
އޮންލައިންކޮށް ސޮއިކުރެވޭ މި ޕެޓިޝަންގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ލިބޭ މުސާރައާއި ކޮމެޓީ އެލަވަންސްތަކާއި ޕްރިމިއަމް ހެލްތް އިންޝުއަރެންސް އިނާޔަތްތަކުގެ ސަބަބުން އިގްތިސާދަށް މާލީ ގޮތުން މާބޮޑު ބުރައެއް އުފަލަންޖެހޭތީ ކަންބޮޑުވާކަމަށެވެ.
ޤައުމީ ދަރަންޏާއި ބަޖެޓް ޑެފިސިޓް އިތުރުވުން ފަދަ އިގްތިސާދީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ މި ދަނޑިވަޅުގައި، ސަރުކާރުގެ ބޭކާރު ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށްވެސް މި ޕެޓިޝަންގައިވެއެވެ. މިގޮތުން މިހާރު މަޖިލީހުގެ މެމްބަރުންނަށް މުސާރައިގެ އިތުރުން ބޮޑު އަދަދަކުން ކޮމިޓީ އެލަވަންސް ލިބި މެމްބަރުންގެ ޖުމްލަ އާމްދަނީ ވަރަށް ބޮޑުކަމަށް މި ޕެޓިޝަންގައިވެއެވެ.
މީގެ އިތުރުން، އާންމު ރައްޔިތުންނަށް ލިބެން ހުންނަ އާސަންދަ ސްކީމަށް ވުރެ މާ ބޮޑު ޕްރިމިއަމް ހެލްތް އިންޝުއަރެންސް ޕެކޭޖެއް މެމްބަރުންނަށް ލިބޭކަމަށްވެސް މި ޕެޓިޝަންގައިވެއެވެ.
މުސާރަ ކުޑަކުރުމުގެ އިތުރުން ކޮމެޓީ އެލަވަންސް އުވާލުމަށްވެސް މި ޕެޓިޝަންގައި ވަނީ ގޮވާލާފައެވެ.
މީގެއިތުރުން ކުރީގެ މެމްބަރުންނަށް އިނާޔަތްތައް ހުއްޓުވަންވެސް މި ޕެޓިޝަންގައި ވަނީ ގޮވާލާފައެވެ. މަޖިލީހުގެ މެންބަރެއްގެ މުސާރަ އާއި އެލަވަންސުގެ ގޮތުގައި މަހަކު 85،000ރ. ލިބެ އެވެ.