ads
ކަރަންޓު އިގްތިސާދުކުރާނެ ގޮތާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ގުރައިދޫގައި ބޭއްވި ސެޝަންގެ ތެރެއިން
ރޯދަ މަހުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ ގަޑިތައް ސްޓެލްކޯއިން ހާމަކޮށްފި
ރޯދަ މަހުގެ ފުރަތަމަ ހަތް ދުވަހު މާލެއާއި ހުޅުމާލޭގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ ވަކި ގަޑިތަކެއް ހުންނަ ކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.
Advertisement

"އެކްސް" މެދުވެރިކޮށް ޝާއިއުކުރި ޕޯސްޓެއްގައި ސްޓެލްކޯއިން ބުނެފައިވަނީ ރޯދަ މަހުގެ ފުރަތަމަ ހަފުތާގައި ކަރަންޓު ބޭނުންކުރެވިފައިވަނީ އެއް ޕެޓާނަކަށް ކަމަށެވެ.

ކަރަންޓު ބޭނުންކުރާ މިންވަރު އެންމެ އިތުރުވަނީ ދެ ވަގުތެއްގައެވެ. ހެނދުނު 9 އިން މެންދުރު 1 އާ ދެމެދުގެ ވަގުތުތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެއެވެ. މި ވަގުތަކީ ހޫނު ގަދަވަމުންދާ ގަޑިތަކަކަށްވުމާއި އޮފީސް ގަޑިއަށްވުމުން ކަރަންޓު ބޭނުންކުރާ މިންވަރު އެއް ވަރަކަށް މަތިވެގެންދެއެވެ. އަދި މެންދުރު 1 އިން ހަވީރު 5 އާ ދެމެދުގައި ވެސް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެއެވެ. މިއީ ރޯދަ މަހުގައި ބަދިގޭގެ އެޕްލަޔަންސްތައް ގިނައިން ބޭނުންކުރާ ވަގުތަކަށްވާތީ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ހަވީރު 5 އިން ރޭގަނޑު 7 އާ ދެމެދުގައި ކަރަންޓު ބޭނުންކުރާ މިންވަރު ދަށްވި ނަމަވެސް، ރޭގަނޑު 7 އިން ދަންވަރު 12 އާ ހަމައަށް ވެސް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެއެވެ. މި ވަގުތުގައި ކަރަންޓު ބޭނުންކުރާ މިންވަރު ހުންނަނީ މެންދުރުގެ ލޯޑާ އެއްވަރެއްގައި ކަމަށް ސްޓެލްކޯއިން ފާހަގަކޮށްފައިވެއެވެ. އަދި ދަންވަރު 12 އިން ހެނދުނު 6 އާ ހަމައަށް ކަރަންޓު ބޭނުންކުރާ މިންވަރު ދަށްވާކަން ފާހަގަކުރިއެވެ.

ސްޓެލްކޯއިން ބުނެފައިވަނީ "ކަރަންޓު ބޭނުންކުރާ މިންވަރު އިތުރު ކަމަށް ފާހަގަކުރެވިފައިވާ ގަޑިތަކުގައި ކަރަންޓު އިގްތިސާދުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދޭ،" ކަމަށެވެ.

ރޯދަ މަހަކީ އާންމުކޮށް ކަރަންޓުގެ ބާވަތްތައް ގިނައިން ބޭނުންކުރާ މަހަކަށް ވާތީ، ކަރަންޓުގެ ބާވަތްތައް ބޭނުންކުރުމުގައި ވީހާވެސް ކަރަންޓުގެ ހަރަދު ކުޑަވާނެހެން ބޭނުންކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފައިވެއެވެ. 

މި ރޯދަ މަހުގައި ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓް ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާއިރު، ހުރިހާ ގޭބީސީއަކަށް ވެސް މަދުވެގެން 10 ޕަސަންޓުގެ ޑިސްކައުންޓް ލިބޭނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް