުކުރެވޭތޯ ބެލިއްޖެ އެވެ. ގަދަފަދަ ކަމުގައި ކޮޅަށް ހުރެވޭތޯވެސް ބެލިއްޖެ އެވެ. އެކަމަކު ދެން އިތުރަށް ހިއްވަރެއް ނެތެވެ. މިހަށީން ހަކަތަ ހުސްވެއްޖެ އެވެ.

އަހަރެން ގަބޫލުކުރާ ހަގީގަތެއް އޮވެއެވެ. އެކަން، މިއަދު އަމިއްލަ ނަފުސައް ވިސްނައިދޭން މަޖުބޫރުވެއްޖެ އެވެ. އޭހިތާ އެވެ! ރޯލާށެވެ. ބައެއްފަހަރު ކަރުނައަކީ ތަސައްލީއެކެވެ. އަހަރުމެން ރޮނީ، ނަފްސާނީ އަދި ޖިސްމާނީގޮތުން ބަލިކަށިވެގެން ނޫނެވެ. އެއީ އެތައް ޒަމާނަކުން ފެށިގެން ކުރެވުނު ހިތްވަރުގެ ނަތީޖާ އެވެ.

"އާ ޔޫ އޯ-ކޭ ދަރިފުޅާ..؟" އަހަރެންގެ ބޮލުގައި ފިރުމާލަމުން ކާމިލް ސުވާލުކޮށްލި އެވެ. އެފަދަ ގޮތަކަށް އަހަރެންނާއި އެ ސުވާލުކުރި މިއީ ތިންވަނަ މީހާ އެވެ. ފުރަތަމަ ބައްޕަ އެވެ. ދެން އަހާން އެވެ. މިވަގުތު ކާމިލް އެވެ. 

ހިމޭންކަމާއެކު އަހަރެން ބޮލުން އިޝާރާތްކޮށްލާފައި ލޮލުންވެސް ސިގުނަލް ދިނީމެވެ.

"ރަގަޅު! އަހަރެންގެ ހާލު މުޅިން ރަގަޅު..! ރަގަޅު ނުވާންވީ ސަބަބެއްވެސް ނެތް.. މިއަދު ނޫނީ މާދަމާ ނުވަތަ ކޮންމެވެސް ދުވަހަކުން މި ކަމާއި އަހަރެން ކުރިމަތިލާންޖެހޭނެކަން ކަށަވަރު..!" ހިނިތުންވެވޭތޯ މަސައްކަތްކުރަމުން އަހަރެން ބުނީމެވެ. 

ކާމިލް އަހަރެންގެ ނިއްކުރީގައި ބޮސްދިނެވެ. އިތުރު އެންމެ ލަފްޒެއް ބުނުމުގެ ބޭނުމެއްވެސް ނެތެވެ. އެކަކު އަނެކެއްގެ ލޮލުގެ ވޭނާއި މޫނުމަތީގެ އިޝާރާތް، މުއާމަލާތެއްގެ ގޮތުގައި މިވަގުތު ފުދެ އެވެ. ކާމިލް އެ ދިޔައީ ވީ އެންމެ އަވަހަކަށް އަހަރެންގެ ޕާސްޕޯޓްބަލައި ގެއަށެވެ. 

.................

ޖުމުހޫރީ މައިދާނުގައި އަހަރެން އިށީނީމެވެ. މިއަށްވުރެން އަމާންތަނެއް މިވަގުތު އަހަންނަކަށް ނުވިސްނެ އެވެ.  ދަބަހުގެ ތެރެއިން ކުޑަ ނޯޓް ފޮތަކާއި ގަލަމެއް ނެގީމެވެ. ކިތަންމެ އިހުޒަމާނުގެ ކަމަކަށްވިޔަސް، ދަބަހުގައި ގަލަމެއް އަދި ނޯޓްފޮތެއް ގެންގުޅުމަކީ އަހަރެންގެ އާދައެކެވެ. ފޯނަކީ ދިރިއުޅުމުގެ ހުރިހައި ފަސޭހައެއްގެ ބައިވެރިޔާ އެވެ. އެކަމަކު އަހަރެންގެ ފޯނު އަހަރެންގެ އިހްސާސްތަކުގެ މައްޗަށް ގަދަވެގަތުމުގެ އިހްތިޔާރެއް އަހަރެން ނުދެމެވެ. މިއީ އެފަދަ ވަގުތެކެވެ. 

މިވަގުތުގެ އިހްސާސްތައް ކަރުދާހުގައި އިންސާފުކުރެވޭނެކަމުގެ އެއްވެސް އުއްމީދެއްނެތެވެ. ނަމަވެސް މަސައްކަތްކުރާނަމެވެ. ޔަގީނުންވެސް އެ އަނިޔާވެރިޔާގެ ކުރިމަތީގައި އަހަރެންގެ ދޫ ހަރަކާތެއް ނުކުރާނެ އެވެ. ކުޑަމިނުން ގަލަމާއި ކަރުދާހުގައި އަހަރެންގެ ނަފުސަށް އިންސަފުލިބޭތޯ މަސައްކަތްކުރެވިދާނެ އެވެ. 

..............

ހިމޭންކަމާއެކު ލަސްފިޔަވަޅުތައް އަޅަމުން އެތެރެއަށް ވަނީމެވެ. ގަނޑުވަރެއް ފަދައިން ދިއްލާ އަޅާފައި އޮންނަ އިމާރާތުގައި މިވަގުތު ކުޑަވެސް އަލިކަމެއް ނެތެވެ. ބިރުވެރިކަމާއި ނާންމަންކަން އަހަރެންގެ ހިތަށްވަނީ މިއީ ހަގީގަތުގައިވެސް 'މޮންސްޓަރ'އަކު ދިރިއުޅޭ ހޮހޮޅައެއްކަން ސިކުނޑި ވިސްނައިދިނީތީ އެވެ. 

"ނޯ ވޭ، އީތަން މުހައްމަދު މަނިކު!" މުޅި އިމާރާތުގައި އެއަޑު ގުގުމާލި އެވެ. 

ބިރުން ފިއްކަނޑައިގެން ނުދިޔައީ ކިރިޔާ އެވެ. އެއަޑު އައީ ކޮން ދިމާއަކުން، ކޮން ކޮޓަރިއަކުންކަން އަހަންނަށް އޮޅިފައެއް ނެތެވެ. ސިއްރު ފިޔަވަޅު އަޅަމުން އެ ކޮޓަރިއާއި ކައިރިވެލީމެވެ. ދޮރު ހުރީ މުޅިން ނުލެއްޕި އެވެ. ސިއްރުސިއްރުން ބޯދިއްކޮށްލީމެވެ. ހީވީ ރަގަޅަށެވެ. އީތަންއާއި އިކާންގެ ކުރިމަތިލުމެކެވެ. އިކާންގެ ދެއަތަށް އީތަންގެ ގިރުވާން އޮޅާލާފައި އޮތެވެ. އިކާންގެ ދެލޯ ރަތް އަނގުރު އަލިފަނެކޭ ތަފާތެއް ނެތެވެ. ނުބައި ނުލަފާ މަކަރުވެރިގޮތަކަށް ހިނިއައިސްފައިވާ އީތަންގެ މޫނުން، އިންސާނެއްގެ ސިފަވެސް މިވަގުތު އަހަންނަށް ސިފަނުކުރެވުނެވެ. 

"ކަލޭގެ ގޮތްކުޑަ ލާއިންސާނީ 'ގޭމް'ގައި މިފަހަރު ތިވަނީ ހައްދުފަހަނާއަޅާފައި.. މައުސޫމް އަންހެންކުއްޖެއްގެ އަބުރުވެރިކަމާއި އޭނާގެ ކަރާމަތާއިމެދު މުޅި ގައުމު އެދަނީ ސުވާލު އުފައްދައި ތުހުމަތުކުރަމުން..! ކަލޭގެ މޭގައި ހިތެއްވެސް ނެތީތަ..؟" ތުރުތުރުއަޅަމުން އިކާން ސުވާލުކުރީ ހަރުއަޑުންނެވެ.

ރަހްމެއް، އިހްތިރާމެއް ނެތް ހިނިގަނޑަކުން އިކާންއަށް، އީތަން ޖަވާބުދިނެވެ. ލަދުވެތިކަމުގެ ޒައްރެއްގެ މިންވަރުވެސް އީތަންގެ ކިބައިގައި ނެތެވެ. 

އަހަރެންގެ އެސްފިޔަތައް ލައްޕާލީމެވެ. ހޫނުކަރުނަ ކޯތާފަތުން ދެމިގަތީ ފަސޭހަމުވެއް ނެތް އެތައް ޒަހަމެއް ދެމުންނެވެ. ފެންނާން އެހުރީ އަހަރެން އިންތިހާއަށް ލޯބިވި އީތަން އެއް ނޫނެވެ. އެއީ ރަހްމެއް ކުލުނެއް އަދި އިންސާނިއްޔަތުކަމުގެ ކުނޑިފުކެއްގެ މިންވަރުވެސް ނެތް ފުރޭތައެކެވެ.

"އިކާންގެ ހިތަށް ކިތަންމެ ތަދުވިޔަސް، އަހަންނަށް ބުނެވޭނީ ރިދީގެ ހަށިގަނޑާއި ވަނާތަކަކީ ފިރިހެނެއްގެ އީމާންކަން ވީރާނާކޮށްލާނެ، ލައްޒަތެކޭ.. ތާޒާ ފިނިފެންމަލެއްގެ ފިޔައެއްފަދަ ތުންފަތާއި، އުނިކަމެއް ނެތް ހުދު ދަތްޕިލައާއި ލޮލުގެ ކަޅިރަވައަކީ އަހަރުމެންކަހަލަ ފިރިހެނުންގެ ބަލިކަށިކަމެއް...! އިކާންވެސް، ހަޔާތުން އެންމެ ފަހަރަކުނަމަވެސް ރަހަ ބަލ.." އީތަންގެ ޖުމުލަ ފުރިހަމަކުރާނެ ފުރުސަތެއް އިކާން ނުދިނެވެ.

ގޮއްމުށްކަވާފައި އަނގަމަތީގައި ޖެހީ ދެވަނަ ފަހަރު ކަތުރުކަށިގަނޑުގެ ބޭނުންވެސް ނުކުރެވޭނެފަދަ ބާރަށެވެ. ނަމަވެސް ހަމައިން ނައްޓާފައިހުރި އީތަންގެ ބިރުވެރި ހިނިގަނޑުން އާންމު އިންސާނެއްގެ މައިބަދައިން ހީބިހި ނަގާނެ އެވެ. އަހަރެންގެ ހާލަކީވެސް އެއީ އެވެ. 

"އަހަރެންގައިގައި ކިތަންމެ ބާރަށް ތެޅިޔަސް ހަގީގަތް ބަދަލެއް ނުވާނެ.. ބޭރަށް ފެންނަ ފެނުމަށްވުރެން އެތައް ގުނައެއް ރިދީގެ އެތެރެ މާ ރީތިވެފައި އަސަރުގަދަ..! ވެލް... ޝީ ވޯޒް... ވއލޑ..! އެންޑް... އޫމްމްމް.. އޮން... ބެޑް... އޫމްމް.." ގޮތްކުޑަ ހިންޏެއް އައިސްފައިހުރެ، ލަދުވެތިކަމުގެ އިންތިހާއިން ނެއްޓި، އީތަންގެ އަމިއްލަ ނަފުސުގެ ގަދަރުވެސް އަމިއްލަ އަތުން ވެއްޔާއި މޮޑެމުން ދިޔަ އެވެ.

އިކާންގެ ސިކުނޑިއަށް ވައްދައިދެމުންދިޔައީ އަހަރެންނާއި އީތަންއާއި ދެމެދު ހިނގާފައިވާ 'ވިޔާނުދާ' ހަޑިހުތުރު އަމަލުތަކެއްގެ މަންޒަރެވެ. ލަދުވެތިކަމެއް ނެތި ހުތުރު ވާހަކަތައް ދައްކަމުންދިޔައީ ހަމަހޭގައި ނެތް މީހެއް ފަދައިންނެވެ. އެކަމަކު ﷲގަންދީ ހުވާކޮށްފައި ބުނަމެވެ. އެ ތުހުމަތުކުރާ ޒާތުގެ ހުތުރު ގުޅުމެއް ދުވަހަކުވެސް އަހަރެން ނުހިންގަމެވެ. ތުހުމަތުކުރާ އިމުގެ ބޭރުފަށަލައާއި ހިސާބަށްވެސް އަހަރުމެންގެ ނަމެއްނެތް 'އިޝްގް'ގައި ދަތުރުކޮށްފައި ނުވާނެ އެވެ. ހަދަމުން އެދަނީ ރޯ ބުހުތާނު ދޮގެވެ. ސުވާލަކީ އަހަރެންނާއިމެދު އެހައި ރަހުމެއްނެތް ދޮގުތަކެއް އީތަން އެހަދަނީ ކީއްވެގެން ހެއްޔެވެ؟

"އަހަރެންގެ އަތުގެތެރޭގައި ރިދީ އޮއްވައި ފެނުނު ވަގުތު، ކަލޭގެ ފިރިހެންވަންތަކަމަށް ކުރީ ކޮންކަހަލަ އަސަރެއް..؟ ހައްހައްހައްހާ.... އިހްސާސްކޮށްލަބަލަ..! މުޅި ރޭ އަހަރެންގެ ދެއަތުގެ ތެރޭގައި... އޭނާގެ އެނދ...." އީތަންގެ ގޮތެއްފޮތެއް ނެތް ޖުމުލަ ފުރިހަމަކުރުމުގެ  ފުރުސަތެއް އިކާން ނުދިނެވެ. ގޮއްމުށުގައި ހުރިހައި ބާރެއް އޭނާގެ އަނގަމައްޗަށް އަމާޒުކުރަމުން ގެންދިޔަ އެވެ. އިކާންގެ ލޮލުން ފައިބަމުންދިޔަ ލޭކަރުނަ އަހަރެންގެ ހިތް ބަލިކަށިކުރަމުންދިޔަ އެވެ.

އަޑުގެ ނެތްތަނަށް ބާރަށް އަހަރެންގެ ދިފާއުގައި ލަފްޒުތައް ބުނަމުން ދިޔައީމެވެ. އެކަމަކު އަޑު ބޭރުނުވާކަން އިހްސާސްވީ އަހަރެންގެ ހާލަތު އަހަރެންގެ ސިކުނޑި ބުނެދިމުންނެވެ. މިއަދު އަހަރެންގެ ހިތުގެ މައްޗަށް ސިކުނޑިވެސް ހަމަދަރުދީވެއްޖެ އެވެ. ފުނޑުފުނޑުވެ ވީރާނާވަމުންދިޔަ ހިތުގެ ހާލަތު ދެނެގަތީ އަހަރެންގެ ހިތްވަރުގަދަ ސިކުނޑި އެވެ. ދުލުން ބަހެއް ބޭރެއް ނުވި އެވެ. މުޅި ހަށިގަނޑު އައްސިވެ ގަނޑުވެއްޖެ އެވެ. ހިތުގެ ރިހުމަށް ކެތްކުރެވޭނެ ހިތްވަރެއް އަހަރެންގެ ފުރާނައިގައި ނެތެވެ.

އީތަން މުހައްމަދު މަނިކު އެވެ. ތިބާއަކީ މި ބިމުގައި މާތްﷲލެއްވި އެންމެ ބޮޑު ދޮގުވެރިޔާ އެވެ. ތިފަދަ ދޫ ހަޑި، ރަހުމެއް ނެތް މީހަކު އިންސާނުންގެތެރޭގައި ލެއްވުމަކީ ނުރައްކަލެކެވެ. އަހަރެންގެ ފުރާނަ ވީދައިގެން ވީރާނާ ތިކޮށްލީ ދެވަނަ ފަހަރަށް އަހަރެންގެ ދެފައިމައްޗަށް ކޮޅަށް ހުންނާނެ ބާރެއް ނުލިބޭފަދަ އަނިޔާތަކާއެކު އެވެ.

އަހަރެންގެ ދެ ލޯ މެރީމެވެ. ކަންފަތް ބަންދުކުރާނެ ބާރެއް ދެ އަތުގައި ނެތެވެ. އަތުގައި އޮތް ނޯޓް ދޫވެގެން، އޭނާގެ ކޮޓަރި ދޮރުމައްޗަށް ވެއްޓުނުތާ ކިތަންމެ އިރެކެވެ. 

"ޔެސް އިކާން..! ހިތަށް އަސަރުކޮށްފިތަ؟ ވޭން ލިބިއްޖެތަ..؟ އަހަރެންގެ ހިތަށްވެސް ތަދުވި، ކަލޭ އޭނާޔާ އެއްކޮށް..." އިތަން ބުނަން އުޅުނު އެއްޗެއް ނޭގުނަސް. އެބުނަން އުޅުނީ ސަހަލުއެއްޗެއް ނޫންކަން ކަށަވަރެވެ. އޭނާގެ މޫނުގެ އަސަރުތަކާއި އަޑުގައިހުރި އިންޒާރާއެކު، އިކާންއާއި ކުއްލިޔަކަށް ކުރިމަތިލި ގޮތް އެއީ ތަފާތު މަންޒަރެކެވެ. މިފަހަރުގެ ޖުމުލަ ހުއްޓުނީ އިކާން ކަމެއް ކޮށްގެން ނޫނެވެ. އެކަމަކު އީތަންގެ ލޯ އަހަރެންނާއި އަމާޒުވުމުންނެވެ. އަހަރެން ސިއްރުން އެމަންޒަރުތައް ބަލަމުންދިޔަކަން އެނގުނީ އެވެ. 

އަހަރެން އޮތީ ކުޑަކޮށް ގުދުވެގެން އެތެރެބަލާށެވެ. ބޮލުގައި ޖަހަލާފައިވާނީ ދޫހުޅިއެކެވެ. އޮހޮރެމުންދިޔަ ކަރުނައާއެކު އަހަރެންގެ މަސްކާރާގެ ކުލަ މޫނުގައި ފޭދިފައިވެ އެވެ. މީހާ ހުރި ރޮއެރޮއެ ގިސްލެވިފަ އެވެ.

"ވައޮ... * ރިދީ އިމާދު ވިތް ރޯޒީ ލިޕްސް..." ވައިގެތެރެއަށް ނަޒަރު ހިންގާލަމުން ހުތުރުގޮތަކަށް އީތަން ލަވައެއް ކިޔާލި އެވެ. 

އީތަންހުރީ ހަމައިގައި ނޫންކަން މިވަގުތު އަހަންނަށް ކަށަވަރުވެއްޖެ އެވެ. އިކާން އެއްފަރާތަކަށް ކޮށްޕާލާއި އަހަންނާއި ދިމާއަށް މިސްރާބުޖެހި އެވެ. ހަމަޔަށް ފިޔަވަޅުވެސް ނުނެގެ އެވެ.

"ރިދީ..!!!!؟؟" ލިބުނު ޝޮކްގައި ދެފަރާތަކަށް ބޯ ހޫރުވަލަމުން، އިކާން ބުނެލި އެވެ.

މީހުން ބުނެއެވެ. ހައްދެއްނެތި ތިބާއަށް އަނިޔާވެރިވި ކޮންމެ މީހަކަށް އަނިޔާވެރިވާށެވެ. އޭ ލޯތްބާ އެވެ. ތިބާގެ ޒަހަމްތަކަށް އަހަރެން ފަރުވާއެއްކަމުގައި ވީމެވެ. ބަދަލުގައި ތިބާ ދިނީ ވޭނާއި ރިހުމެވެ. (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް