
ސ. މީދޫ ހަސަންކާރިގެ، އަލްއުސްތާޒު ހުސްނުއްސުއޫދު ފަނޑިޔާރުކަމުގެ މަގާމުން 4 މާރިޗު 2024 ގައި އިސްތިއުފާ ދެއްވާފައިވާތީ، އެ ދުވަހުން ފެށިގެން އޭނާ ވަނީ ފަނޑިޔާރުކަމުގެ މަގާމުން ވަކިވެފައިކަމަށް ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ސުއޫދުގެ އިސްތިއުފާގެ ސިޓީ އެންމެ ފުރަތަމަ އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އެޑްރެސްކޮށްފައެވެ. ނަމަވެސް ފަނޑިޔާރުންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ފަނޑިޔާރުންގެ އިސްތިއުފާގެ ސިޓީ ހުށަހަޅަންޖެހެނީ ޖޭއެސްސީގެ ރައީސަށެވެ. އެގޮތުން ސުއޫދުގެ އިސްތިއުފާގެ ސިޓީ ޖޭއެސްސީއަށް ވަނީ ފަހުން ހުށަހެޅިފައެވެ.
ސުއޫދުގެ އިސްތިއުފާގެ ސިޓީގައި ބުނެފައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީން ވަކިވުމުން ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިޚްތިޞާޞް ސުޕްރީމް ކޯޓަށް ލިބިގެންވާކަމަށް ނިންމުމާ ގުޅިގެން، ސަރުކާރުން ގާނޫނުއަސާސީއާ ހިލާފަށް ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ސުއޫދު ބުނެފައިވެއެވެ. އަދި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ސަސްޕެންޑްކޮށް، ސަރުކާރުން ފަނޑިޔާރުންނަށް ބިރު ދައްކަމުން ގެންދާކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.
ސުއޫދުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވެސް މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން ޖޭއެސްސީން ވަނީ ސަސްޕެންޑްކޮށްފައެވެ. މި ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ އޭސީސީން ބަލަމުންދާ މައްސަލައެއްގެ މައުލޫމާތު އެ ކޮމިޝަނުން ކުއްލި ގޮތަކަށް ޖޭއެސްސީ އަށް ފޮނުވުމާ ގުޅިގެންނެވެ.
ސުއޫދު ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރެވިފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު 8 ގައިކަމެވެ. ތިން ފަނޑިޔާރުން މިހާރު ވަކިވެފައިވުމާއެކު ސުޕްރީމް ކޯޓުގެ މަސައްކަތަށް އަސަރުކުރާނެކަމަށް ގާނޫނީ ދާއިރާގެ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދެއެވެ.