
މާލެ ސަރަހައްދުގައި މަސްދަޅު ކޭސް މިހާރު ބަހަމުން އަންނަނީ އެކަމަށް ހާއްސަކޮށް ގާއިމުކޮށްފައިވާ މަރުކަޒުތަކުގައި، އޮންލައިންކޮށް ޓޯކަން ދޫކޮށްގެންނެވެ. ޓޯކަން ނިޒާމަކަށް ބަދަލުކޮށްފައިވަނީ، ކިޔު ދިގުވެ، މީހުންގެ ޝަކުވާތައް ގިނަވުމުންނެވެ.
އާދަމް ޝަރީފް އެކްސްގައި ވިދާޅުވީ، މާދަމާގެ ނިޔަލަށް މަސްދަޅު ކޭސް ދޫކުރާނީ، އެކަމަށް ކަނޑައެޅިފައިވާ 13 މަރުކަޒު މެދުވެރިކޮށް ކަމަށެވެ.
އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބަހައި ނިންމުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް މިނިސްޓަރު ކުރިން ވަނީ ވިދާޅުވެފަ އެވެ.
ރޯދަ މަހު މަސްދަޅު ކޭސް ބެހުން ކުރިޔަށް ގެންދަނީ ރޭގަނޑުގެ ވަގުތުތަކުގަ އެވެ. މިހާރު މަސްދަޅު ކޭސް ބަހަނީ ކޮންމެ ރެއެއްގެ 21:30 އިން ފެށިގެން 23:30އާ ހަމައަށެވެ.
މި ރޯދަމަހަށް ސަރުކާރުން ދޭ ހަދިޔާއެއްގެ ގޮތުގައި ކޮންމެ ގޭބީސީއަކަށް ދޫކުރަނީ 48 ދަޅުގެ މަސްކޭހެވެ. މަސްދަޅު ކޭސް ބަހަނީ ކަރަންޓު މީޓަރު ނަންބަރަށެވެ. ގާތްގަނޑަކަށް ރާއްޖޭގެ 80،000 އަށް ވުރެ ގޭބީސީތަކަށް މަސްދަޅު ބަހާނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.