
ފަނޑިޔާރު ސުއޫދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޖުޑީޝަރީއަށް ނުފޫޒު ފޯރުވާކަމަށް ތުހުމަތު ކުރައްވާފައެވެ.
ޕީއެންސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސުއޫދު އަމަލުކުރައްވަނީ ފަނޑިޔާރުކަމަށް ވަޑައިގެންނެވުމުގެ ކުރިން ވެސް ގެންގުޅުއްވި ސިޔާސީ އެކްޓިވިސްޓްގެ އުސޫލުންކަން ހާމަވެފައިވާ ކަމަށެވެ.
ސުއޫދު ތުހުމަތު ކުރެއްވި ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހު ބާތިލު ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިހުތިސާސް އެ ކޯޓަށް ލިބިގެންވާ ކަމަށް ނިންމުމާ އެކު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް މަދުކުރުމުގެ ބިލެއް މަޖިލިހުން ފާސްކޮށްފައި ވަނީ "ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކައި" އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ރައީސް އެދިވަޑައިގަންނަވާ ގޮތަށް ނިންމަން ނުފޫޒު ފޯރުވުމަށެވެ.
ޕީއެންސީން އިތުރަށް ބުނެފައިވަނީ ސުއޫދާއި އެހެނިހެން ފަނޑިޔާރުންނާ މެދު ވެސް އަމަލު ކުރަމުން ދަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ބަޔާން ކޮށްފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އަދި ގާނޫނުތައް ނެގެހެއްޓުމުގައި ރައީސް ދައްކަވަނީ ނަމޫނާއެއް ކަމަށާއި އެކަމަށް މަރުހަބާ ކިޔާ ކަމަށް ވެސް ބަޔާނުގައި އެ ޕާޓީން ފާހަގަކޮށްފައިވެއެވެ.