ads
މިނިސްޓަރު ހަލީލް
ގައްޒާ އާރާސްތުކުރުމުގެ މަގުޗާޓަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދު ކުރަން: މިނިސްޓަރު
ސައުދީ އަރަބިއްޔާގެ ޖިއްދާގައި އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ފަރާތުން ބޭއްވި އެކްސްޓްރާ އޯޑިނަރީ ސެޝަންގައި ވާހަކަފުޅު ދައްކަވަމުން، އަރަބް ލީގް ސަމިޓްގައި ފާސްކުރެވުނު ގައްޒާ އާރާސްތުކުރުމުގެ މަގުޗާޓަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރާ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުއްލާ ހަލީލް ވިދާޅުވެއްޖެއެވެ.
Advertisement

މި ބައްދަލުވުމަކީ އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި އަމަލުތައް ކުށްވެރިކޮށް، ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިމުން ފޭބުމަށް ގޮވާލާ ގޮވާލުންތަކާ ދެކޮޅަށް އަޑުއުފުލުމަށް ބާއްވާ ބައްދަލުވުމެކެވެ. ފޮރިން މިނިސްޓަރު އެ ބައްދަލުވުމުގައި ވަނީ ފަލަސްތީނު ރައްޔިތުން އެމީހުންގެ ބިމުން ފޭބުމަށް ގޮވާލާ ގޮވާލުންތައް ކުށްވެރިކުރައްވާފައެވެ.

އަދި ގައްޒާގެ ހުރިހާ ސަރަހައްދަކަށް ރައްކާތެރިކަމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި އަދި ހުއްޓުމެއްނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޑރ. ކަލީލް ގޮވާލެއްވިއެވެ. އިސްރާއީލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ކިލާފުވެފައިވާކަން ފާހަގަކުރައްވާ، މެދުކެނޑުމެއްނެތި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރިކަމާމެދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ފޮރިން މިނިސްޓަރު ވަނީ ފަލަސްތީނަށް ފޯރުކޮށްދެމުންދާ އިންސާނީ އެހީތެރިކަމަށް ހުރަސްއެޅޭ ގޮތަށް އިސްރާއީލުން ހިންގަމުންދާ އަމަލުތަކާ ގުޅިގެން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފައެއް ހޯދުމަށް ހުށަހަޅާފައިވާ މައްސަލައިގައި ދިވެހިރާއްޖެއިން ބައިވެރިވެ، އެ ކޯޓަށް ބަޔާނެއް ހުށަހެޅިކަންވެސް ފާހަގަކުރައްވާފައެވެ. މީގެއިތުރުން، ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގައި ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ޑރ. ކަލީލް ދެއްވިއެވެ.

ޑރ. ކަލީލް ވިދާޅުވިގޮތުގައި ހަނގުރާމައަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލަކީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްތީނުގެ ދައުލަތް ގާއިމުކުރެވުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް