
"ރިދީ..!!!!؟؟" ލިބުނު ޝޮކްގައި ދެފަރާތަކަށް ބޯ ހޫރުވަލަމުން، އިކާން ބުނެލި އެވެ.
އިކާންގެ އަޑު އޭނާގެ ކަންފަތާއި ހަމައަށް ފޯރިކަމެއްވެސް ނޭގެ އެވެ. އެކަމަކު އޭނާގެ ރިހުން، އަހަރެން ދެނެގަތީމެވެ.
ދެފަޔަށް ބާރުލާފައި އީތަންގެ ކުރިމައްޗަށް އަރަން ބޭނުންވި އެވެ. ދެއަތުގައި ހުރި ބާރެއްލާފައި އެ އަނިޔާވެރިޔާއަށް ހަމަލާދޭން ބޭނުންވި އެވެ. އަހަރެންނާއިމެދު އެފަދަ ހުތުރު އިލްޒާމެއް އަޅުވައި، ހަގީގަތާއި ހިލާފް ބުހުތާނު ދޮގު ހެދީތީވެ، އޭނާއަށް އަދަބުދޭން ބޭނުންވި އެވެ. އަހަރެންގެ ނަފުސުގެ ކަރާމާތާއި އިއްފަތްތެރިކަމާއި އަބުރާއި އިއްޒަތް މުޅި ދުނިޔޭގެ ކުރިމަތީގައި ސުންނާފަތިކޮށް، ފަލީހަތްކުރި އިންސާނާއަށް އަހަރެންގެ ދެއަތުން އަދަބު ދޭން ބޭނުންވި އެވެ.
އެކަމަކު އަހަރެންގެ އެންމެ ގުނަވަނެއްވެސް، އަހަރެންގެ ނިންމުމަށް އިޖާބަނުދިނެވެ. ފިޔަވަޅުއެޅެންފެށީ ފަހަތަށެވެ. ދުވެފައި އެތަނުން ނިކުމެވުނު ގޮތެއްވެސް ނޭގެ އެވެ. އަހަރެންގެ ވަށައިގެން ދުނިޔެ އެނބުރެނީ އެވެ.
.................
ހުރެވުނީ މަގު މެދުގަ އެވެ. ދުއްވާ އެއްޗެހިން ސަލާމާތްވާން އަހަރެންގެ ދެފަޔާއި ސިކުނޑި ކުރި މަސައްކަތް އިނގޭނީ އެ ގުނަވަންތަކަށެވެ. އަހަންނަކީ މޮޔައެއް ކަމަށް ހީކޮށް އެތައް ލޮލެއް އަމާޒުވި އެވެ. ފަރުވާލެއް ނުބަހައްޓަމެވެ. އެއްވެސް މީހަކު އަހަރެންގެ ފަހަތަކުން ނާދެ އެވެ. އެކަމަކު އަހަރެންގެ ދެފަޔަށްލެވުނު ބާރެއްލާފައި ދުވެވުނީ މަގުގައި ޖާގައޮތީތީއެއް ނޫނެވެ.
ރޮމުން ގިސްލަމުން، ބިރުވެރިކަމުގައި މަގުމަތީގައި އަހަރެން ދުވަމުން މިދަނީ ބައެއްގެ ނުވަތަ މީހެއްގެ ސަމާލުކަން ހޯދާކަށްނޫނެވެ. އިތުރު ސުރުހީއަކާއި ފުރައްސާރައަށް ކުރިމަތިލާން ސޯޝަލްމީޑިއާގެ ސަމާލުކަން ހޯދާކަށްވެސް ނޫނެވެ. ދުނިޔެ ދެކެ މިއަދު އަހަރެން ބިރުގަނެ އެވެ. ފެންނަމުންދިޔަ ބިރުވެރި ހުވަފެނުން ހޭލެވި، ހުރިހައިކަމެއް އާދައިގެމަތީން ބަރާބަރުކަން އަހަރެންގެ ހިތަށް ނުވަތަ ސިކުނޑިއަށް ވިސްނައިދޭން ބޭނުމެވެ. ހުވަފެނަކީ ވަގުތީ އެއްޗެކެވެ. ބިރުވެރި ހުވަފެނަކީ ބައެއްފަހަރު ދިރިއުޅުމުގެ އެންމެ ބޮޑު ނުރައްކަލެވެ. އެއީ ސިކުނޑީގެ އަމާންކަން ނަގައިލާ ނާމާންކަމެކެވެ. އަހަރެންގެ ދެފައި މި ހިއްވަރުކުރަނީ އެ ހަގީގަތުން ރެކޭށެވެ.
އަހަރެންގެ ނިމުން އަހަންނާއި ބައްދަލުކުރާނެކަމުގެ އުއްމީދުގައި ދުވީމެވެ. އެކަމަކު ނިމުމެއް ނެތެވެ. ވަށައިގެން ދުނިޔެ އެނބުރިގަތީ މަލާމާތުގެ ބާރުގަދަ ހިންޏަކުން ކަންފަތް ބަށްކޮށްލާފަ އެވެ. ކަންފަތުގައި ދެއަތް އަޅައި ބަންދުކުރެވޭތޯ ބެލީމެވެ. އެއިގެ ކުރިން ބިންމައްޗަށް ހަށިގަނޑު ދެމިއްޖެ އެވެ. ކޮންމެވެސް އެއްޗެއްގައި ނުހަނު ބާރަށް ބޯޖެހުނުހެން ހީވެގެން ބަލައިލެވުނެވެ. ވެއްޓިފައއި އޮތީ ރަސްފަންނަށެވެ. އުނދަގުލުންވެސް ހަށިގަނޑު އުފުލީމެވެ. ވެލިގަނޑުމަތީގައި އިށިނީމެވެ. މޮޔައެއްފަދައިން ދެ ކަކުލުގައި ބާރަށް ބެއްދީމެވެ. ވަށައިގެން ކިތަންމެ މީހަކު އަހަންނާއި ދިމާއަށް ބަލަންތިބިކަން އެނގެ އެވެ. ދުނިޔޭގެ އާދަ އެވެ. ކުޅިބަލަން އެތައް ބަޔަކު ހހާޒިރުވާނެ އެވެ. އެހީގެ އަތެއް ދިއްކޮށްލާނެ އިހްލާސްތެރިޔަކު ނުވާނެ އެވެ. ދެކަކޫގެނެސް މެއާއިލައި ފިއްތާލާފައި ބާރަށް ބައްދައިގަތީމެވެ. އަޅަމުންދިޔަ ގަދަ ވޭނަށް ލުޔެއް ލިބޭތޯ އެވެ. ނަމަވެސް ފައިދާއެއް ނެތެވެ.
އީތަންގެ ދުލުން އަހަންނާއި ދިމާއަށް ކީ ހުރިހާ ނަމެއް އަހަރެން ތަކުރާރުކުރީމެވެ. އަމިއްލަ ކަންފަތަށް އިވެ އެވެ. ނަމަވެސް އެހެންމީހަކަށް އިވޭވަރަށް އެއިން ނަމެއް އަހަރެންގެ ދުލުން ކިޔާނީ ކިހިނެއް ހެއްޔެވެ؟ ހަޑިހުތުރު، ދަށުދަރައިޖެ ނަންތަކުގެތެރެއިންވެސް ފަސޭހައިން ދުލަށް ނުގެނެވޭނެ ނަންތަކެކެވެ.
"ރިދީ..!!" ކުއްލިޔަކަށް އަހަރެންގެ ނަން އަޑުއިވުނެވެ. އެއަޑުއައި ދިމާއަށް ބަލާނެ ހިތްވަރެއް ނެތެވެ. އަހަރެންގެ ނަފުސުން އަހަރެންގެ ކޮންޓްރޯލް ގެއްލިއްޖެ އެވެ.
ކޮންމެވެސް ދިމާއަކުން، ކޮންމެވެސް ގޮތަކަށް ވަދެ، މި އިނދެވުނީ ކާރެއްގެ ތެރޭގަ އެވެ. އަންޔާއާއި ގައިސަރް އަހަރެންގެ ގައިގައި ބައްދާލައިގެން، ހަމަޔަކަށް އެޅުވޭތޯ މަސައްކަތްކުރި އެވެ.
"ޑޯންޓް ޓަޗް މީ.. އައި އެމް ނޮޓް އަ ސ..." އަހަރެން ހަޅޭއްލަވައިގަތީމެވެ.
އެ ދެމީހުންގެ އަތުތެރެއިން އަހަރެން ނިކުތީމެވެ. އަހަންނާއި ދުރަށް އެ ދެމީހުން ކޮށްޕާލެވުނެވެ. ވައިއަޑުން ކިޔެމުންދިޔަ އެއްޗެއް މިވަގުތު ސާފެއް ނުވެ އެވެ. ފެންކަޅިވެފައިވާ ލޯތަކުން އަހަރެންގެ ދެ އެކުވެރިން ބަލަމުންދިޔައީ ހިތްދަތި ގޮތަކަށެވެ.
"އަހަންނާއި ގާތްނުވާތި..! ދުރަށް ދޭ.. ! އެންމެން ދުރަށް ދޭ.." އުނގަދޫކުރަމުންދިޔަ މެއްސެއް ކުރިމަތީން ފޮޅާލާގޮތަށް އަހަރެންގެ ރައްޓެހިން ފޮޅާލީމެވެ. ނަމަވެސް އެންމެ އިންޗިއެއްވެސް އެ ދެމީހުން ދުރަށް ނުޖެހުނެވެ.
އަވަސް ހަރަކާތަކާއެކު އަހަރެންގެ ދަބަސްތެރެއިން ފޯނާއި އިޔަރފޯން ނަގާފައި މިއުޒިކް ޖަހާލީމެވެ. ނާރުތަކުގައި އުތުރެމުންދިޔަ އިހްސާސްތައް މައިތިރިވާން ފަށައިފި އެވެ. ކޮންމެ ރާގެއް، ކޮންމެ މިއުޒިކެއް ބައްޕަގެ ހަނދާންތަކާއި ގުޅެ އެވެ. ބައްޕައަކީ މި ދުނިޔޭގައި އަހަރެންދެކެ އިންތިހާއަށް ލޯބިވި ހަމައެކަނި އިންސާނާ އެވެ.
އީތަން މުހައްމަދު މަނިކަކީ އެމީހަކުދެކެ އަހަރެން މި ކާއިނާތުގައިވެސް ހުދޫދެއް ނެތް މިންވަރަށް ލޯބިވި ހަމައެކަނި އިންސާނާ އެވެ. އަހަރެންގެ އަމިއްލަ ނަފުސުދެކެވެސް އެ މިންވަރަށް ލޯބި ނުވަމެވެ. އެކަމަކު މިއަދު އަހަރެން ގެނެސް ދުނިޔޭގެ އިންސާފުގެ ކުރިމަތީގައި ބެހެއްޓި ހިސާބު އަންދާޒާކޮށްލަބަލާށެވެ!
"އިޓްސް ހައި-ޓައިމް އިކާން..! ކުރިން އެކަން ހިނގާފަ އޮތް ގޮތް ބުނެދޭން މަޖުބޫރު ވަގުތު މިއޮތީ އަހަރުމެންނާއި ބައްދަލުކޮށްފައި..!" އއެއީ ކާމިލްގެ އަޑެވެ. އޭނާ ފޯނުން އެވާހަކަދައްކަނީ އިކާންއާ އެވެ.
ޖަވާބެއް ނެތް ކިތަންމެ ސުވާލެއް އަހަރެންގެ ސިކުނޑި ކޮންނަމުންދިޔަ އެވެ. އެއިން ކޮންމެ ސުވާލެއްގެ ޖަވާބު އަހަރެން ބޭނުމެވެ. އެކަމަށް އެދި އަތެއް ފަޔެއް ގުޑުވާލާނެ ހިތްވަރެއްވެސް އަހަރެންގެ ކިބައިގައި ނެތުމުން ހިމޭންކަން ނޫން އެހެން އިހްތިޔާރެއް ނެތެވެ.
މި ހާލަތުން އަރައިގަތުން ނޫން އެހެން ގޮތެއްނެތެވެ. ހިތްކުދިކުދިވެ ފިސްފިސްވެއްޖެ އެވެ. އަމިއްލަ ގުނަވަނންތަކަށްވެސް އަމިއްލަ އިހްތިޔާރެއް ނެތެވެ.
ލޮލުން ކަރުނައެއް ނައި އެވެ. މުޅިހަށިގަނޑުވަނީ އައްސިވެފަ އެވެ.
..................
އެއާޕޯޓް ޓާމިނަލް ކުރިމައްޗަށް ކާރު ހުއްޓާލުމުން އަހަރެން ފޭބީމެވެ. މީހެއްގެ އިޝަރާތާކަށް އަހަރެން ފަރރުވާލެއް ނުބަހައްޓަމެވެ. ގައިސަރްއާއި އަންޔާއާއި ކާމިލް އަހަރެންގެ ނަމުން ގޮވަމުން ފަހަތުން ދުވި އެވެ. ހުށިޔާރުކަމާއެކު ފަސްއެނބުރި ބަލައިނުލައި ގޮސް، އަހަރެން އެތެރެއަށް ވަނީމެވެ.
ކުށެއް ނެތި، އެކުވެރިންގެ އިހްސާސްތަކަށް އިހާނެތިކޮށް ހިތަންޖެހުމުން އަހަރެންގެ އަމިއްލަ ނަފުސުދެކެ ނަފފްރަތުކުރީމެވެ.
ފަސްއެނބުރުނަމަ، ނުވަތަ އެމީހުންނާއި ދިމާއަށް ބަލައިލީނަމަ ދެން ވެދާނެގޮތަކާއިމެދުގައި އަހަރެންގެ އެއްވެސް ޔަގީންކަމެއް ނެތެވެ. އަހަރެންގެ ކަރުނަ ހިފަހަށްޓާނެ ހަކަތައެއް ނެތެވެ. އެމީހުންގެ ކަރުނަދެކޭނެ ހިތްވަރެއް ނެތެވެ.
މިއީ އަހަރެންގެ ލޮބުވެތި ވަތަނެވެ. އަހަރެންގެ އުފަން ބިމެވެ. ލޯބިވާ ބައްޕަގެ ހުރިހައި ހަނދާނެއްވަނީ މި ބިމުގަ އެވެ. ލޯބިވާ މަދު އެކުވެރިންކޮޅެއް ލިބުނީ މި ބިމުންނެވެ. އެކަމަކު 'އީތަން މުހައްމަދު މަނިކު'ވެސް އަހަންނާއި ބައްދަލުވީ ހަމަ މި ބިމުންނެވެ. ލިބުނު އެއްޗަކަށްވުރެން، ފޭރިގަތް އުފާތަށް ގިނަ އެވެ. މުޅި ދިރިއުޅުން ފުނޑާލީވެސް މިބިމުގަ އެވެ. ދިރުން ހުރި އެންމެ ވިންދެއްވެސް މި ހަށީގައި ނެތެވެ.
ދިރުމެއް ނެތް ހަށިގަނޑެކެވެ. ފުރާނަ ހުއްޓަސް، އިހްސާސެއް ނެތް މަސްގަނޑެކެވެ. ދިރުހުންނާން ކުރާނެ އުއްމީދެއް ނެތެވެ. ހިތުގެ އެންމެ އަޑިން އެދެވެނީ ހިމޭންކަމުގެ ނޭވާއަކާއެކު ފުރާނަ ގެންދަވާތޯ އެވެ. އެކަމަކު ވަގުތުޖެހުމުން ނޫނީ، އެވަގުތު އަހަންނާއި ބައްދަލުނުކުރާނެކަން އެގެ އެވެ. ލޯތްބަކީ ނަފުސުތައް ވީރާނާކުރާ ވިހައެކެވެ. ނުބައި މިސްރާބަކުން ލޯބީގެ ވިންދު ޖަހައިފިނަމަ، ޖަހަންނަމައިގެ ވޭނަށްވުރެން ލޯބީގެ ވޭން މާ ނުބަ އެވެ.
މުޅިއުމުރުގައިވެސް އަހަންނަށް ލޯބިވެވުނީ އެންމެ މީހަކުދެކެ އެވެ. އެއީ ލޯބިވާން ހެޔޮވާވަރުގެ އިންސާނެއް ނޫނެވެ. އެއީ މޮންސްޓަރއެކެވެ. ނުރައްކާތެރި ފުރޭތައެކެވެ.
ދުވަހަކު ސަލާމަތްވުމެއް ނެތް އަނދަވަޅަކަށް އަހަރެން ވެއްޓިއްޖެ އެވެ. މިއީ ފުންމިން ނޭގޭ އަނދިރި ވަޅުގަނޑެކެވެ.
.......................
އީތަންގެ ހިޔާލް..!
އަހަރެންގެ ހިއްސުތައް ކޮންމެވެސް ވަރަކަށް މައިތިރިކުރެވި ހަމަޔަކަށް އެޅުވިއްޖެ އެވެ. ކަރުދަހުގައި ލިޔެފައި އޮތީ ނޯޓެއްކަމެއް ނުވަތަ ސިޓީއެއްކަމެއް ނިންމާކަށް އަހަރެން ނެތީމެވެ. އަތުގައި އޮތް ގަނޑު ނަގާފައި އެއަށް ބަލައިލީމެވެ. ތައުރީފް ހައްގގުވާވަރުގެ ހިތްގައިމު އަތުލިޔުމެކެވެ. މިވަގުތު މުހިއްމީ ލިޔުމުގެ ފަރިކަމާއި ނަލަކަމެއް ނޫންކަން އަހަންނަށްވެސް އެގެ އެވެ. ނަމަވެސސް މީގައި ލިޔެފައި އޮތް އެއްޗެއް ކިޔަންފެށުމަކީ ފަސޭހަކަމެއް ނޫނެވެ.
އީތަންއަށް..
ކަރުދާހުގައި ލިޔުމުގެ ބަދަލުގައި މެސެޖްވެސް ކުރެވިދާނެ އެވެ. ފޯނުކޮށްފައިވެސް ބުނެވިދާނެ އެވެ. ނުވަތަ މިވާހަކަ ނުދެއްކުމަކީވެސް އަހަންނަށް އޮތް އިހްތިޔާރެކެވެ. މި ހުރިހައި ކަމެއްގެ ތެރެއިން، އަހަރެން މި ސިޓީ މިލިޔުނީ ކީއްވެގެންތޯ ސުވާލު އުފެދޭނެކަން ޔަގީނެވެ. ކޮންމެ ގޮތެއްވިޔަސް ހެޔޮކަމަށް އަހަރެން ނިންމީ މި ސިޓީ ލިޔާށެވެ. ސަބަބަކީ އީތަންގެ ހަޔާތުގައި ދެވަނަ ޒާޔާއަކަށް ވާން އަހަރެން ބޭނުން ނުވާތީ އެވެ.
އާއެކެވެ! އަހަރެން މި ދަނީ އެވެ. ހަމަ ޒާޔާވެސް ދިޔަފަދައިންނެވެ. އިތުރަށް ކެތްކުރާނެ ހިތްވަރެއް މިހިތުގައި ނެތެވެ. ދެމީހުން ދެމެދުގައި ކަމެއް ނުވާކަމަށް ހަދައިގެން އިތުރަށް މި ގުޅުމުގައި ދެމިހުންނާންޖެހޭ އެންމެ ސަބަބެއްވެސް ނެތެވެ. އާއެކެވެ! އީތތަން އަހަރެން ގާތުގައި އެއްބަސްވީ ހަމަ ރަގަޅަށެވެ. ތިއީ މޮންސްޓަރ އެކެވެ. އިންސާނުންގެ ތެރެއިން އަހަރެންނަށް އީތަންގެ ނަން ގުނާނުލެވޭނެ އެވެ. އީތަންގެ ހާޒިރުގައި އަހަންނަށް އަމާންކަމެއް ނެތެވެ. ހަ ފަރާތުން އޮތީ ނުރައްކަލެވެ. އަހަރެން ބަރުބާދުކޮށްލާނެކަމަށް ފާޅުގައި އިއުލާނުކޮށްފައި އެކަން ނުހަނު ފުރިހަމައަށް އީތަން ކޮށްފި އެވެ. ދުވަހަކުވެސް މިންޖުނުވެވޭނެ މިންވަރަށް އަހަރެންގެ ހިތާއި ނަފުސު ވީރާނާކޮށްލައިފި އެވެ.
އަހަރުމެން ދެމީހުންގެ ދެމެދުވަނީ ލޯބިކަމަށް ވިސްނުމަކީ އަހަރެންގެ މޮޔަކަމެވެ. މިދެމެދުގައި ލޯބީގެ ވިންދެއް ވާނަމަ އެއީ ހަމައެކަނި އަހަރެންގެ ހިތުގައި އޮތް އެއްޗެކެވެ. އީތަން އެވެ. ތިބާގެ ސަބަބުން ދުވަހަކުވެސް އަހަރެންގެ ލޮލުން ކަރުނަތިއްކެއް ވައްޓާލުމުގެ ފުރުސަތު ނުދޭނަމޭބުނި ދުވަސް ހަނދާން އެބަހުރި ހެއްޔެވެ؟ އެކަމަކު އީތަންއާއި ދިމާވިފަހުން އަހަރެންގެ ލޮލުން ވެއްޓުނު ކަރުނައިގެ ނުވަދިހަނުވަ އިންސައްތައަކީ އީތަންގެ ސަބަބުން އޮހޮރާންޖެހުނު ކަރުނަ އެވެ. އެއީ ވޭނީ ކެކުޅުންތަކެކެވެ.
ލޯބިވާ އެވެ. ތިބާގެ ލޯބި، އަހަރެން ގެންގޮސްވައްޓާލީ ބިރުވެރި، ނުރައްކަލުން ފުރިފައިވާ ނަރަކައެއްފަދަ ގަދދަ އަލިފާނަށެވެ. ރެއާއި ދުވާލު މިހަށިގަނޑު ޒަހަމްވަމުން ދިޔަދިޔުން ތިބާއަށް އިހްސާސްނުކުރެވޭ ހެއްޔެވެ؟
އަހަރެން ބަލިވެއްޖެ އެވެ. ވަރުބަލިވެއްޖެ އެވެ. އީތަންގެ ތިޔަ 'ސްޓުޕިޑް ގޭމްސް'ތައް ކުޅުން ހުއްޓާލާކަށް ނުވޭހެއްޔެވެ؟ އަހަރެންގެ ލޯތްބާއި އަޅާލުމުން އީތަންގެ ޒަހަމްތަކަށް ފަރުވާއެއް ދެވޭނެކަމަށް އަހަންނަށް ހީކުރެވިފައި އޮތުމަކީ އަހަރެންގެ މޮޔަކަމެވެ. އެކަމަކު އީތަންއަށް ކޮށްދޭނެ ފަރުވާއެއް އަހަރެންފަދަ ނިކަމެއްޗެއްގެ ކިބައިގައި ނެތެވެ. އަހަރެންގެ އެންމެ ބޮޑު ކުށަކީ، އަހަރެން ފަދައިން އީތަންގެ ހިތުގައިވެސް އަހަންނާއިމެދު ލޯބި އުފެދިދާނެކަމަށް ހީކުރެވިފައި އޮތުމެވެ. އަހަރެންގެ މި ރިހުމުގެ އަސްލަކީ އަހަރެންގެ ހިތެވެ. ހީކުރެވިފައި އޮތީ އަހަރެންގެ ހަޔާތުން ދާއިމީ އުފަލާއި ތާއަބަދު އެކުގައި، އުފާވެރިކަމުގައި އުޅުމުގެ ހުރިހައި ހައްގެއް އޮތީ އީތަންގެ ރައްކާތެރި ދެއަތުގެ ތެރޭގައި ކަމަށެވެ. ނަމަވެސް އީތަންގެ ދެއަތުގެ ރައްކާތެރިކަމަކީ އަހަންނަށް ކަށިކުނބުރު ހާއްޔަކަށް ވުރެންވެސް ދަތިއުނދަގޫ މަންޒިލެކެވެ.
ހުރިހައި ކަމެއްގެ ތެރެއިން ފެންނަނީ އެންމެ ހަގީގަތެކެވެ. އެއީ އީތަންގެ 'ބަހެވެ'. ތެދެކެވެ! ތިއީ މޮންސްޓަރއެކެވެ. އަހަރެންގެ ހުވަފެންތަކުގައި ބައްދަލުކުރާފަދަ ޕްރިންސް ޗާމިންގއަކަށް އީތަން ދުވަހަކުވެސް ނުވާނެ އެވެ. އީތަން އެވެ. ބުނަންހެއްޔެވެ؟ އަހަރެންގެ އުއްމީދާއި، ކުރެވުނު ހީތަކާއި، ވެވުވުނު ގާތްކަމާއި، އުފެދުނު އިހްސާސްތަކުގެ ސަބަބަކީ، މުޅިދުނިޔެއަށް އަހަރެން ފަލީހަތްކޮށް އަހަރެންގެ އަބުރާއި އިއްފަތްތެރިކަން ފޭރިގަތުންކަމުގައި އީތަން ދެކުމަކީ ބޮޑު ކުށެކެވެ.
އެކަމަކު ފަށްފަށުން މަރުހަބާ އެވެ. ނުހަނު ފުރިހަމައަށް އީތަން އެކަން ކޮށްފީމު އެވެ. އަހަރެންގެ 'ދުވަސް ދުއްވާލައިފި' އެވެ. ދުވަހަކުވެސް ފަސޭހަވުމެއް ނެތް ޒަހަމްތަކެއް މިހިތުގައި ލައްވައިފި އެވެ. މިވަގުތުވެސް ބުނެލަން ބޭނުމެވެ. ފިސްފިސްކޮށް ކުދިކުދި ކުރި މިހިތުގެ ކޮންމެ އެތިކޮޅެއްގައި ލިޔެވިފައިވަނީ ހަމައެކަނި އީތަންގެ ނަމެވެ. ތިޔަ އަނިޔާވެރިޔާގެ ނަމެވެ. އެއިން ކޮންމެ އެތިކޮޅެއްގައި ވަނީ، ކުރިން ހުރި އިހްސާސް ނޫންކަން ބުނެލަމެވެ. އެކަމަކު އެއިން ކަމެއް ފުރިހަމަކުރާން ނުވަތަ އީތަންއާއި ކުރިމަތިލާން މިތާގައި ހހުންނާންޖެހޭ ސަބަބެއް ނެތެވެ. އީތަން އަހަރެން ވައްޓާލާފައިވިމާ އަނދިރި ވަޅުގަނޑުން ދުވަހަކުވެސް ސަލާމަތްނުވާނެކަން މި ހަނދާންކޮށްދެނީ އީތަންގެ އަމިއްލަ އުފަލާއި ހިތްހަމަޖެހުމަށްޓަކަ އެވެ. އުފާކުރާށެވެ! އީތަންއަށް ކާމިޔާބު ލިބިއްޖެ އެވެ. އަހަރެން ބަރުބާދު ވެއްޖެ އެވެ.
އަހަރެން މިދަނީ އެވެ. އޮތީ އެންމެ އެދުމެކެވެ. އަހަރެންގެ ހިތް ކިތަންމެ ވަރަށް އީތަންއަށް އެދުނަސް، ދުވަހެއްގައިވެސް ހަނިގޮތަކަށްވިޔަސް ދެމީހުން ބައްދަލުނުވުމެވެ. 'ހެޕިލީ އެވަރ އާފްޓަރއަކަށް އަހަރެން ކުރި އުއްމީދު' ހުތުރު ގޮތަކަށް ފޭރިގަތުމުގެ އުފާ އީތަންއަށް ކާމިޔާބުވެއްޖެ އެވެ. މި ހަޔާތް ބަރުބާދުކޮށް ސުންނާފަތި ކޮށްލީތީ މަރުހަބާ އެވެ. އެކަމަކު އަދިވެސް ބުނަމެވެ. އަހަރެންނަށް މި ދުނިޔޭގައި އިތުރަށް ގެއްލުނު ހަމައެކަށްޗެއްވެސް ނެތެވެ. ލިބުނު އިތުރު ގެއްލުމެއްވެސް ނެތެވެ. ގެއްލުނު އެއްޗެއް ގެއްލުނީ އީތަންއަށެވެ. ލިބުނު ހުރިހައި ދެރައެއް ލިބުނީވެސް ހަމައެކަނި އީތަން އަށެވެ. އަމިއްލަ ނަފުސަށްވުރެން އެމީހަކުދެކެ ލޯބިވާ އިންސާނަކު ބީވެދިއުމަކީ ކިހައިވަރެއްގެ ކަމެއްކަން ކޮންމެވެސް ދުވަހަކުން އީތަންއަށް އިހްސާސްކުރެވޭނެ އެވެ.
ވައުދެއްވާން ބޭނުމެވެ. އީތަން އެވެ. މާތް ﷲ ގަންދީ ބުނަމެވެ. އިން ޝާ ﷲ، ތިޔަ ދިން ހިތާމައިން އަހަރެން އަރައިގަންނާނަމެވެ. އެކަމަކު އީތަން އަހަންނަށް ހަދައިލި ގޮތް ދުވަހަކުވެސް ހިތުން ފިލިޔަކަނުދޭނަމެވެ.
ނަސޭހަތެއްގޮތުގައި ބުނަމެވެ. އީތަން އެވެ. ހަގީގީލޯބިވާނެ އަންހެން ކުއްޖަކު ހޯދާށެވެ. ހިތުގެ އެންމެ އަޑިން ތެދުވެރި ލޯބި އެކުއްޖަކަށް ދޭށެވެ. ލޯތްބާއިނުލައި ދިރުމެއް ނުވެ އެވެ. ގަބޫލުކުރާށެވެ. 'ހެޕިލީ އެވަރ އާފްޓަރއަކީ' ހަގީގަތެކެވެ. އެއީ ނަސީބުވެރިންނަށް ނޫނީ މިދުނިޔޭގައި ނުލިބޭނެ ނިއުމަތެކެވެ. އަހަރުމެންގެ ތަގުދީރުގައި އެނަސީބު މިންވަރު ކުރައްވާފައި ނެތީ އަހަރެންގެ ބަދުނަސީބުކަމުންކަމަށް ވެދާނެ އެވެ. ލޯބިވާ އެވެ. މުޅިން އާ ލޯތްބަކަށް، އުއްމީދުކުރާށެވެ!
ދުވަހަކުވެސް އީތަންގެ ހައްގަކަށް ނުވެވުނު،
އަމިއްލަ އަތުން ތިބާ ވީރާނާކޮށްލި
ރިދީ އިމާދު
އަހަރެން މި ވަކިވަނީ އަހަރުމެންގެ ގުޅުމުގައި ނިމުމުގެ ސިއްކަ ޖަހާފަ އެވެ. (ނުނިމޭ)