
ފަތުރުވެރިކަން ތަރައްގީވެފައިނުވާ އަތޮޅުތަކުގައި ހަލާލް ޓޫރިޒަމް ފުޅާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނީ، ހަންކެޑެއިގައި ހަލާލް ޓޫރިޒަމް ތަރައްގީ ކުރުމަށް ރައީސް މުއިއްޒު ނިންމަވާފައިވާ ކަމަށެވެ. މި ނިންމެވުމާ ގުޅިގެން އެ މިނިސްޓްރީން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތަކުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ.
އައްޑޫ ސިޓީގެ ހަންކެޑެގައި ތަރައްގީ ކުރެވިގެންދާ ހަލާލް ޓޫރިޒަމްގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ސިންދަފާތު ކުރުމަށް އިތުރަށް މަގުފަހިވެގެން ދާނެ ކަމަށް ސަރުކާރުން ދެކެ އެވެ. އަދި އެގޮތަށް ތަރައްގީ ކުރާ ރިޒޯޓުތަކުގެ ސަބަބުން މި ސަރަހައްދުތަކުގައި ވަޒީފާ އުފެދި، އިގުތިސޯދީ ދުވެލި ހަލުވިވެގެންދާނެ ކަމަށްވެސް ސަރުކާރުން ދެކެ އެވެ.
ހަންކެޑެގައި ޓޫރިޒަމް ތަރައްގީކުރުމަށްޓަކައި ހަންކެޑެ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫއުގެ ބިންގާ މިސަރުކާރުން ވަނީ 16 އޭޕްރީލް 2024 ގައި އަޅާފަ އެވެ.
މި މަޝްރޫއުގެ ބިންގާ އަޅުއްވައި ދެއްވީ، ހޯމް މިނިސްޓަރު އަލީ އިހުސާނާއި ފަންޑު މެނޭޖްމަންޓް ކޯޕްރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނާޒިމް އަބޫބަކުރުގެ އިތުރުން ޗައިނާގެ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) ގެ މަންދޫބެކެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ ސީއެންއީއީސީންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު އިހުސާނު ވިދާޅުވީ، މި މަޝްރޫއުގެ ވާހަކަ 2008ވަނަ އަހަރުން ފެށިގެން އަޑު އެހި ކަމަށެވެ. އަދި މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ދެ ހަފުތާ ތެރޭ ފެށޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުން މިއަދު ވަނީ ޓޫރިޒަމް ބޭނުންތަކަށް އިތުރު 31 ރަށް ހުޅުވާލައިފި އެވެ. ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މިއަހަރު ތެރޭގައި 1،290 އެނދު މާކެޓަށް ނެރުމެވެ.