ހއ. ކެލާގެ ފަޅު ތެރޭ ދެ ރިސޯޓު ތަރައްގީކުރަން ނިންމާ އެކަމަށް މަގުފަހިކުރުމުގެ ގޮތުން ރަށުގެ އިހުތިސާސުން ބައެއް އުނިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާ އެކަން އިއުލާންކުރެއްވީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
ރައީސް މުއިއްޒު ނެރުއްވި ގަރާރެއްގައި ވަނީ އެ ރަށު ފަޅުތެރެއިން 325.5 ހެކްޓަރު އުނިކުރަން ނިންމަވާފައެވެ. އެކަމަކު، މަޝްރޫއާ ގުޅޭ އިތުރު ތަފުސީލެއް އަދި ހާމައެއް ނުކުރެއެވެ.
ކެލާ ފަޅުގައި ހަދަން ނިންމާފައިވަނީ 156.2 ހެކްޓަރުގެ ރަށަކާއި 169.3 ހެކްޓަރުގެ ރަށެކެވެ.
ކެލާފަޅުގައި ހިއްކާ ރަށުގެ ތަފްސީލް
ޓޫރިޒަމް މިނިސްޓްރީން ބުނީ ކެލާ ފަޅުގައި ރިސޯޓް ހަދަން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށައަޅަންޖެހޭނީ އަންނަ ޖޫން މަހުގެ 5 ގެ 13:00 އަށްކަމަށެވެ. މިކަމާ ގުޅޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުން މި މަހުގެ 15 ވަނަ ދުވަހުގެ ހެނދުނު 10:00 އާއި މެއި މަހުގެ 6 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 ގައި ޒޫމް މެދުވެރިކޮށް އޮންނާނެކަމަށް ޓްއަރިޒަމް މިނިސްޓްރީން ބުނެއެވެ.