
އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އަތުލައިގެންފައިވަނީ ލުއިކާނާ ފަދަ ތަކެތި ހުންނަ ޕެކެޓުތަކުގައި ބަންދުކޮށްފައި ހުރި މަސްތުވާތަކެއްޗެވެ.
ކަމާ ބެހޭ ފަރާތްތަކާ ހަވާލާދީ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި އަތުލައިގަތީ ބަރުދަނުގައި 30 ކިލޯ ހުރި ހެޝިޝް އޮއިލްގެ ޝިޕްމަންޓެކެވެ. އެ ތަކެތީގެ މަގުމަތީ އަގު 3.8 މިލިއަން ޑޮލަރު (58.5 މިލިއަން ރުފިޔާ)އަށް އަރަ އެވެ.
މި އޮޕަރޭޝަނުގައި "ޝުވޭ ލިން ޔޯން" ނަމަކަށް ކިޔާ ބޯޓެއް ތަމިލްނާޑޫއާއި ސްރީލަންކާއާއި ދެމެދު އޮންނަ ގަލްފު އޮފް މަންނާއިން ހުއްޓުވައި ބަލައި ފާސްކުރިއިރު، އެ ބޯޓުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފަ އެވެ.
މި ބޯޓު ޓުޓިކޮރިން ބަނދަރަށް ގެންގޮސްފައިވާއިރު، މަސްތުވާތަކެއްޗާއެކު ނުވަ މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފަ އެވެ. ނަމަވެސް ހައްޔަރު ކޮށްފައިވާ މީހުންގެ ވަނަވަރެއް ހާމަކޮށްފައެއް ނުވެ އެވެ.
އިންޑިއާގެ ނޫސްތަކުން ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި މަސްތުވާތަކެތި ބަންދުކޮށްފައި ހުރީ ލުއި ކާނާ ބަންދުކުރާ ޕެކެޓުތަކެއްގަ އެވެ.