ads
ކާށި
ބުކްކުރުމާއެކު: ހޯލްސޭލްކޮށް އެސްޓީއޯއިން ކާށި ވިއްކަން ފަށައިފި
ކާށީގެ ޝޯޓޭޖު ހައްލުކުރުމަށްޓަކައި ހޯލްސޭލްކޮށް ކާށި ވިއްކަން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ނިންމައިފިއެވެ.
Advertisement

އެސްޓީއޯ އިން ހާމަކުރިގޮތުގައި، ކާށި ގަންނަން ބޭނުންވާ ފަރާތްތަކުން ކުރިއާލާ ބުކްކުރުމުން އެ ފަރާތްތަކަށް ބޭނުންވާ މިންވަރަށް ކާށި ފޯރުކޮށްދެވޭނެއެވެ.

މިހާރު ބާޒާރުގައި ކާށި ވިއްކަމުން އަންނަނީ 40 ރުފިޔާއިން ފެށިގެން 60 ރުފިޔާއާ ހަމައަށް އަގުތަކެއްގައި ކަމަށްވާއިރު، އެސްޓީއޯއިން ވަނީ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް ކިލޯއަކަށް 20 ރުފިޔާގެ ރޭޓުން ކާށި ވިއްކަން ފަށާފައެވެ. އަދި ރައްޔިތުންގެ ބޭނުންތަކަށް އަންނަ ބަދަލުތަކާ އެއްވަރަށް ކާށީގެ އިތުރު ސްޓޮކްތައް ވެސް ބާޒާރަށް ނެރޭނެ ކަމަށް އެސްޓީއޯ އިން ބުނެފައިވެއެވެ.

އެސްޓީއޯއިން މި ކާށި ގެންނަނީ އިންޑިއާއިން ކަމަށާއި ކޮންމެ 10 ދުވަހަކުން ބުކިންގ ލިބޭ މިންވަރަކަށް ކާށީގެ ޝިޕްމަންޓްތައް ގެންނާނެ ކަމަށް އެސްޓީއޯ އިން ހާމަކޮށްފައިވެއެވެ. ކާށީގެ ސްޓޮކް ހޯދަން ބޭނުންވާ ހޯލްސޭލް ވިޔަފާރިވެރިންނަށް ޕީޕަލްސް ޗޮއިސްގެ 3012575 ނަންބަރަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ ކަމަށާއި 7291124 އަށް ވައިބާ މެސެޖް ކޮށްގެން ވެސް ބުކް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މި އިންތިޒާމުގެ ބޭނުމަކީ ބޭރު ފައިސާ ހޯދުމުގެ ދަތިކަމާއި، މުދާ އެތެރެކުރުމުގައި ދިމާވާ އެހެނިހެން ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމާއެކު، ރާއްޖޭގެ ބާޒާރަށް ބޭނުންވާ މިންވަރަށް އާންމު ވިޔަފާރިތަކަށް ހުރަސް ނޭޅޭގޮތަށް ރައްޔިތުންނަށް ކާށި ފޯރުކޮށްދިނުން ކަމަށް އެސްޓީއޯ އިން ބުނެފައިވެއެވެ. މިދިޔަ އަހަރު ވެސް އެސްޓީއޯއިން ވަނީ މިފަދަ އުސޫލަކުން ފިޔާ ގެނެސް ހޯލްސޭލްކޮށް ވިއްކާފައެވެ.

މި ވަގުތު ރޯދަ މަހަށް ހާއްސަކޮށް އެސްޓީއޯއިން ވަނީ 24 ބާވަތެއްގެ މުދާ ބާޒާރަށް ނެރެ ކޮންޓްރޯލް އަގުތަކެއްގައި ވިއްކަމުން ގެންދާކަންވެސް ފާހަގަކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް