
އަހަރެންނާއި އީތަންގެ ދުރުމިނުގައި ދެފޫޓުވެސް ނެތެވެ.
"އީތަން.." އަންހެންކުއްޖާގެ އަޑު ދުލުން ބޭރުވަނީ ކިރިޔާ އެވެ. އެތަނުގައި ސިކުންތަކުވެސް އަހަންނަށް ކެތްނުކުރެވޭނެ އެވެ. އަހަރެންގެ ކަރު ބެދިއްޖެ އެވެ. ބޮލާއި ދެ ކަންފަތުން ހޫނު ނިކުންނާން ފަށައިފި އެވެ. ދެއަތްތިލަ ފިނިވެ، ގަނޑުވެއްޖެ އެވެ. އެކަމަކު އަތް ދާހިތްލަން ފެށުމުން އަހަރެންގެ އަތުން ޖޫސްތަށި އަރިއަޅައިލި އެވެ. އެ ތަށި ވެއްޓުނަނުދީ، ހުށިޔާރުކަމާއެކު ސަލާމަތްކުރީމެވެ. އެތަނުގައި ނޭވާއެއްގެ އަޑުވެސް ބޭރުވާކަށް އަހަރެން ބޭނުމެއް ނޫނެވެ.
މަޑުމަޑުން ފަހަތަށް ޖެހެމުންގޮސް އަހަރެން، އެތަން ދޫކޮށް އެހެން ދިމާއަކަށް ހިގައްޖައީމެވެ.
ދާދިގާތުގައި އޮއް ގަސްތަކުގެތެރެއިން ފެނުނު މަގެއް ހުރިގޮތަށްގޮސް ފޭބުނީ ގޮނޑުދޮށަށެވެ. ފެނުނީ ރާޅުޖަހާފަށުގައި ހަދާފައިވާ ޖޯލިފަތިތަކެކެވެ. އަހަރެންގެ ހީލްސް، އަތަށް ނަގައިގެން، ހެދުން އުފުލާލައިގެން، ހިމުން ދޮންވެލިގަނނޑުގައި ހިނގާފައިގޮސް ޖޯއްޔެއްގައި އިށީނީމެވެ. ވަގުތަކީ ދިޔަވަރު ބޮޑު ވަގުތަކަށްވާތީ ޖޯލިފަތީގެ މެދާހަމަޔަށް ލޮނުގަނޑު އަރަ އެވެ. މޫދުލޮނުގަނޑުގައި ދެފައި ބީހިގެންދިޔަ ވަގުތު އަމާންކަމުގެ އިހްސާސަކުން ފުން ނޭވާއެއްލީމެވެ.
ނަޔާރާގެ ވަރުގަދަ ބަސްތަކަށްފަހު އަހަރެން ފިކުރުކުރަމުންގެންދިޔައީ އަހަންނަށް ކަންކުރެވުނު ނާއިންސާފު ގގޮތްތަކާއިމެދު އެވެ. އީތަންގެ ކުށެށް ނެތްކަމަށް ގަބޫލުކޮށް އަހަރެންގެ ކުށަށް އިއުތިރާފްވާންވެސް އަހަރެން ތައްޔާރެވެ. ހިތުގެ ކޮންމެވެސް ދިމާއަކުން ހިތްހަމަޖެހުން ލިބެމުން ދިޔަކަން އިހްސާސްވަމުންދިޔަ އެވެ. ހިނގާދިޔަ ނުރައްކާތެރި ކަންކަމުގައި އީތަންގެ ކުށެށް ނެތުމުން ފަހަރެއްގައި، ފަހަރެއްގައި އަހަރުމެން ދެމީހުންގެ ގުޅުމަށް އިތުރު ފުރުސަތެއް ދިނުމަށްވެސް އަހަރެން ވިސްނީމެވެ.
އުއްމީދުގެ ވިންދެއް ޖަހައިލާ ކޮންމެ ފަހަރަކު، އެތައް މޭލެއް ފަހަތަށް އަހަރެންގެ ދިރިއުޅުން ވިއްސިވިހާލިވެގެންދަނީ އަލުން ކޮޅަށްތެދުވެ ހިންދެމިނުލެވޭ މިންވަރަށެވެ. އެކަމަކު މިރޭ ތަފާތެވެ. އަހަރެންގެ މެއަކު ނުރިއްސަ އެވެ. ނެވާލާން މިވަގުތު އުނދަގުލެއްވެސް ނޫނެވެ. ދެލޮލުން ކަރުނައެއް ނުފައިބަ އެވެ. އަހަރެންގެ ލޭހޮޅިތަކުގައި ދައުރުވަމުންދިޔަ ލޭގެ އޮއެވަރަށް ބަދަލުއައިސް އަނދިރިކަމުގައި ކޮންމެވެސް ދިމާއަކަށް އަރައިއަޅައިލައިގެން ނުވެސް ވެއްޓެ އެވެ. މި ވޭނަށް އަހަރެންގެ ވިންދު ފަރިތަވެއްޖެ އެވެ. މަޑުމަޑުން ބީއްސަމުންދިޔަ ރާޅުތަކުގެ ތެރެއަށް އަހަރެންގެ ދެފައި ގަންބާލީމެވެ. ކަކުލާއި ހަމައަށް ހެދުން ނަގައި އަތަށް އޮޅާލީމެވެ. އުޑުމަތީ ފިޔަޖަހަމުންދިޔަ ހިތްގައިމު ތަރިތަކުން އަހަންނަށް ހިތްހަމަޖެހުން ލިބުނެވެ.
އަހަރެންގެ ކުޑަކުޑަ ދުނިޔެއަށް އިތުރު މީހަކު ބޭނުމެއް ނޫނެވެ. ޖައްވާއި ފަޒާ ފުދެ އެވެ. ޖެހެމުންދާ ފިނިފިނި ވައިރޯޅިއާއި ހިމޭންކަމާއެކު ބީއްސަމުންދިޔަ ރާޅުތަކާއި އުޑުމަތީގައި ފިޔަޖަހަމުންދިޔަ ތަރިތަކުގެ މަންޒަރަށް ބަލައި ފޫހި ނުވެ އެވެ. ދުނިޔޭގައި އުފަލަކީ މިއެވެ. އީތަން ނެތް މަންޒިލެކެވެ. އަހަރެންގެ އަމިއްލަ ދުނިޔެއެކެވެ. ގުދުރަތީ ހިތްގައިމުކަމެވެ. ދުނިޔޭގެ ސާފުވަޔާއި ކަނޑުގެ ހިމޭންރާޅުތަކުގެ މިއުޒިކީ އަޑެވެ.
ހަމައެވަގުތު މީހަކު ކަރުކެހެލި އެވެ.
"އާވްވވވ.. ބޭބީ ރިދީ ހަމަ އެކަނިމައި އެކަނި، ރޭގަނޑުގެ ކަޅު އަނދިރީގައި، ހަނދުގެ ހަނދުވަރުގައި، މޫދުގެ ލޮނުގަނޑާއި ސަމާސާކުރުމުގައި.." މަލާމާތުގެ ރާގުގައި ބުނެލަމުން، މޫދަށް ދެފައިލައިގެން އަހަރެންނާއި ދާދި ގާތުގައި އިށީނެވެ.
އަރައިގެން ހުރި ބޫޓު، ތަންކޮޅެއް ދުރުގައި ވެލިގަނޑުމަތީގައި ބައިންދާފައި އިނެވެ. ލައިގެން ހުރި ފަޓުލޫނު އޮތީ ކަކުލާއި ހަމައަށް އޮޅާލާފަ އެވެ. ހީވާހީވުމަށް މި މިސްޓަރ މިތަނަށް މިއައީ ދުރާލައި ތައްޔާރުވެގެންނެވެ. ދައުވަތުނުދޭ މެހެމާނަކު އަހަރެންގެ ނޭވާގެ އިހްސާސްވާހައި ގާތުގައި އިނުމުގެ ހުއްދައެއް ނުދެވޭނެ އެވެ. އެއްފަހަރުން އޭނާ ދުރަށްދާނެ ޖުމުލައަކަށް ވިސްނާލީމެވެ.
ވަޓް ދަ ** އީތަން މުހައްމަދު މަނިކު ..! ކީކޭ ހިތަށް އަރައިގެން މިތަނަށް ތިއައީ؟" އިސްއުފުލައި އޭނާއަށް ބަލައިވެސް ނުލައި އަހަރެން ބުނީ ހަރުކަށިކަމާއެކު އެވެ.
އަހަރެން އޭނާއާއި ދިމާއަށް ނުބެލިޔަސް، އޭނާގެ ހަރަކާތް އިހްސާސްވެ އެވެ. އަހަރެންގެ ބިރުވެރި ހުވަފެންތަކުގައި ބައްދަލުކުރާފަދަ، ޝައިތާނީ ވައްތަރަކަށް އެއްމިޔަކަނުން ހިނިއައިސްފައި އިންކަން އިގެ އެވެ.
"ޔޫ!"
ދަތްކުނޑި ވިކާފައި އަހަންނާއި ދިމާކުރަން އޭނާ މަސައްކަތްކުރީ ގަސްތުގައި ރުޅިއަރުވާލާށެވެ. އަހަރެންގެ ދެ ލޯ މަރައިލެވުނީ އިހްތިޔާރަކު ނޫނެވެ. އަހަރެންނާއި މިހައި ކައިރީގައި އޭނާ އިންކަމުގެ އިހްސާސްކުރާކަށް ބޭނުމެއް ނޫނެވެ.
އެކަމަކު ނަފުރަތާއެކުވެސް އެއްބަސްވާންޖެހޭ ހަގީގަތެއް އެބައޮތެވެ. މިވަގުތުވެސް އަހަރެންގެ ހިތުގައި ވިންދދެއް ޖަހައިފި އެވެ. ބަނޑުގައި ތުރުތުރެއް އުފެދިއްޖެ އެވެ.
އަހަރެންގެ ހިތަށްވުރެން މޮޔަ އެހެން ގުނަވަނެއް މި ވުޖޫދުގައި ލެއްވި ބާ އެވެ؟
.....................
(އީތަން)
އަހަރެންގެ ކުރިމަތީގައި އިން އަންހެންކުއްޖާގެ ރީތިކަމާއި އޭނާގެ ވަނާތަކުގެ ސަބަބުން އަހަރެންގެ ހިތުގެ ވިންދު އަވަސްވަމުންދިޔަ އެވެ. ދޭތެރެއަކުން އަހަންނާއި ދިމާއަށް ބަލައިލާފައި ދައްކާލާ ޑްރާމާތަކާއި، އެ ގެންނަ ހަރަކާތްތަކުން އަހަރެންގެ ކެތްތެރިކަން ކޮޅުންލާން ފަށައިފި އެވެ. ޕާޓީއަށް އޭނާއަކީ ޝިކާރަކުރަންކަން ޔަގީނެވެ. އަހަންނަކީ އޭނާގެ ފުރަތަމަ ޓާގެޓްކަން ޔަގީނެވެ. މައްސަލައެއއް ނެތެވެ. 'ވަން ނައިޓް ސްޑޭންޑް'އަކީ އަހަރެންކަހަލަ ފިރިހެނުންގެ މުނިފޫހިފިލުވުމެވެ.
ވަގުތު ބޭކާރުކުރާކަށް ނުހަދަމެވެ. އަހަރެންގެ ޝިކާރަވެރިޔާގެ ދަލުގައިޖެހި ބަންދުވުމަށް ލޮލުންބޮލުން ތައްޔާރެވެ. މިއީ އެއްއިރެއްގައި އަހަރެން ނުހަނު ފަރިތަ ހުނަރެކެވެ. އަހަރެންނާއި އެއްހަމަޔަކަށް މިކަމުގައި އެހެން ފިރިހެނަކަށް ވާދައެއް ނުކުރެވޭނެ އެވެ. ވަށައިގެން ބަލައިލީމެވެ. އަހަރެންގެ ބޭކާރު 'އެކުވެރިން' ތިބިތޯ އެވެ. އެކަކުވެސް ފެންނާން ނެތުމަކީ މިރޭގެ ނަސީބު އަހަރެންގެ ފަޅީގައި އޮތްކަމުގެ ނިޝާނެކެވެ.
އެކުއްޖާގެ އަތުގައި ހިފައި ދަމައިގަތީމެވެ. ފަހަތްބަލާނުލައި، އޭނާ ދަމަމުން، ޕާޓީ ހޯލްތެރެއިން ނިކުތީމެވެ. އެންމެ ގާތުން އެންމެ 'އަމާން' ތަނަކަށް ފެނުނީ ތަކެތި ރައްކާކުރާން އެތަނުގައި ހަދާފައިވާ ކުޑަ ހަޓެކެވެ. އެތަނުގެ ތެރެއަށް އޭނާ ވައްދާފައި ބިއްގަނޑުގައި ތަތްކޮށްލީމެވެ. ޝިކާރަވެރިޔަކީ އޭނާ ނޫންކަމާއި މިރޭގެ ތީރު އަމާޒުވީ އަހަރެންގެ މިސްރާބަށްކަން އޭނާއަށް އަންގާލީމެވެ. އަހަރެންގެ މަޅީގައި ބެދެން އޭނާއަށް ސިކުންތެއްވެސް ބޭނުންނުވި އެވެ. އަހަރެންގެ މިއުޒިކާ އެއްވަރަށް އޭނާގެ ހަރަކާތްތަކުން އަހަންނަށް އިޖާބަދެމުންދިޔަ އެވެ. އޭނާގެ ކަނދުރާއަށް އަހަރެންގެ ހަމަލާ އަމާޒުކޮށްލިވަގުތު ދެމީހުންގެ ހަތަރުކަޅި ބައްދަލުވި އެވެ. އަހަރެންގެ ދެފައިން ފިނިގަނޑެއް އަރައިގަތެވެ. އަތުތެރޭގައި އޮތީ ނުދަންނަ އަންހެނެއް ނޫނެވެ. މިއީ އަހަރެންގެ ރިދީ އެވެ. ކުރިން އެކަން އަހަންނަށް ނޭގުނީ ކީއްވެބާ އެވެ؟ ދޮޅުއަހަރުފަހުން އަހަރެންގެ އަތުތެރޭގައި މިފަދަ ގޮތަކަށް ރިދީ ބޮނޑިކޮށްލާން ލިބުމުން ހިއްސުތަކުގައި ތަޅުއަޅުވާނީ ކިހިނަކުން ހެއްޔެވެ؟ އަހަރެންގެ މުޅިހަށިގަނޑުގައި ރޯވަމުންދިޔަ ހުޅުގަނޑުގެ ހޫނުކަން ރިދީގެ ކަރާއި ކަނދުރާއަށް އަމާޒުކުރީ ހައިވެފައއިވާ ސިންގާއަކަށް އޭގެ ކޮއްތު ލިބުނު ފަދައިންނެވެ.
އާހްގެ ގޮތުގައި، އަހަރެންގެ ނަން އޭނާގެ ދުލުން ބޭރުވަމުންދިޔައީ، އަނދިރީގައި ޝިކާރަވެރިޔާއަށް ދެވޭ އަލިގަދަ ސިގުނަލެއްގެ ގޮތުގަ އެވެ. ރިދީގެ ފިނިފެންމަލެއްފަދަ ތުންފަތް އަހަރެންގެ ވިސްނުމަށް އައުމަށް ވަގުތުނެގި އެވެ. އެންމެ ސިކުންތެއްވެސް ބޭކާރުނުކޮށް ތުންފަތާއި ދިމާއަށް މިސްރާބުޖެހީމެވެ.
"އަހަރެންގެ ހިތުގައި ހާއްސަ މަގާމެއް ދެވިފައިވާ ކުއްޖަކާއެކު ނޫނީ، މީގެފަހުން ދުވަހަކުވެސް ކި* ނުކުރާނެކަމަށް ވައުދުވަން."
އަހަރެންގެ ކަންފަތުގައި ޖުމުލައެއް ގުގުމަމުން ދިޔަ އެވެ. އެކަމަށް ފަރުވާލެއް ނެތެވެ. އަހަރެންގެ ހައިކަންފިލުވުމަށްވުރެން މުހިއްމު އެއްކަމެއްވެސް ނެތެވެ. ރިދީގެ ލޯބިލޯބި ފުށްކޮޅެއްފަދަ ދެ ކޮލުގައި އަހަރެން ލޯބިކޮށްލީމެވެ. ރިދީގެ ބޮޑު ދެލޮލާއި ދިގު އެސްފިޔަތައް އަހަންނަށް މަރުހަބާކިޔަމުންދިޔައީ ދުވަހަކުވެސް ހުއްދަނުދޭ މިންވަރަށެވެ.
"އީތަން.."
އެއީ ރިދީގެ އަޑެއް ނޫނެވެ. އެކުއްޖާގެ އަނގައިން ނިކުތީ އާހެކެވެ. އަހަރެންގެ ނަން އޭނާގެ އަޑުން ހިތްގައިމެއް ނުވި އެވެ. މަސްތުވެފައިވާ އަހަރެންގެ ހުރިހައި ގުނަވަނެއްގައި ވިންދުޖަހާލި އެވެ. ދެ ލޯ ހުޅުވާލެވުނީ އެއަޑު ކަންފަތަށް ހިތްގައިމު ނުވީމަ އެވެ. އެސްފިޔަތަށް ދުރުކޮށް، ލޯ ހުޅުވާލީމެވެ.
އަތުތެރޭގައި އޮތީ ރިދީއެއް ނޫނެވެ. މިއީ ކޮންވެސް އެހެން އަންހެންކުއްޖެކެވެ. އާއެކެވެ. ޕާޓީން ފެނުނީ މިކުއްޖާ އެވެ. އަތުގައި ހިފައި ދަމާފައި މިތަނަށް ވެއްދިކުއްޖަކީ މިއީ އެވެ. ހުރިހައި ހިޔާލެއް އެއްފަރާތްކޮށްފައިވެސް އަހަރެންގެ މަސައްކަތް މިރޭ ކާމިޔާބުކުރެވޭތޯ ފައިނެގީމެވެ.
ނޫން.. މިއީ އަހަރެންގެ އިހްތިޔާރުގައިވާ ކަމެއް ނޫނެވެ. ލޯމަރައިގެންވެސް މިކަމެއް ނުކުރެވޭނެ އެވެ.
އޭނާގެ ތުންފަތް އަހަރެންގެ ތުންފަތުގައި ބީހުނުވަގުތު އަތުކޮޅަށް އޭނާ ހޫރުވާލީމެވެ. އެކުއްޖާ ވެއްޓުނީ ވެލިގަނޑު މައްޗަށެވެ. ލިބުނު ޝޮކްގައި އަހަރެންނާއި ދިމާއަށް އޭނާ ބަލައިލީ ދެ ލޯ ބޮޑުކޮށްލާފަ އެވެ. އަހަރެންގެ ކުޑަވެސް ފަރުވާލެއްނެތެވެ. އޭނާގެ ހަލާކަށް ދައުވަތުދިނީ އޭނާ އަމިއްލައަށެވެ.
"ދުއިސައްތަ ހަތްދިހަ ދޭއް" އެ ކުއްޖާގެ ކިބައިން މައާފަށް އެދިފައި އަހަރެން އެނބުރުނު ވަގުތު އަހަރެންގެ ކަންފަތްބުޑުގައި ކާމިލް، ބުނެލި އެވެ. ނޫނެކެވެ. ބުނެލީއެއް ނޫނެވެ. ރާގަކަށް ނުފެތޭ ފާޑަކަށް ލަވައެއްގޮތަށް އަހަރެންގެ ކަންފަތް ބުޑުގައި ކާމިލް ކިޔާލީ ދުއިސައްތައިގެ އަދަދެކެވެ.
"ވަޓް؟؟" ވީ ފޫއްސަކުން އަހަރެން ސުވާލުކުރީ ޝައުގުވެރިކަމެއް ނެތި އެވެ.
"ދުއިސައްތަ ހަތްދިހަ ދެވަނަ އަންހެންކުއްޖާ ތި ހޫރާލީ... ރިދީ، ކަލޭ ދޫކޮށް ދިޔަފަހުން ދުއިސައްތަ ހަތްދިހަ ދެވަނަ އަންހެންކުއްޖާ..!" މަލާމާތުން ފުރިފައިވާ ރާގެއްގައި ކާމިލް ބުންޏެވެ. އަހަރެންގެ ދެ ލޮލުގެ ކަޅި އަނބުރާލާފައި ލޯ އަޅައިލީމެވެ.
"ކާމިލް، ކަލެއަށް.. ތި ހީވަނީ .. އަދި ރަގަޅަކަށް ... ނޫން.." އަހަރެންގެ ޖުމުލަ ނިކުތީ އަޅައަޅައިގަނެގެންނެވެ.
"ހޫމް- ހޫމް.. އަހަރެން މިއިނީ މާބަނޑުވެ ދުވަސްފުރެންވެފައި" ކާމިލް އަހަންނަށް މަލާމާތްކުރީ ފާޅުގަ އެވެ. އަހަރެންގެ ފަހަތުން ފާރަލުން ނޫން އެހެން މަސައްކަތެއް މީނާ ކުރާނެ ދުވަހެއް އަންނާނެބާ އެވެ؟ ގަބޫލުކުރަން ބޭނުންނުވިޔަސް ކާމިލް އެބުނަނީ ތެދެކެވެ. އެކަމަކު އަހަރެންގެ 'އީގޯ' ހުރިހައި އެއްޗަކަށްވުރެން މާ ބޮޑެވެ!
އޭނާގެ މޮޅު ވާހަކަތަކަށް އަހަރެންގެ ޝައުގުވެރިކަމެއް ނެތެވެ. އަޅައިނުލުމަށްވުރެން މޮޅު ފަރުވާއެއް މީގައި ނެތެވެ.
"ރިދީ؟" ބޭރުން ކޮންމެވެސް މީހަކު ރިދީގެ ނަމުން ގޮވާއަޑު އިވުނެވެ.
"ރިދީ؟"
މިތަނުގައި ރިދީ އެބައުޅޭ ހެއްޔެވެ؟ އަހަރެން ހީކުރީ މި ޕާޓީއަށް ރިދީ ނާންނާނެކަމަށެވެ. ކޮންމެއަކަސް ރިދީގެ ނަމުން ގޮވި އަޑު އިވުނު ދިމާއަށް ހިނގައިގަތީމެވެ.
"ހޫމް.. މިހާރު މިސްރާބު ތިޖަހަނީ ޒާޔާ ދިޔަ ދިމާލަށް.. ދޮގެއްތަ މި ބުނެވުނީ..؟" މަލާމާތްކުރުމުގައި ކާމިލްއާއި އެއްހަމައަށް އެހެން އިންސާނަކަށް ދަތުރުނުކުރެވޭނެކަމަށް ފުރަތަމަ ހެކިވާނެ އިންސާނަކީ އަހަރެންނެވެ. ކޮންމެ އެއްޗެއް ކިޔަސް ހެޔޮކަމމަށް އަހަރެންގެ މަންޒިލްފެނޭތޯ މިސްރާބަށް ދަތުރު ފެށީމެވެ.
ޕާޓީ ހޯލުތެރެ އަހަރެން ބަލައިފީމެވެ. އެތަނުގެ ބޭރުވެސް އަހަރެން ބަލައިފީމެވެ. ރިދީގެ އެއްވެސް ނިޝާނެއް ނެތެވެ. ކާމިލްގެ ހަރަކާތްތަކާއި މޫނުގެ ކުލަވަރަށް ބަލާއިރު ވިސްނާލަން ޖެހޭ ތަފާތެއް މިރޭ ފެނިއްޖެ އެވެ. ޔަގީނެވެ. ރިދީ މިތަނުގައި ވެއްޖެ އެވެ. ކުއްލިޔަކަށް ހިތަށްއެރި އެއްޗަކުން ޖެހިލުންވި އެވެ. އަހަރެން އެ އަންހެންކުއްޖާއާއެކު ވަނިކޮށް ރިދީއަށް ފެނުނު ބާ އެވެ؟
ނިއްކުރިއަށް ބަރުވުމުން ވިސްނުން ބަދަލުކުރީމެވެ. ފެނުނަސް، ނުފެނުނަސް އަހަންނަށް ކީއްހެއްޔެވެ؟ އަހަންނަށް ކޮންކަމެއް ހެއްޔެވެ؟
ކޮންމެއަކަސް، ސިކުނޑީގެ ވަސްވާހާއި އެއްކޮޅަށް ހުންގާނު އަނބުރާލީމެވެ. އަޒުމަކީ މުޅިތަން ހޯދައިގެންވެސް ރިދީ ފެނޭތޯ ބެލުމެވެ. ޕާޓީގެ އަޑު ނީވޭ ހިސާބަށް ޖެހިލީމެވެ. އެއްފަރާތުގައި އޮތީ ހުސްބިމެކެވެ. އަނެއްފަރާތުގައި އޮތީ ބޯކޮށްހެދިފައިވާ ގަސްތަކެވެ. ރޭގަނޑުގެ އަނދިރީގެ ތެރޭގައި އެދިމާއަށް ހިނގައިގަތީމެވެ. ލޮލުގައި އަޅައިގަތީ ސާފުކޮށްފައި އޮތް ހަނި މަގެކެވެ. ކުރިއަށްދިޔަވަރަކަށް ރާޅުގެ އަޑުއިވެންފަށައިފި އެވެ. އަހަރެންގެ ތަގުދީރު ގެންދިޔަ މިސްރާބަކަށް ދިއުމަށް ކުރިއަށް ހިނގީމެވެ.
ގޮނޑުދޮށުން ފޭބިވަގުތު އޭނާ ފެނިއްޖެ އެވެ. ކަނުއަނދިރީގައި އިނގިއްޔެއްގެ ނިޔަފަތި ފެނިލިޔަސް ރިދީ ފާހަގަކުރަން އަހަންނަށް އެނގޭނެ އެވެ. ރިދި އިނީ ފުރަގަސްދީގެންނެވެ. ރިދީ ލައިގެން އިން ހެދުން ފެނިފައި އަހަރެންގެ ދެ ބުމަ ގޮށްޖެހުނެވެ. ހުދު ކިރުފޮދެއްފަދަ ބުރަކަށި އޮތީ ހާމައަށް ފެންނާށެވެ. އަނދިރީގެ ތެރެއިންވެސް ހަނދުވަރުގެ އަލި ރިދީގެ ހުރިހައި ވަނާތަކެއް ހާމަކޮށް ދައްކައިދިނެވެ. ހުރިހައި ބައްޓަމެއްގެ މިންތަށް އެނގޭވަރަށް އެ ހެދުންވަނީ ރިދީގެ ގަޔަށް ހިފާފަ އެވެ. ފަން އިސްތަށިގަނޑު ކަނދުރާއިން އެއްފަރާތްކޮށްލާފައިވެ އެވެ. ހިތުގައި ޖަހައިލީ ހަސަދައިގެ ވިންދެކެވެ.
މިޒާތުގެ ހެދުން، ރިދީ ލާންފެށީ ކޮންއިރަކު ހެއްޔެވެ؟
އަހަރެންގެ ދެފައިގައި ތަޅެއް ނޭޅުވުނެވެ. ކައިރިއަށް ގޮސް ވާހަކަދައްކައިލުމުގެ ޝައުގުވެރިކަން ބޮޑުވި އެވެ.
"އާވްވވވ.. ބޭބީ ރިދީ ހަމަ އެކަނިމައި އެކަނި، ރޭގަނޑުގެ ކަޅު އަނދިރީގައި، ހަނދުގެ ހަނދުވަރުގައި، މޫދުގެ ލޮނުގަނޑާއި ސަމާސާކުރުމުގައި.." އަހަރެންގެ އިހްތިޔާރެއްނެތި ދުލުން މިބަސްތައް ނިކުތީ ނުވެސް ދަންނަ ރާގެއްގަ އެވެ. އއިހްސާސްވީ މަލާމާތާއި ފުރައްސާރަ އެވެ.
އޫޕްސް...! ކޮންމެ ފަހަރަކު މިހައި ހަރުކަށިކޮށް މުހާތަބްކުރަން އަހަރެންގެ ޒަމީރު މަޖުބޫރުކުރަނީ ކީއްވެހެއްޔެވެ؟ ފުރަތަމަވެސް މި ހެދުނީ ގޯހެކެވެ.
އަހަރެންގެ އަޑު އިވުމާއެކު އޭނާއަށް ލިބުނު ޝޮކް ފާޅުކޮށް ފެނުނެވެ. ފިކުރެއް ހިޔާލެއްނެތި މޫދުގެ ލޮނުގަނޑާއި ކުޅެމުންދިޔަ އަތް ވަގުތުން ހުއްޓުނެވެ.
"ވަޓް ދަ ** އީތަން މުހައްމަދު މަނިކު ..! ކީކޭ ހިތަށް އަރައިގެން މިތަނަށް ތިއައީ؟" އިސްއުފުލައި ބަލައިވެސް ނުލައި އޭނާ ބުނީ ހަރުކަށިކަމާއެކު އެވެ.
އޯހ..! ދި އިނޮސެންޓް ރިދީ އިމާދުވެސް އެފަދަ ބަސްތައް ބޭނުންކުރަން ފެށީހެއްޔެވެ؟ ޝައުގުވެރިކަމުގެ ކޮޅެއްވެސް ނެތެވެ.
ކިރިޔާ ގައިގައިޖެހޭނުޖެހޭވަރު ބަލާފައި ރިދީއާއި ޖެހިގެން އިން ޖޯލީގައި އަހަރެން އިޝީނީމެވެ. އަދި ހަމަ އޭނާއެކޭ އެއްގޮތަށް މޫދަށް ފައިލައިގެން އަތުން ލޮނުގަނޑާއި ކުޅެންފެށީމެވެ.
އަހަރެންނާއި ދިމާއަށް ދިރީ ބަލައިލީ ފަކުރު އެއްޗަކާއި ދިމާއަށް މީހަކު ބަލާލާނެފަދަ ގޮތަކަށެވެ. އަހަރެންގެ ގާތްވުން އޭނާއަށް ކަމުނުދިޔަކަން ދުލުން ބުނާކަށް ނުޖެހުނެވެ. (ނުނިމޭ)