ads
މާލޭގެ ކާނުތައް ސާފުކުރަން މިއަދު ފެށުން
މާލޭގެ ހުރިހާ ކާނުތައް 6 މަސްތެރޭ ސާފުކޮށް ނިންމާލަނީ
މާލޭގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ރަށުގެ ހުރިހާ ކާނުތަކެއް ސާފުކުރުމުގެ މަސައްކަތް 6 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
Advertisement

މާލޭގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ފަށާފައިވަނީ މިއަދުއެވެ. 

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާބެހޭ މިނިސްޓްރީން އިސްނަގައިގެން މި މަސައްކަތް ފަށާފައިވަނީ ފާއިތުވި ދުވަސްތަކުގައި މާލެއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވުމުގެ ސަބަބުން ދިމާވި ދަތިތަކާ ގުޅިގެންނެވެ. މިނިސްޓަރު އުމަރު ވިދާޅުވިގޮތުގައި ފެންބޮޑުވުމާ ގުޅިގެން ފާހަގަކުރެވުނީ އެކަށީގެންވާ މިންވަރަށް ކާނުތަކުން ފެން ނުހިދޭކަމެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާން ޖެހުނުކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، މި މަސައްކަތް ކުރިއަށް ގެންދިއުމުގައި އެންމެ އިސްކަން ދެވޭނީ ބޮޑެތި މަގުތަކާއި، ފެން ބޮޑުވާ ސަރަހައްދުތަކުގައި ހުރި ކާނުތައް ސާފުކުރުމަށް ކަމަށެވެ. މި މަޝްރޫއު ކުރިއަށް ގެންދާއިރު މާލޭގެ ހުރިހާ މަގެއްގެ ކާނުތައް ސާފުކުރެވޭނެ ކަމަށާއި އަދި އެންމެ ލަސްވެގެން 6 މަސް ދުވަހުގެ ތެރޭގައި މުޅި މަޝްރޫއު ނިންމާލެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ކާނު ސާފުކުރުމުގެ މަސައްކަތް ކުރިއަށްދަނީ ދިވެހި ފުލުހުންނާ ގުޅިގެންނެވެ. އެގޮތުން ކާނު ސާފުކުރާ ސަރަހައްދުތަކުގައި 24 ގަޑިއިރު ކުރިން ކޯނުތައް ޖަހަންޖެހޭތީ، އެކަން ކުރަނީ ފުލުހުންގެ އެހީތެރިކަމާއެކުގައެވެ. ކާނުތައް ގިނައިން ބެދިފައިވަނީ އެކިއެކި ކުނިބުނިންކަން ފާހަގަކުރެވިފައިވެއެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަކީ މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. މިހާތަނަށް ވާރޭވެހި ފެންބޮޑުވާ ކޮންމެ ފަހަރަކު މައްސަލަ ހައްލުކުރަމުން އައީ ސިފައިންނާއި ފުލުހުންނާއި ލޯކަލް ގަވަރުމަންޓު މިނިސްޓްރީގެ އާންމު މަސައްކަތްތަކާބެހޭ ޔުނިޓުގެ މުވައްޒަފުން ނިކުމެ ފެން ހިންދުމުގެ މަސައްކަތް ކޮށްގެންނެވެ.

ދާއިމީ ހައްލެއް ހޯދުމަށްޓަކައި މާލޭގެ މަގުތަކުގެ ހުރިހާ މައްސަލައެއް ހައްލުވާނެގޮތަށް ޒަމާނީ ފެންވަރަށް މަގުތައް ތަރައްގީކުރުމުގެ މަސައްކަތް މިއަހަރު ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މި މަސައްކަތް ކުރާނީ ޗައިނާގެ ކުންފުންޏަކުންނެވެ. މިގޮތުން ފެންބޮޑުވުމުގެ މައްސަލަ ދާއިމީކޮށް ހައްލުވާނެކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް