
ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ނިޒާރު ވިދާޅުވީ، އައްޑޫ ސިޓީގެ ރައްޔިތުން ކަރަންޓުގެ އަސާސީ ހައްގުން މަހުރޫމުވެފައިވާ ކަމަށާއި، މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން އިހުމާލުވެފައިވާ ކަމަށެވެ. އަދި ކަމާ ގުޅުންހުރި މުއައްސަސާތަކުން އެކަށީގެންވާ ގޮތަކަށް މަސައްކަތް ނުކުރާތީ، އިހުތިޖާޖަށް ނިކުތުން ފިޔަވައި އިތުރު ގޮތެއް ނެތްކަމަށް އޭނާ ފާހަގަކުރިއެވެ.
އައްޑޫ ސިޓީއަށް ކަރަންޓު ފޯރުކޮށްދޭ ފެނަކަ ކޯޕަރޭޝަނުން ބުނީ، އަންނަ ހަފުތާގައި އެ ސިޓީއަށް 1.8 މެގަވޯޓުގެ ޖަނަރޭޓަރެއް ފޮނުވުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
ކަރަންޓު މައްސަލައާ ގުޅިގެން، މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވަނީ ފެނަކައިގެ އިސްވެރިން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީއަށް ހާޒިރުކުރުމަށް އެދިވަޑައިގެންފައެވެ. މަޖިލީހުގެ ރައީސަށް ފޮނުވި ސިޓީގައި އަޒާން ފާހަގަކޮށްފައިވަނީ، އައްޑޫ ސިޓީގެ ކަރަންޓު މައްސަލަ ހައްލުނުވެ ދިގުލައިގެން ދިއުމުގައި ފެނަކައިގެ އިހުމާލު އޮތް ކަމަށެވެ.
އެންމެ ފަހުގެ ބޯހިމެނުމުން ދައްކާ ގޮތުގައި 25,062 މީހުން ދިރިއުޅޭ އައްޑޫ ސިޓީގައި ކަރަންޓު ކެނޑުމުގެ މައްސަލަ ޒަމާންތަކެއް ވަންދެން ދިމާވަމުން އަންނަ މައްސަލައެކެވެ. ފެނަކައިން މި މައްސަލަ ދިމާވާ ސަބަބުތަކުގެ ގޮތުގައި ފާހަގަކުރަނީ ކަރަންޓަށް ޑިމާންޑު ބޮޑުވުމާއި، މަގު ހެދުން ފަދަ މަސައްކަތްތަކުގައި ކޭބަލްތަކަށް ގެއްލުންވުން ކަމަށެވެ. ރަށުގެ ރައްޔިތުން ބުނާގޮތުގައި، ޒަމާންވީ ނިޒާމަކަށް ބަރޯސާވެ، އިންޖީނުގެއަށް އެކަށީގެންވާ ބެލެހެއްޓުމެއް ނެތުމުން މުޅި ރަށުގެ ދިރިއުޅުމަށް ދައްޗާ ކުރިމަތިވެފައިވެއެވެ.