
ހޯމް މިނިސްޓްރީގެ ދަށުން އިމިގްރޭޝަނުން ހިންގަމުންދާ "ކުރަނގީ" އޮޕަރޭޝަންގެ ދަށުން ބިދޭސީން ބަލައި ފާސްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އިމިގްރޭޝަނުގެ އޮފިސަރުން މާލެ ތެރޭގައި ހިންގަމުންދާ ކުދި މާރުކޭޓްތަކާއި، ލޯކަލް މާރުކޭޓާއި، ދަތުރުވެރިންގެ މާރުކޭޓް ބަލައި ފާސްކޮށްފިއެވެ. މި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ބިދޭސީން ބަލައި ފާސްކުރިއިރު، ގަވާއިދާ އެއްގޮތަށް ސައްހަ ވިސާގައި އެމީހުން މަސައްކަތްކުރަން ހަމަޖެހިފައިވާ ތަންތަނުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު ގިނަކަން ފާހަގަކުރެވިފައިވާކަމަށް އިމިގްރޭޝަނުން ބުނީއެވެ.
މިދިޔަ ދުވަސްތަކުގައި އިމިގްރޭޝަންގެ އޮފިސަރުން ވަނީ ސިއްރުން، ބިދޭސީން ތިބި ގޮޅިތައް ދެނެގަނެ، އެތަންތަނަށް ހާއްސަ އޮޕަރޭޝަންތައް ހިންގާފައެވެ. މިފަދަ އޮޕަރޭޝަންތަކުގައި ހުއްދައިގެ ބޭރުން މަސައްކަތްކުރަމުންދިޔަ ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން ރާއްޖޭގައި ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އޭގެތެރޭގައި ސައްހަ ވިސާނެތި މަސައްކަތްކުރަމުންދާ ބިދޭސީން ހޯދުމާއި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަނެ ފުރުވާލުން ފަދަ ކަންކަން ހިމެނެއެވެ. މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިހާރު ސައްހަ ވިސާގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު އިތުރުވަމުން އަންނަކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.