
ފިނޭންސް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ އިސްލާމިކް މިނިސްޓްރީގެ އެދުމުގެ މަތިން އެ މަޝްރޫއުތައް ހިންގާނެ ބަޔަކު ބޭނުންވާ ކަމަށާއި އެހެންވެ ބިޑަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެެވެ.
އެ އިއުލާނުގައިވާ ގޮތުން އިސްލާމީ މަރުކަޒު އަޅަނީ ށ. ފުނަދު އާއި ހއ. އިހަވަންދު އާއި ޅ. ނައިފަރާއި ގއ. ވިލިނގިލީގަ އެވެ. އެ މަޝްރޫއުތަކުގެ ބިޑު ސެކިއުރިޓީގެ އަގަކީ 102،000ރ. އާއި 126،000ރ. އާ ދެމެދެވެ.
މީގެ އިތުރުން މިސްކިތް ބިނާ ކުރާ 10 ރަށަކީ ރ. މީދޫ، ކ. ގުޅި، އއ. މަތިވެރި، އދ. ފެންފުށި، ފ. ފީއަލި، ދ. ރިނބުދޫ، ގދ. ނަޑެއްލާ، ގދ. މަޑަވެލި، ގދ. ހޯނޑެއްދޫ އަދި ގދ. ފަރެސްމާތޮޑާ އެވެ.
މި މަޝްރޫއުތަކުގެ ބިޑު ހުޅުވުން އޮންނާނީ 17 ޖުލައިވާ ބުރާސްފަތި ދުވަހުގެ 11 ޖަހާއިރު އެވެ.
އިއުލާންގައި ވާގޮތުން މި ބީލަމުގައި ބައިވެރިވުމަށް ކޮންމެ މަސައްކަތަކަށް 500ރ.ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެ އެވެ. ބީލަން ޕޯޓަލް މެދުވެރިކޮށް ބިޑު ހުށަހެޅޭނީ ބީލަން ޕޯޓަލްއަށް ރަޖިސްޓަރީވާ ފަރާތްތަކަށެވެ. އަދި ބީލަން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ބިޑު ފިޔަވައި އެހެން އެއްވެސް ބިޑެއް ބަލައެއް ނުގަންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ.