
އައްޑޫގެ ކަރަންޓް މައްސަލަ ހައްލުކުރަން އެ ސިޓީއަށް މިދިޔަ މަހުގެ 21 ވަނަ ދުވަހުވެސް ވަނީ 1.8 މެގަވޯޓުގެ ޖެންސެޓެއް ގެންގޮސް ބޭނުން ކުރަން ފަށާފައެވެ. އެހެންނަމަވެސް އިއްޔެވެސް އެ ސިޓީ ކަރަންޓް ކެނޑި އާއްމުންގެ ޝަކުވާތައް ވަނީ ފުނިޖެހިފައެވެ.
ފެނަކައިން ބުނީ އައްޑޫ ސިޓީ ކަރަންޓް މައްސަލަ ހައްލުކުރަން އަންނަ ހަފްތާގެ ތެރޭގައި އަނެއްކާވެސް އެ ސިޓީއަށް އާ ޖަނަރޭޓަރެއް ގެންދަން ނިންމާފައިވާކަމަށެވެ. މި ޖަނެރޭޓަރަކީވެސް 1.8 މެގަވޮޓުގެ އެއްޗެއްކަމަށް ފެނަކައިން ބުނެއެވެ.
ފެނަކައިން މީގެކުރިން ނެރުނު ބަޔާނެއްގައި ބުނީ އައްޑޫސިޓީގެ ހިތަދޫ އާއި ގުޅިފައިވާ ރަށްތަކަކަށް ކަރަންޓް ދިނުމަށް ބޭނުންކުރާ ތިން ޖަނަރޭޓަރު ސެޓަށް މައްސަލަ ދިމާވެ އިތުރު އެއް ޖަނަރޭޓަރު ސެޓް މަރާމާތު ނުކުރޭވޭ ވަރަށް ހަލާކުވެފައިވާކަމަށެވެ. މިކަމުގެ ސަބަބުން އެ ރަށްރަށަށް ބޭނުންވާ ވަރަށް ކަރަންޓް އުފެއްދުމުގެ ދަތިތަކެެއް ކުރިމަތިވެ އެކި ވަގުތުތަކުގައި އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑަން ޖެހިފައިވާކަމަށެވެ.
މީގެއިތުރުން ހަލާކުވި ޖެނެރޭޓަރުގެ ތެރެއިން އެއް ޖަނެރޭޓަރު މަރާމާތުކޮށް މިހާރު ހިންގާފައިވާކަމަށާއި އަނެއް ޖަނެރޭޓަރު މަރާމާތުކޮށް މި ހަފްތާގެ ނިޔަލަށް ނިމޭނެކަމަށްވެސް ފެނަކައިން ނެރުނު ބަޔާނެއްގައިވެއެވެ. އަދި ދެން ހުރި ޖަނެރޭޓަރަށް ބޭނުންވާ ސްޕެއާ ރާއްޖެއިން ބޭރުން ގެނެސް އެ ޖަނެރޭޓަރު މަރާމާތުކޮށް ކުރިޔަށް އޮތް ހަފްތާގެ ތެރޭގައި ނިންމާ ހިންގަން ފަށާނެކަމަށްވެސް ފެނަކައިން ބުނެއެވެ.
ފެނަކައިން ބުނީ އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތް އެ ކުންފުނިން ފަށާ ދޮޅު އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ނިންމުމަށް އަމާޒު ހިފާފައިވާކަމަށެވެ.