
ފީފާއިން، ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ބައްސާމް ސަސްޕެންޑް ކުރުމަށް، ނިންމީ، މިދިޔަ އަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ނުވަ މަސް ދުވަހުގެ މުއްދަތަކަށެވެ. ފީފާގެ އެތިކްސް ކޮމިޓީގެ އެ ނިންމުމުގެ މުއްދަތު ހަމަވެ، ބައްސާމް މިހާރު ހުރީ ސަސްޕެންޝަނުން ވީއްލިފައެވެ. މާނައަކީ، އެފްއޭއެމްގެ އިންތިހާބުގައި ބައްސާމްއަށް ވާދަކުރުމަށް މި ވަގުތު ހުރަހެއް ނެތުމެވެ.
ނުވަ މަސް ދުވަހަށް ބައްސާމް ސަސްޕެންޑް ކުރަން ފީފާއިން ނިންމީ، އެފްއޭއެމަށް ބޭރުގެ އިދާރާތަކުން ދޭ ފައިސާ އަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރެވިފައިވާ މައްސަލައާއި ގުޅިގެންނެވެ. އެ މައްސަލައިގެ ޖިނާއީ ދައުވާ ބައްސާމްގެ މައްޗަށް އުފުލި ޝަރީއަތް ހިނގަމުން އެބަދެއެވެ.
އޭއެފްސީ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމުގެ މަގާމުގައި ވެސް ހުންނެވި، ބައްސާމް ސަސްޕެންޑް ކުރުމުން އެ މަގާމުގެ ހައިސިއްޔަތު ވެސް އޭނާ އަށް މިދިޔަ ނުވަ މަސް ދުވަހުގެ މުއްދަތުގައިވަނީ ގެއްލިފައެވެ. ފީފާގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައި ވަނީ ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ވެސް ފުޓްބޯޅައާ ގުޅުންހުރި އެއްވެސް ހަރަކާތެއްގައި ބައިވެރިވުން ބައްސާމަށް މަނާ ވާނެ ކަމަށެވެ. އެކަމަކު އެ މުއްދަތު ހަމަވުމުން، މިހާރު ބައްސާމް ހުރީ ސަސްޕެންޝަނުން ވީއްލިފައެވެ. ބައްސާމްގެ ސަސްޕެންޝަން އިތުރު ކުރިކަމެއް އެނގިފައެއް ނުވެއެވެ.
ބައްސާމް ސަސްޕެންޑް ކުރުމަށް ފަހު އެފްއޭއެމްގެ ހިންގުން ފީފާއިން ހަވާލު ކުރީ ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ނޯމަލައިޒޭޝަން ކޮމިޓީއަކާއެވެ. އެ ކޮމިޓީ ފީފާއިންވަނީ ފަހުން ތިން މެންބަރުންނަށް ކުޑަ ކޮށްފައެވެ.