
އަހަރެންގެ ބަސް ކަނުލާ އަހާށެވެ. އެކަނިވެރި މި ދުނިޔެއަށް އަހަރެން ގިނަކުރީ ތިބާއެއް ނޫނެވެ. އަނދިރި ހިޔަނިތަކުގެ ތެރެއަށް ތިބާ ދޫކޮށްލީ އަހަންނެވެ. އަހަރެންގެ ހިތުގެ ކޮންމެ ކުނޑިފުކެއްގެ ކަޅުހިޔަނީގެ ނިވަލުގައި ވަނީ ތިބާގެ ކަރުނަ އެވެ. އަމާންކަމެއް ހޯދޭތޯ ބަލާށެވެ. ލޯބިވާ އެވެ. މިއީ ތިބާގެ ބިރުވެރި ހުވަފެންތަކުގެ ފެށުމެވެ.
ދޮޅުއަހަރުފަސް، އައްޑޫސިޓީ، ހިތަދޫ
ހިތްދަތި ހަގީގަތެއްވެ އެވެ. ކޮންމެ އަންހެން ކުއްޖެއްގެ ހަޔާތުގައިވެސް، އޭނާގެ ދިރިއުޅުން ބަދަލުކޮށްލާނެ ފިރިހެން ކުއްޖަކު ބައްދަލުވާނެ އެވެ. އެއީ ދެވަނަ ފަހަރަށް ތިބާގެ އަމިއްލަ ނަފުސު ތިބާއަށް ހަމައަކަށް އަޅުވާނުލެވޭނެވަރަށް ތިބާގެ ހަޔާތް ސުންނާފަތިކޮށްލާ ތޫފާނެއްގެ ގޮތުގަ އެވެ. ނުވަތަ ދުނިޔެއަށް މިސާލެއް ފަދައިން ލޯބިދޭ، އަދި ލޯބިވާ ބައިވެރިއެއްގެ ގޮތުގަ އެވެ.
ދޮޅުއަހަރުކުރިން އަހަރެންގެ ހަޔާތުގައި އޮތީ އެ މަރުހަލާ އެވެ. މިހާރު އަހަންނަކީ ކުރީގެ ރިދީ އިމާދެއް ނޫނެވެ. އަހަރެންގެ އިސްތަށިގަނޑުގައި މިހާރު އޮންނަނީ ހުޅިޖަހާފައެއް ނޫނެވެ. ނުވަތަ 'ކަރލްސް' ކޮށްފައެއް ނޫނެވެ. މިހާރު މި އިސްތަށިގަނޑުގައި އެންމެ ބަނޑިއެއްވެސް ނީންނާނެ އެވެ. މަޑުމަޑު ފަށުވިކޮޅެއްފަދަ ފަން އިސްތަށި ގަނޑެކެވެ. އުނަގަނޑާއި ހަމައަށް ނިއުޅުވާލާފައި އޮންނައިރު ހަސަދަވެރި ކިތަންމެ ލޮލެއް އަހަރެންގެ އިސްތަށިގަނޑަށް އަމާޒުވާކަން ދެނަހުރީމެވެ.
މިއަދު އަހަންނަކީ މިއުޒިކާއި ލަވަކިޔުމަށް ލޯބިކުރާ ފަންނާނެކެވެ. އަޑުއަހަން ނުފަރިތަވިޔަސް ހަގީގަތަކީ، އީތަން މުހައްމަދު މަނިކު އަހަރެންގެ ހިތާއި ހަށިގަނޑު ފުނޑޑުފުނޑުކޮށްލި އެވެ. ޖިސްމާނީ އަދި ނަފްސާނީގޮތުން ނުކުޅެދޭ ހާލަތަށް އަހަރެން ވައްޓާލި އެވެ. މިއަދު އަހަރެން މިހުރީ އެދުވަހަށް ވުރެން އެތަށް ގުނައެއް ގަދަފަދަކޮށެވެ. ހުރިހައިވެސް ޝުކުރެއް ހައްގުވަނީ އީތަން އަށެވެ. އަހަރެންގެ ދިރިއުޅުމައިގެން ކޮޅަށް ތެދުވުމުގެ ހުރިހައި ހިތްވަރެއް ލިބުނީ އީތަންގެ ސަބަބުންނެވެ.
"އޯ މައި ގޯޑް- ރިދީ... ޔޫ ލުކް... ސޯ..." ނަޔާރާގެ ޖުމުލައިގެ މެދުތެރެއިން އޭނާ ހުއްޓުންއެރި އެވެ. ޝޮކްޖެހިފައިވާ މޫނުތަކުގެ ކުރިމަތީގައި އަހަރެން އެނބުރެލީމެވެ. މަޑުމަޑު ވައިރޯޅި އަހަރެންގެ ފަށުވި އިސްތަށިގަނޑުގައި މިއުޒިކެއް ކުޅެލި އެވެ.
ގައިގެ ބައްޓަމަށް ފަރުމާކޮށްލާފައިވާ ޕީޗް ކުލައިގެ މެކްސީއެއް އަހަރެން މިއަދު އިހްތިޔާރުކުރީ، މަޑު ޕީޗްކުލައަކީ އަހަރެންގެ ދޮން ހަށިގަނޑަށް މިފަދަ ވަގުތަކަށް އެންމެ އެކަށީގެންވާ ކުލަކަމަށް ބަލާފަ އެވެ. މީގެކުރިން މޭކަޕްއެއީ އަހަރެންގެ އެކުވެރިއެއް ނޫނެވެ. ނަމަވެސް މިހާރު އަހަންނަކީ މޭކަޕްގެ އެކުވެރިއެކެވެ. އެއާއި ނުލައި އަހަރެންގެ 'ޒީނަތްތެރިކަން' މިހާރު ފުރިހަމައެއް ނުވެ އެވެ.
"ޑިފްރެންޓް....!!" ހުވަފެނީގޮތަކަށް ރަޒީން ބުނެލި އެވެ.
ނަޔާރާގެ ޖުމުލަ ފުރިހަމަކޮށްލައިދިނީ ރަޒީން އެވެ. އަނގަހުޅުވުނު ގޮތަށް ލައްޕާލަން ނޭގިފައިހުރި ރަޒީންގެ މޫނަށް ބަލައިލެވުނު ވަގުތު ހިނިއައި އެވެ. ތަންކޮޅެއް އެއްފަރާތެއްގައި އެއަށްވުރެން ބޮޑަށް އަނގަހުޅުވިފައި ކާމިލް ހުއްޓެވެ.
އަހާން އަދި އިކާން އޭރު ކާރުން ފައިބަނީ އެވެ. ލަންޑަނުން އައިގޮތަށް އެއާޕޯޓުން ގެއަށް ނުގޮސް އެމީހުން އެއައީ އައްޑޫސިޓީ، ހިތަދޫ އަށެވެ. ތިން މީހުންނަށް އެއް ފްލައިޓަކުން ނާދެވުނީ، އިކާންގެ ބައްޕަގެ ވިޔަފާރީ މަސައްކަތެއް ނިންމާންޖެހުމުންނެވެ. އިއްޔެ ހިތަދޫ ކޯޓަށް އަހަރެން ހާޒިރުވާން އޮތްކަމެއް އެއްވެސް މީހަކަށް ނޭގޭނެ އެވެ. އަހަރެން ހިތަދޫއަށް އައީ މީގެ ދެ ދުވަސްކުރީންކަމެއް އިކާން އާއި އަހާން ފިޔަވައި އެހެން މީހުންނަކަށް ނޭގޭނެ އެވެ. ގައިސަރް ހިފާފައިވާ ގެސްޓްހައުސްއަށް އަހަރެން ބަދަލުވީ މިއަދު އެވެ.
އަހަރެންގެ ރައްޓެހިން އައިސް މިތިބީ މިވަގުތު އަހަރެމެން އެންމެންގެ މަންޒިލްކަމަށްވާ އައްޑޫސިޓީގެ ހިތްގައިމު ހިތަދޫ އެވެ. އުފާވެރި މުނާސަބަތެކެވެ. ގައިސަރްގެ ކައިވެނި އޮތީ ހިތަދޫގަ އެވެ. މިވަގުތު މާލެދިއުމަކީ އަހަންނަށް ފަސޭހަކަމަކަށް ނުވާތީ މިގޮތަށް ނިންމީ ގައިސަރް އެވެ.
އެންމެ މޮޅުކަމަކީ، ގައިސަރް ކައިވެނިކުރަނީ ކާކާކަމެއް އަހަންނަކަށް އަދިވެސް ނޭގެ އެވެ.
ފާއިތުވި ދޮޅުއަހަރުދުވަހު އަހަރެން އުޅުނީ، އަހަރެންގެ އަމިއްލަ ނަފުސު ދިރުވައި، ކޯޓުގައި އޮތް މައްސަލަތައް ހަމަޔަކަށްއަޅުވައި އަމިއްލަ ދެފައިމައްޗަށް ކޮޅަށް ތެދުވުމުގައި އަވަދިނެތި އެވެ. އަމިއްލަ ނަފުސުގެ އިތުބާރު ވަރުގަދަކުރުމާއި، އީތަން މުހައއްމަދު މަނިކުދެކެ ނަފްރަތުކުރުމަކީ ފާއިތުވި ކުރު މާޒީގައި އަހަރެންގެ އެންމެ މަގުބޫލް ޒިންމާ އެވެ. އަހަރެންގެ އެ ނޫން ދުނިޔެއެއް އޮތްކަން އަހަރެން ހަނދާނެއް ނެތެވެ. އެއްއިރެއްގައި ގައިސަރްއަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އެވެ. ދެމީހުންގެ ދެމެދު ދުރުކަން އުފެދެމުންއައިސް މިއަދާހަމަޔަށް އައިއިރު ގައިސަރްއާއި ކައިވެނިކުރަނީ ކާކުކަންވެސް އަހަންނަށް ނޭގެ އެވެ.
"އަރތް ޓު ރިދީ...!" އަހަރެންގެ ކަންފަތްބުޑުގައި އިކާން ހަޅޭއްލަވައިގަތެވެ.
"ސޮރީ، ސޮރީ..." ލަދުން މޫނު ރަތްވި އެވެ.
އިހްތިޔާރަކާއިނުލައި ވަށައިގެން ބަލައިލެވުނީ އެ ތަނުގައި 'މޮންސްޓާރ' ހުރިތޯ އެވެ. ނަމަވެސް އޭނާއެއް ނެތެވެ. ﷲއަށް ހަމްދާއި ޝުކުރުހުއްޓެވެ! އެންމެންގެ ތެރެއިން އައިސް އަހަރެން ބައްދާލީ ކާމިލްގެ ގައިގަ އެވެ.
"ތޭންކްސް ފޯ ކަމިންގ" އަހަރެންގެ ކަންފަތްބުޑުގައި ވައިއަޑުން ކާމިލް ބުނެލި އެވެ.
"ކާމިލް، ޝުކުރު ތި އަދާކުރީ ކީއްވެ..؟" ވާނުވާ ނޭގުމުން އަހަރެން ސުވާލުކުރީމެވެ.
އެއްވެސް މީހަކު އަހަރެންދެކެ ރުޅިނައިސް، ނަފްރަތް ނުކުރީތީ، ﷲގެ ހަޒްރަތަށް އަހަރެން ޝުކުރުވެރިވީމެވެ. އެމީހުންނާއި އެއްވެސް ގުޅުމެއް ނުބާއްވާތާ އަހަރުދުވަސްވެގެން ދިޔައީ އެވެ. އެކުވެރިންގެ ފަރާތުން ކުޑަވެސް ތަފާތުކަމެއް ނުފެނުނެވެ. އެކަމާއި އުފާކުރީމެވެ.
"ކާމިލްގެ ކައިވެނި... އެހެންވީމާ، ޝުކުރުވެސް އަދާކުރާނީ ކާމިލް ދޯ؟" ރަޒީންގެ ޖަވާބު އަހަރެން ހައިރާންކުރުވި އެވެ.
"ކާމިލްގެ ކައިވެނި..!؟" ލިބުނު ޝޮކުގައި ބުނެވުނީ މާ ބާރަށެވެ.
"މިއީ ގައިސަރްގެ ކައިވެނި!!" އެމީހުންނަށް ޔަގީންކޮށްދޭން އަހަރެން މަސައްކަތްކުރީމެވެ.
ނަޔާރާއާއި ރަޒީން އަހަރެންނާއި ދިމާއަށް ބަލައިލީ އާޝޯހްވެފަ އެވެ. އިހަކަށްދުވަހު ކޯމާއިން ތެދުވި އަހަރެންގެ ބޮޑުބެ އަހާން އާއި އިކާން ކޮޅަށްތެދުވީ ދެލޯ ބޮޑުކޮށްލާފަ އެވެ. ވާނުނާ ނޭގުނީ އަހަންނަށެވެ.
އީތަންގެ ބޭވަފާތެރި ހިތާމައިގެ ދަތުރުގައި، އަހަރެންގެ ތަގުދީރުގެ ގެންދިޔައީ އެންމެ އުފާވެރި މަންޒިލަށެވެ. ކާމިލްއާއި އިކާން އަހަންނަށް ސިއްރުކޮށްފައި އޮތީ އަހާންބޭބެގެ ހަގީގަތެވެ. މިދުނިޔެ ދޫކޮށްފައިވާކަމަށް އަހަންނަށް ހީކުރެވުނު އަހަރެންގެ އަހހާންބޭބެ އޮތީ ލަންޑަންގެ ހޮސްޕިޓަލެއްގައި ކޯމާގަ އެވެ. ބޭބެ ދިރިހުރިކަމުގެ އެއްވެސް މައުލޫމާތެއް އަހަންނަށް ކުރީން ލިބިފައެއް ނެތެވެ. އިކާން އާއި ބޭބެ އަކީ ސްކޫލް އެކުވެރިންނެވެ. އަދި ކޯމާއިން ތެދުވުމާއެކު އީތަން ފިޔަވައި، ރޮކް5ގެ މެމްބަރުންނަށް އިކާން، އަހާންބޭބެ ތައާރަފްކޮށްދިނީ އެއީ ނުހަނު ގާތް ދެ އެކުވެރިން ކަމަށްވާތީ އެވެ.
އޭގެ ފަހުން ބޭބެއަކީވެސް ރޮކް5 ބޭންޑުގެ މެންބަރުންނާއި ހާއްސަގުޅުމެއް އޮންނަ ފަރާތެކެވެ. މި ގުޅުމުގައި އީތަންއަކީ 'ނެތް' މީހެކެވެ. ކޮއްކޮއެއް ފަދައިން ކާމިލް އަހަރެން ބަލަހައްޓަމުންދިޔައީ އަހާންބޭބެއަށް ވެފައިވާ ވައުދުގެ ސަބަބުންނެވެ.
ހަ އަހަރުވަންދެން ބޭބެ ކޯމާގައި ބާއްވައިގެން ބެލީ އިކާން އާއި އިކާންގެ ބައްޕަ އެވެ. ދުނިޔެއަށް ސިއްރުން އަހަރެންގެ ބަލަދުވެރިކަން ކާމިލްއާއި އިކާންއަށް ބޭބެ ހަވާލުކުރީ، އެއަށްވުރެން އިތުބާރުކުރެވޭ އެހެން މީހަކު ބޭބެގެ 'ދުނިޔޭގައި' ނެތީތީ އެވެ. ރޮކް5ގެ އެއްވެސް މެންބަރަކު އަދި އިކާންވެސް ބޭބެ ދިރިހުރިކަމުގެ ވާހަކަ ދުވަހަކުވެސް އަހަރެން ގާތުގައި ނުދައްކަ އެވެ. ބޭބެ ދިރިހުންނާނެ ކަމުގެ އެއްވެސް އުއްމީދެއް ޑޮކްޓަރުން ފަރާތުން ލިބިފައިނުވާތީ އެ ހަބަރު އަހަންނަށް ނުދިނީ، ނާއުއްމީދު ވިޔަނުދިނުމަށެވެ. ﷲގެ ރަހްމަތްފުޅު ދެކިބަލާށެވެ. މިއަދު ބޭބެ އެހުރީ ފުރިހަމަ ސިއްހަތުގައި އަމިއްލަ ދެފައިމައްޗަށް ކޮޅަށެވެ. މާ ޝާ ﷲ، ފުރިހަމަ ސިއްހަތުގަ އެވެ.
"ނޫނޭ ނޫނޭ ރިދީ.. މިއީ ކާމިލްގެ ކައިވެނި..." ގަދަ އަޑުން ނަޔާރާ ބުނެލި އެވެ. މާޒީގެ ތެރެއިން ހަގީގަތާއި ހަމައަށް އާދެވުނީ ނަޔާރާގެ އަޑަށެވެ.
"ނޫން.. މިއީ ގައިސަރްގެ ވެޑިންގ.. އެކަނިމައިއެކަނި އެހައި ދިގު ދަތުރެއްކޮށްފައި ލަންޑަންއަށް، ގައިސަރްއައީ އަހަރުމެންނަށް ދައުވަތު ދޭން.. އެއީ ގައިސަރްގެ ވެޑިންއަށް ވާތީ ދޯ..!؟" އަހަރެންނާއި ދިމާއަށް ބަލައިލާފައި އަހާން ބުނެލި އެވެ. ބޮލުގެ އިޝާރާތުން އަހަރެން އާއެކޭ ބުނީމެވެ. ކުރިއެކޭ އެއްގޮތަށް 'ބޭބޭ' ކިޔުމަށް އަހަރެން އަދިވެސް ފަރިތައެއް ނޫނެވެ.
"މިއީ ކާމިލްގެ ވެޑިންގ.." ތަންކޮޅެއް ބާރަށް ނަޔާރާ ބުންޏެވެ.
"ގައިސަރްގެ ވެޑިންގ.." އަހަރެންވެސް ދުލެއް ނުދެމެވެ.
"ކާމިލްގެ.."
"ގައިސަރްގެ.."
"ގައިޒް- ޝަޓް- އަޕް..!!!" ބޮލަށް އުނދަގޫވެގެން ކާމިލް ހަޅޭއްލަވައިގަތެވެ.
"ކާމިލް ބުނޭ، މިއީ ކާކުގެ ކައިވެންޏެއް..!!!؟؟" ރަޒީންގެ ސުވާލާއެކު އަހަރުމެން އެންމެން އެނބުރުނީ ކާމިލްއާއި ދިމާއަށެވެ.
"މިއީ އަހަރެންނާއި ގައިސަރްގެ ކައިވެނި..!!" އެންމެން ތިބީ ހުއްޓުން އަރާފަ އެވެ.
"އޯހ.. އެކަމަކު ދެމީހުންގެ ކައިވެނި އެއްފަހަރާ ބާއްވަނީ ކީއްވެ..؟ ހަރަދު ކުޑަކުރަން ތަ..؟" ނަޔާރާ ސުވާލުކޮށްލި އެވެ.
"ގައިޒް.. ގައިޒް..! މައިތިރިވެބަލަ..! އޭގެ މާނައަކީ ކާމިލް ކައިވެނި ކުރަނީ ގައިސަރްއާއޭ..!" ނިއްކުރީގައި ހިފަހައްޓަމުން އިކާން ބުންޏެވެ.
"އެއިންސްޓައިން...!! ހަމަޖެހިލާ..! ތިއީ ދުވަހަކުވެސް ވާނެ ކަމެއް ނޫން.. މި ދުނިޔޭގައި ޑައިނަސޯގެ ދަރިފަސްކޮޅު އަލުން އާލާވިޔަސް، ތިޔަ ބުނާގޮތަށް ތިކަމެއް ނުވާނެ..!" ޔަގީންކަމާއެކު ރަޒީން ބުނެލި އެވެ. އެކަމަށް އެންމެ އަވަހަށް އެއްބަސްވީ އަހަރެންނެވެ.
"އަހަރެންނާއި ގައިސަރްގެ ކައިވެނި މި އިއުލާންކުރީ ވަރަށް އުފަލުން.. ރަޒީން ބުނަން..! ހާސްނުވޭ..! ދެވަނަ ފަހަރަށް ޑައިނަސޯގެ ދަރިފަސްކޮޅު ދުނިޔެއަށް އަންނާކަށް ނޫޅޭ.. އެކަމަކު މި ކައިވެނި އިން ޝާ ﷲ ކުރެވޭނެ..!" ދެ ލޮލުގެ ކަޅި އަނބުރާލާފައި ކާމިލް ބުނެލި އެވެ. ވަށައިގެން ތިބި އެންމެންގެ ހަރަކާތް ހުއްޓި، ލިބުނު ޝޮކުގައި ގުޑާލަން ނޭގިފައި ތިބެވުނެވެ.
"ޔޫ.. އިޑިއަޓް..!!!!" ފުރަތަމަ ހަޅޭއްލަވައިގަތީ ރަޒީން އެވެ. އެންމެ ފުރަތަމަ ކާމިލްގެ ގައިގައި ބައްދައިގަތީ އަހަރެންނެވެ.
"އައެމް ސޯ ހެޕީ ފޯ ޔޫ..! ޔޫ އަރ ގެޓިން މެރިޑް..!" އުފަލުން ކިޔޭ ނުކިޔޭ އެއްޗެއްވެސް އަހަންނަކަށް ނޭގެ އެވެ.
"ޔެސް.. ޔެސް.. މަގޭ ޖާނާ.. ފުރާނަޔާ.. މަގޭ ލޯބިވާ ޕަމްކިންގ.. އަހަރެން ދޫކޮށްލާފައި ދިޔައީނުން.." ކާމިލް ބުނެލި އެވެ.
މުޅި މާހައުލަށް ހީވީ ދުން އަޅައިލިހެންނެވެ. ހިމޭންކަމާއި މާޔޫސްކަމުން މޫނުތައް މިލައި މޯޅިވެގެން ދިޔައީ ހިނދުކޮޅެއްގެ ތެރޭގަ އެވެ.
"ސޮރީ ގައިޒް..!!" އަހަރެން ބުނާނެ އެހެން އެއްޗެއް ނެތެވެ. އެއް އަރިޔަކުން އަހަރެން ގައިގައި ބައްދާލީ ކާމިލް އެވެ.
އަހަރެންގެ ސޮރީއާއެކު އެކުވެރިންގެ ހިތް އުފަލުން ނަށާލި އެވެ. އެންމެން އެކުގައި އަހަރެންގައިގައި ބައްދާލާ، ދޮޅުއަހަރެއްހައިފަހުން އަހަރުމެންގެ ގްރޫޕް ހަގް 'އެކްޓިވޭޓް' ވީ އެވެ. އަންޔާއާއި އަދި 'އެހެން މީހަކު' ފިޔަވަ އެވެ.
"އަހަރެން ނުލާ...؟" ފަހަތުން ހަޅޭއްލަވައިގަތް އަޑާއެކު ބަލައިލެވުނީ އެންމެނަށް އެކުގަ އެވެ. ދުވެފައި އައއިސް އަންޔާ 'ގްރޫޕް ހަގް'ގައި ބައިވެރިވެއްޖެ އެވެ.
ކުރިއެކޭ އެއްފަދަ އުފާވެރި 'ގްރޫޕް ހަގް'އެކެވެ. އީތަންގެ ބަދަލުގައި މިފަހަރު ހުރީ އަހާން އެވެ.
'އީތަން'
"ގައިޒް... އީތަން ކޮބާ..؟" ފިކުރެއް ހިޔާލެއްނެތި އަހަރެން ސުވާލުކުރީމެވެ. ފަހަރަކު މީހަކު އަތް ނައްޓަމުންގޮސް، ގްރޫޕް ހަގް ރޫޅިއްޖެ އެވެ.
އަނގަހުޅުވައިގެން އެންމެން އަހަންނާއި ދިމާއަށް ބަލަހައްޓައިގެން ތިބީ އެމީހުން ކުރިމަތީން ފެންނާންހުރީ އޭލިއަށްއެއް ކަމަށްވާތީ ކަންނޭގެ އެވެ. އަހަރެންގެ ޑްރާމް އެކުވެރިންނާއި ދިމާއަށް ދެ ލޮލުގެ ކަޅި އަނބުރާލާފައި ބަލައިލީމެވެ.
"ހުން އައިސްފަތަ..؟ ޓެމްޕަރޭޗަރ ހުރީ ކިހާވަރެއް..؟" އަހަރެންގެ ނިއްކުރީގައި އަތް ޖައްސަމުން އިކާން ސުވާލުކުރި އެވެ.
"އަހަރެން އެމްބިއުލެންސްއަށް މި ގުޅަނީ.." އަވަސް އަރުވާލާފައި ޖީބުން ފޯނު ނަގަމުން ކާމިލް ބުނެލި އެވެ. އަހަރެން ހަދާ ނުހަދާގޮތެއް ކާމިލް ވައްކަޅިން ބަލަމުންދިޔަކަން ދެނަހުރީމެވެ.
"ނިމުނީ..؟ ޑްރާމާގެ އިތުރުބައެއް އެބައޮތްތަ..؟" ހަށަންބަނދެލާފައި އަހަރެން ބުނެލީމެވެ.
އާއެކެވެ. އީތަން އަހަންނަށް ހެދިގޮތް ހަނދާނެއް ނުނެތެ އެވެ. ފާއިތުވި ދޮޅުއަހަރު އަހަރެން ހޭދަކުރީ ރިހުމާއި ހިތާމައާއި ވިސްނުމާއި ފިކުރުކުރުމުގަ އެވެ. އަހަރެން އީތަންއަށް ހެދީ ދެރަ ކޮންގޮތެއްތޯ އާއި އަހަންނަށްކުރެވުނު ގޯސްކަމަކީ ކޮބައިތޯ ވިސްނުމުގައި އަހަރެންގެ އެތައް ރެއެއްގެ ނިދި ގެއްލުވާލީމެވެ. ދިރިހުރި އިންސާނެއްގެ ހަށިގަނޑުން ފުރާނަ ވީދައިގެން ނެރުނީ ކީއްވެތޯ ވިސްނީމެވެ. ދުޝްމަނަކަށްވެސް ނުހަދާނެފަދަ ނިކަމެތިގޮތެއް ހަދައި މުޅި ދުނިޔެއަށް އަހަރެން ބޭޒާރުކޮށް އަހަރެންގެ އަބުރުކަތިލީ ކީއްވެތޯ ވިސްނީމެވެ.
އީތަންއާއި އިކާންގެ 'ގުޅުން' އަހަރެން ދިރާސާކުރީމެވެ. އެހީތެރިވީ ކާމިލް އެވެ. ލިބުނު ނަތީޖާގެ ހަގީގަތަކީ، އީތަންއާއި ޒާޔާގެ ލޯބީގެ ގުޅުމުގެ ތެރެއިން، އިކާންއާއި ޒާޔާގެ މެދުގައި 'ގާތް ގުޅުންތަކެއް ހިނގި' އެވެ. އެކަމުގައި ކުއްވެރިއަކީ އިކާންއެއް ނޫނެވެ. އެކަން ކުރީ ޒާޔާ އެވެ. އޮޅުވާލައިގެން އިކާންއާއި އީތަންއާއެކު އެއްފަހަރާއި ލޯބީގެ ގުޅުން ހިންގީ ޒާޔާ އެވެ. އިކާން އާއެކު ޒާޔާ ނިދާފައި އޮއްވައި ފެނުނީ އީތަން އަށެވެ. އެ ހާދިސާއަށް ވިސްނިޔަސް، އިކާންގެ ފަރާތުން ބަދަލުހިފުމަށް އަހަރެންނަށް އެވަރުގެ ރަހުމުކުޑަ ގޮތްތަކެއް ހެދުމުގެ ލައިސަންސް އީތަންއަށް ލިބޭނެ އެއްގޮތެއްވެސް ނެތެވެ.
"ޕާޓީއަށް ދާން އީތަން ތައްޔާރުވަނީ... ކޮޓަރީގައި އެބައުޅޭ.." ހިނިތުންވާން މަސައްކަތްކުރަމުން ފފަނޑުގޮތަކަށް ނަޔާރާ ބުންޏެވެ.
"އޯހް.."
މޮންސްޓަރވެސް އެބައުޅޭ ދޯ އެވެ. (ނުނިމޭ)