ads
އައްޑޫ މޭޔަރު ނިޒާރު އައްޑޫ ކަރަންޓު މައްސަލައިގައި ކުރި މުޒާހަރާގައި
އައްޑޫ ކަރަންޓު މައްސަލަ: ކައުންސިލުން މުޒާހަރާގައި ބައިވެރިވުމުން ފާޑުކިޔުން
އައްޑޫ ސިޓީގައި ދިމާވެފައިވާ ކަރަންޓުގެ މައްސަލައާ ގުޅިގެން އިއްޔެ ބޭއްވުނު މުޒާހަރާގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރާއި އެ ކައުންސިލްގެ މެންބަރުން ބައިވެރިވުމާ ގުޅިގެން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީއެންސީ) އަށް ނިސްބަތްވާ ފޭދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު އިސްމާއީލް ނިޒާރު ފާޑުވިދާޅުވެއްޖެ އެވެ.
Advertisement

އިސްމާއީލް ނިޒާރު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ އައްޑޫ ސިޓީ މޭޔަރު ހިމެނޭގޮތަށް ކައުންސިލަރުން މަގުމައްޗަށް ނުކުތުމަކީ ލަދުވެތި ކަމެއް ކަމަށެވެ.

އިއްޔެ ހަވީރު ބޭއްވުނު މުޒާހަރާގައި އައްޑޫ މޭޔަރު އަލީ ނިޒާރާއި ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު އަދި ހިތަދޫ ރަސްގެދަރު ދާއިރާގެ ކައުންސިލަރު ހުސައިން ޒަރީރު ބައިވެރިވެފައިވެއެވެ. އިސްމާއީލް ނިޒާރު ފާހަގަކުރެއްވި ގޮތުގައި އައްޑޫގެ ކަރަންޓުގެ ހާލަތު ދަށްވަމުން އައިސްފައިވަނީ މިހާރުވެސް އޮތް ކައުންސިލްގެ ދައުރުގައި ކަމަށާއި، އެހެންނަމަވެސް ސަރުކާރަށް ތާއީދުކުރާއިރު އަދި ތާއީދު ނުކުރާއިރު ކައުންސިލްގެ އަމަލުތައް ހުންނަނީ ދެގޮތަކަށް ކަމަށް ފާހަގަކޮށްފައިވެއެވެ.

"އައްޑޫއަށް ކަރަންޓުގެ ހާލަތު ދަށްވަމުން ގޮސްވަމުން މިއަދާ ހަމައަށް އައިއިރު އޮތީ ހަމަ މިހާރު ވެސް އޮތް ކައުންސިލް. ކިތައް ފަހަރު މަގުމައްޗަށް ނުކުތީ، ކިތައް ބަޔާން ނެރުނީ؟," އިސްމާއީލް ނިޒާރު ސުވާލުކުރެއްވިއެވެ.

ރައްޔިތުންގެ މަސްލަހަތު އިސްކުރަންޖެހޭ ފަރާތްތަކުން ތާއީދުކުރާ ސަރުކާރު އޮންނަ އިރެއްގައި އެއްގޮތަކަށް އަދި ތާއީދުނުކުރާ ސަރުކާރެއް އޮންނަ އިރު އަނެއްގޮތަކަށް އަމަލުކުރުމަކީ އެފަދަ ފަރާތްތަކުގެ އަމަލުތައް ހުންނަންވާނެ ގޮތް ނޫންކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

އެހެންނަމަވެސް، މުޒާހަރާގައި ބައިވެރިވި އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވެފައިވަނީ ކަރަންޓުގެ މައްސަލަ ހައްލުވަންދެން މުޒާހަރާ ކުރިއަށް ގެންދާނެ ކަމަށެވެ. މޭޔަރު އަލީ ނިޒާރު ވިދާޅުވީ ފެނަކައަކީ ބަނގުރޫޓުވެފައިވާ ކުންފުންޏެއް ކަމަށާއި، އެ ކުންފުންޏަށް އައްޑޫއަށް ރަނގަޅު ކަރަންޓުގެ ހިދުމަތެއް ފޯރުކޮށްނުދެވޭނެ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ސަރުކާރުން ބުނެފައިވަނީ މި މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. ނަމަވެސް މިކަމުގައި ގިނަ ގޮންޖެހުންތަކެއް ހުރި ކަމަށާއި މައްސަލައަކީ ހަމައެކަނި އިންޖީނުތަކުގެ މައްސަލައެއް ނޫންކަން ސަރުކާރުން ފާހަގަކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް