
'އައުޗް- އެބަލައިލުމުން ހިތުގައި ރިހުމެއް އުފެދިއްޖެ އެވެ.'
"ޔޫ!"
އަރައިރުންވެ، ކުރިމަތިލާން އަހަރެން ތައްޔާރުވީމެވެ. ފޫހި ވައްތަރެއް މޫނަށް ޖައްސާފައި ދެ ލޯމަރައިލީ އަހަރެންގެ އަޑުވެސް އޭނާގެ ކަންފަތަށް އަޒާބަކަށް ވާތީ ކަންނޭގެ އެވެ. އަހަރެންގެ މައްސަލައަކީ ކޮބައި ހެއްޔެވެ؟ ރިދީއާއި ދިމާއަށް އެއްޗެއް ބުނާއިރު، އެ އެއްޗަކާމެދު ވިސްނާލާފައި އަހަރެންގެ ދުލުން އެ އިބާރާތެއް ބޭރުކުރާނީ ކޮން ދުވަހަކުން ބާ އެވެ؟
އަހަންނާއި ދިމާއަށް ރިދީ ދެލޯ އަޅައިލީ ނުރުހުމާއެކު އެވެ. ކާމިލް އަހަންނާއި ދިމާކުރުމުން އޭނާ 'އިގްނޯރ' ކުރުމަކީ އަހަންނަށް ލިބޭ ހަމަޖެހުމެކެވެ. އެކަމަކު ރިދީ އަހަރެން 'އިގްނޯރ' ކުރުމަކީ ތަހަންމަލް ކުރަން އުނދަގޫ އިހްސާސެކެވެ. ކޮންމެ ގޮތެއްވިޔަސް މިހާލަތާއި ކުރިމަތިލާން އަހަރެން ގަސްތުކުރީމެވެ.
"ސޯ، ސްޓިލް ސިންގަލް... ހޫމް..؟" އަހަރެންގެ ރަސްމީ ސިފައިގައި، އެއްމިޔަކަނުން ހިނިއައިސްފައި މަލާމާތަށް ސުވާލުކޮށްލީމެވެ. ރިދީ ރުޅިއެރުވުމަކީ އަހަންނަށް އިންތިހާ އުފާލިބޭ ކަމެކެވެ. އެނާގެ ރުޅިމޫނާއި ކުދިކިޔުމުގެ ވަގުތުތަކުގައި އެ މޫނަށް އަރަމުންދާ ކުލަތަކަކީ ފިރިހެނަކު ދުވަހަކުވެސް ފޫހިވުމެއްނެތި ބަލަން ބޭނުންވާނެ ލޯބި ކަމެކެވެ. ރުޅި އަންނާނެ ފަދަ ކުދިކުދި އެތައް ގޯނާއެއް ކުރީމެވެ. ނަމަވެސް އެންމެ ފަހަރަކުވެސް އަހަރެންނާއި ދިމާއަށް ބަލައިނުލިނުލި އެވެ.
"ނޫނޭ.. ޓޫ މަންތްސް ޕްރެގްނަންޓް" ޖެހިލުމެއްނެތި ބުނެލި ޖުމުލައިން އަހަރެންގެ މޫނުގެ ކުލަވަރު ބުރައިގެން ދިޔަ އެވެ.
ނޫން.. ނޫން.. ރިދީ ބަނޑުބޮޑެއްނުވާނެ އެވެ. އަހަންނަކަށް ގަބޫލެއް ނުކުރެވޭނެ އެވެ. އަނެއްކާ..!!؟؟ އަހަރެންގެ 'ގޭމް' އަހަރެންގެ މައްޗަށް ކުޅެން ރިދީ ފައިނެގީބާ އެވެ؟ ފަސޭހައިން ދޫ ދިނުމަކީ އީތަން މުހައްމަދު މަނިކުގެ ތަބީއަތެއް ނޫނެވެ.
"ސޯ.. މެރިޑް..؟" އަހަރެންގެ ރަސްމީ ހައިބަތުގައި ހަށިގަނޑު ސީދާކޮށްލާފައި އަހައިލީމެވެ.
"ކަރެކްޝަން..، ހެޕިލީ މެރިޑް" ކަނޑުގެ ލޮނުގަނޑަށް ބަލައިލާފައި ރިދީ ބުންޏެވެ.
ހަމަ އެވަގުތު އަހަންނާއި ދިމާއަށް އެނބުރި މޫނަށް ބަލައިލި އެވެ. ސިކުންތެއްގެ ހަތަރުކަޅި ހަމަވުމަކަށްފަހު، ކޮޅަށްތެދުވެ، އަހަންނާއި ދުރަށް ދާން ހިނގައިގަތްފި އެވެ.
ހުރިހައި ގޮތަކަށްވެސް ރިދީ ތަފާތެވެ. މުޅިން ތަފާތެވެ. މިގޮތަށް ރިދީ މޭކަޕްކޮށްފައި ވަނިކޮށް އަހަރެން ނުދެކެމެވެ. އެކަމަކު މިރޭ ރިދީގެ މޫނައިގަވާ ވިދުމާއި ބެބުޅުމަކީ މޭކަޕްގެ ސަބަބުން ލިބިފައިވާ ރީތިކަމެއް ނޫނެވެ. އޭނާގެ ލޮލުގެ ހިމަކޮޅުން އައިލައިނަރ ދަމާލައި ސްޓައިލްކޮށްލާފައިވުމަކީ ކިތަންމެ އީމާންތެރި ފިރިހެނަކުވެސް ހިތުގެ ވިންދު ކޮންޓްރޯލުން ނުނައްޓާ މައިތިރިކުރެވޭނެ ރީތިކަމެއް ނޫނެވެ. މޫނުގެ ކޮންމެ ހަރަކާތެއް ގުޅިފައިވަނީ ހިތްގައިމު މޭކަޕާ އެވެ. އެއްބަސްވާން ބޭނުންނުވިޔަސް އެންމެ އިބާރާތަކުން މިރޭ ބުނެވޭނީ...
"ޝީ ލުކްޑް * ހޮޓް!" އަހަރެންގެ ދުލުން ނިކުތް އިބާރާތަކީ ހިތުގެ އަޑެވެ.
ފަސްއެނބުރި އެންމެ ފަހަރަކުވެސް އަހަންނާއި ދިމާއަށް ރިދީ ބަލާނުލަ އެވެ. އޭނާ ހުއްޓުވަން އަހަރެންވެސް މަސައްކަތެއް ނުކުރަމެވެ. ހިތަށް ތަދުވެއްޖެ އެވެ.
"ރިދީ" ކެތްނުކުރެވުމުން ގޮވާލީމެވެ.
އަހަރެންގެ އަޑަށް ހުއްޓުނެވެ. ފަސްއެނބުރި ބަލައެއް ނުލި އެވެ.
ޔަގީންކޮށްފައި ބުނަން ބޭނުމެވެ. ދެންމެ މި ގޮވާލި ގޮތަށް، އަހަރެންގެ އަޑުން 'ރިދީ'ގެ ނަން އަޑުއަހާލަން އޭނާވަނީ ކެތްމަދުވެފަ އެވެ.
"ޔޫ ލުކް ގޯޖަސް" ވިސްނާލުމެއް ނެތި ހިތުގެ އަޑު ދުލުން އިއްވާލީމެވެ.
ސާފުހިތުން އަހަރެންކުރި ތައުރީފަށް އޭނާ އަޅައިވެސް ނުލި އެވެ. އެއީ އަހަރެންނަށް ހައްގު މިންވަރުކަމަށް ގަބޫލުކުރަމެވެ. ފަސްއެނބުރި ބަލައިވެސް ނުލައި އޭނާ ކުރިއަށް ހިނގައިގަތެވެ. އަހަރެންގެ ހިތް ބަރުވެއްޖެ އެވެ. މެއަށް އުނދަގޫ ވެއްޖެ އެވެ.
"ރިދީ" އަނެއްކާވެސް އަހަރެން ގޮވައިލީމެވެ. ހުރި ފިޔަވަޅުމަތީގައި ހުއްޓުނެވެ. ފަސްއެނބުރި ބަލައިނުލި އެވެ.
"އަހަރެން ރިދީއަށް ތައުރީފްކޮށްފިން.." އަހަރެންގެ މޮޔަހިތުގެ އަޑު، ދުލުން އަނެއްކާވެސް އިއްވައިފި އެވެ. ފޮރުވުމެއް ނެތެވެ. އުއްމީދުގެ ރާގެއްގައި އަހަރެން ބުނީ، ހަނި ދިމާއަކުންވެސް އަލިމަގެއް ފެނޭތޯ އެވެ.
ކޮންމެވެސް އެއްޗެކޭ ބުނެ، ރިދީ އަހަންނާއި ވާހަކަދައްކުވަން ބޭނުމެވެ. ހަޅޭއްލަވާށެވެ. ތަޅާށެވެ. ޒުވާބުވެސް ކުރާށެވެ. އަހަރެންގެ ގަޔަށް ވެލިވެސް އުކަންވީ އެވެ. އަނގަމަތީގައި ގޮށްމުއްކަވާފައި ޖަހަން ބޭނުމިއްޔާ އެ ހުއްދަވެސް ދީފިމެވެ. އަހަރެންގެ އަބުރުވެސް ކަތިލާށެވެ. ދުލަށް އައިހައި އެއްޗެއް އަހަންނާއި ދިމާއަށް ކިޔާށެވެ. ދުރުގައި ތިބެންޖެހުނު ދިގުމުއްދަތުގެ ރިހުން އަހަންނާއި ދިމާއަށް ފޮޅާލަންވީ އެވެ. ކޮންމެ ކަމެއްވެސް ކުރަންވީ އެވެ. އެކަމަކު ރިދީގެ 'ހިމޭންކަން' އަހަންނަކަށް ތަހަންމަލެއް ނުކުރެވޭނެ އެވެ. އެވަރުގެ އަޒާބެއް އަހަންނަށް ނުދޭށެވެ!
ރިދީގެ ހިމޭންކަން، އަހަރެންގެ ގައިން ރޯހަން ދަމައިގަތުމަށްވުރެން ވޭން ބޮޑެވެ.
ރިދީގެ މާނޭވާއަޑު އަހަރެންގެ ކަންފަތާއި ހަމައަށް ފޯރިއެވެ. މަޑުމަޑު ވައިރޯޅިއާއެކު އެއީ ހާދަހައި ހިތްގައިމު މިއުޒިކެކެވެ. އޭނާގެ ދެ ލޯ ވައްކޮށް މޫނުމައްޗަށް މިވަގުތު ޖައްސާނެ ހުރިހައި ވައްތަރެއް އަހަންނަށް ސިފަކުރެވުނެވެ. އެކަމަކު ފަސްއެނބުރި ބަލައިވެސް ނުލައި ހިގައްޖެ އެވެ. ރިދީގެ ފިޔަވަޅުމަތިން އަހަރެންވެސް ހިގައިގަތީމެވެ. ލަދެއް ނެތި ބުނަމެވެ! އޭނާގެ ފަހަތުން ދާން މިރޭ އަހަރެން ބޭނުމެވެ.
....................
ޕާޓީހޯލަށް ދެމީހުންނަށް ވަދެވުނީ އެކުއެކީގައި ކަހަލަ ގޮތަކަށެވެ. އެކަމަކު އޭނާ ފަހަތުން އަހަރެން އަންނަކަމެއް ރިދީއަކަށް ނޭގޭނެ އެވެ. ހުރިހައި އެކުވެރިން ތިބީ ކޮންމެވެސް މަޖާ ވާހަކައެއްގަ އެވެ. އަހަރުމެން ދެމީހުން އެކުގައި ފެނުމާއެކު އެންމެންގގެ ދެފައިގައި ހިލިހިލާ އެޅުނުފަދަ އެވެ. ތިބިތަނަށް ގަނޑުވެފައި ތިބީ، އަތެއް ފަޔެއް ގުޑުވާވެސް ނުލަ އެވެ. އަހަރެން ހުރީ ރިދީގެ ފަހަތުގަ އެވެ.
"ހޫމްމްމްމ.." ހިފައިގެން ހުރި ކޯކްތަށި ރިދީއަށް ދިއްކޮށްލީ ***އިކާން އެވެ.
"ނޯ ވޭ އިކާން..! ރިދީ މިހާރު ކޯކް ނުބޯނެ..!" ޒުވާން ފިރިހެނަކު ބުނެލި އެވެ.
އެއީ ކާކުކަމެއް އަހަރެން ނުދަންނަމެވެ. މީގެކުރިން ދުވަހަކުވެސް އޭނާ ނުދެކެމެވެ. އެކަމަކު އެހެން ހުރިހައި އެންމެނާއެކު އޭނާ ފެނުނީ ވަރަށް އެކުވެރި، ގާތް ގޮތަކަށެވެ.
އެކަމަކު ސުވާލުއުފެދުނީ، ރިދީގެ ފޭވަރިޓް ކޯކް ނުބޯކަން އެ ޒުވާނާ އިއުލާންކުރީ ކީއްވެތޯ އެވެ؟
"މިހާރު ރިދީގެ ފޭވަރިޓަކީ ޕެޝަންފުރުޓް ޖޫސް" އަނެއްކާވެސް ތަފްސީލް ދިނީ ހަމަ އެޒުވާނާ އެވެ.
ރިދީގެ ފޭވަރިޓަކަށް ޕެޝަންފުރުޓް ޖޫސްވީ ކޮންއިރަކު ހެއްޔެވެ؟
"އީތަން... ކޯކް ބޭނުން..!؟" އަހަންނަށް ކޯކްތައްޓެއް ދިއްކޮށްލަމުން އިކާން އަހައިލި އެވެ. ވަގުތުން އަހަރެން އިންކާރުކުރީމެވެ. 'ފޭކް' ހިންޏަކުން އިކާން، އަހަންނަށް ޖަވާބުދިނީ ކީއްވެކަމެއް ނޭގެ އެވެ. އޮޅުވާލަން އޮތީ ނުވަތަ ސިއްރުކުރަންއޮތީ ކޮންކަމެއް ހެއްޔެވެ؟
އަހަންނާއި ރިދީއާއި ދެމެދު ހިނގާދިޔަ ކަންކަމާހެދި އިންތިހާއަށް އަހަރެންނަށް، އިކާން ނަފުރަތުކުރާކަން ސާފފުކޮށް އިގެ އެވެ. މަށަށް ކޮންކަމެއް ހެއްޔެވެ؟
ހަމައެވަގުތު، ޑީޖޭ ކުޅެމުންދިޔަ ލަވަ ބަދަލުކޮށްލައި ޕާޓީ ހޯލުގެ އަލި ފަނޑުކޮށްލި އެވެ. އެމީހެއްގެ ބައިވެރިޔާ އަތުގައި ހިފައިގެން މިސްރާބުޖެހީ ސްޓޭޖާއި ދިމާއަށެވެ.
"ހައު އެބައުޓް އައި ޑާންސް ވިތް މައި ގޯޖަސް ލޭޑީ؟" ރިދީގެ ކުރިމަތީގައި ކުރުނީސް ކޮށްލާފައި އެ ޒުވާނާ ސުވާލުކޮށްލީ ފިލްމީ ގޮތަކަށެވެ.
"މައި؟ ޑިޑް ހީ ޖަސްޓް ސޭ މައި؟" އަމިއްލަ ކަންފަތަށް ކިރިޔަކިރިޔާ އިވޭވަރަށް ސުވާލުކޮށްލެވުނީ އަމިއްލަ ނަފުސާ އެވެ.
"އެކަމަކު ބުނިންދޯ މިރޭ އަހަރެންގެ ޑޭޓްގެ ގޮތުގައި ރިދީ ގެންދިޔަޔަސް އެންމެ ރަގަޅޭ... ކިހިނެއް ތި ހެދީ..؟" ތުންކޮޅު އޫ ކޮށްފައި އިކާން ބުނެލި އެވެ. ހަމަ އެވަގުތު އިކާންގެ ދެ ކޮލުގައި ރިދީ ހިފާލީ ލޯބި ގޮތަކަށެވެ. މިމީހުން މިބައި ކުޅެންފެށީ ކޮންއިރަކު ބާ އެވެ؟
"ބަޓް ބްރޯ..! ޝީ އިޒް މައިން..!" ރިދީގެ މައްޗަށް ހައްގު އަދާކުރަމުން ޒުވާނާ ބުނެލި އެވެ. ރިދީގެ މައްޗަށް މި ޒުވާނާ އަމިއްލަ ހައްގު އަދާކުރާއިރުވެސް އެއްޗެއް ނުބުނި އެވެ. ކީއްވެ ހެއްޔެވެ؟ އެބުނުމަށް ދެކޮޅުނުހެދީ ކީއްވެ ހެއްޔެވެ؟
އިކާން، އަންޔާއަށް ހުށަހެޅި އިރެއްވެސް ނޭގުނެވެ. ދެމީހުން އަތުގައި ހިފައިގެން ގޮސް ސްޓޭޖަށް އަރައިފި އެވެ. މިތަނުގައި އެކަނިވެރިވެފައި ހުންނާން މިޖެހުނީ އަހަރެންނެވެ.
އަހަރެންގެ ލޯ އަމާޒުވެފައިވަނީ، ނުދަންނަ އެ ޒުވާނާއަށެވެ. ރިދީގެ އަތުގައި ހިފާލައިގެން ހުރީ ނުހަނު ގާތްގޮތަކަށެވެ. ލޭ ހޫނުވާން ފެށުމުން ގަމީހުގެ އެންމެ މަތީ ދެ ގޮށް ނައްޓުވައިލީމެވެ.
ވަށައިގެން ބަލައިލީމެވެ. އަހަރެންގެ ސަމާލުކަން ހުއްޓުނީ، މިރޭ ތަންކޮޅެއްކުރީން އަހަރެންގެ އަތުގެތެރޭގައި ގެންގުޅުނު އަންހެން ކުއްޖާއަށެވެ. އަތުކޮޅަށް ހޫރުވާލުމުންވެސް އޭނާގެ ހަރަކާތްތަކަށް ބަދަލެއް ނައެވެ. އޭނާގެ ވަނާތަށް ހާމައަށް އަހަންނަށް ދެއްކުމުގައި މިވަގުތުވެސް ހަމަ ކުރިއެކޭ އެއްފަދަ އެވެ. އަނގަޔާއި ލޮލުން އޭނާ ދެމުންދިޔަ އިޝާރާތްތަކަކީ އާދައިގެ އަންހެން ކުއްޖަކަށް ކުރަންކެރޭނެ ކަންކަމެއް ނޫނެވެ. އަންހެން ކުދިންގެ ހަގީގަތަކީ މިއީ ހެއްޔެވެ؟
އަހަރެންގެ ފަރާތުން ލިބުނު ލަދުވެތި ޖަވާބާއެކުވެސް އޭނާ އައިސް އަހަރެންގެ އަތުގައި ހިފައިގެން މިސްރާބުޖޖެހީ ސްޓޭޖަށެވެ.
އަހަރެންގެ މުޅި ގައިގައި އޭނާ އަތްކާއްތަމުން ދިޔައިރުވެސް އަހަރެން އޭނާ ނުހުއްޓުވަމެވެ. އަހަރެންގެ ލޮލަށް ސީދާ ބަލަމުން އޭނާ ކުރަމުންގެންދިޔަ ކަންކަމަކީ އެ ސްޓޭޖުގައި އެހެން ބަޔަކު ކުރާނެ ކަންކަމެއް ނޫންކަން އަހަންނަށް ކަށަވަރެވެ. އޭނާގެ ހަރަކާތްތައް ހުއްޓުވުމުގެ ވިސްނުމެއް މިވަގުތު ނުވެސް ނެތެވެ.
އަހަރެންގެ ހަށިގަނޑުން އޭނާ ބޭނުން އަރާމެއް ހޯދަންވީ އެވެ. އަހަރެންގެ ދެ ލޯ ހަމައެކަނި ހުއްޓިފައިވަނީ ރިދީ އާއި އެޒުވާނާގެ ހަރަކާތްތަކަށެވެ.
ޒުވާނާގެ ދެއަތުން ހިފަހަށްޓާލާފައިވަނި ދިރީގެ އުނގަނޑުގަ އެވެ. އޭނާގެ ގަޔާއި ރިދީ، ކައިރިކޮށް ފިއްތާލާފައިވަނީ އަހަރެންގެ ނޭވާހޮޅިން ނޭވާ ނުނިކުންނަ ވަރަށެވެ. އެ ޒުވާނާގެ މޭމަތީ ބޯއަޅާލައިގެން، މިއުޒިކާއި އެއްހަމައަށް ރިދީ އިންސާފުކުރަމުންގެނންދިޔައީ ދުނިޔޭގެ ހުރިހާ، ރިހުމަކުން އެއްކިބާވެފައިވާ ތުއްތުކުއްޖަކު ފަދައިންނެވެ.
ބަނޑަށް ދެމަހޭ ބުނެ، އަހަރެންގާތުގައި ރިދީ ހެދީ ތެދެއް ބާ އެވެ؟ ހަގީގަތުގައިވެސް ރިދީ ބަނޑުބޮޑު ބާ އެވެ؟ ރިދީގެ ފިރިމީހާއަކީ މި ޒުވާނާ ބާ އެވެ؟
ފިރިހެންވަންތަކަމުގެ އެއްވެސް ސިފައެއް ލިބިފައިނުވާ މި ޒުވާނާއާއި ރިދީ ކައިވެނިކުރީ ލޮލަށް މިރުސް އެޅިފައި ހުރެގެންބާ އެވެ؟
މިވަގުތުވެސް ރިދީ ވިސްނަމުންދާނީ އަހަރެންނާއިމެދުގައިކަން ޔަގީނެވެ. އޭނާގެ ލޯ މަރައިގެން ހުއްޓަސް، އަހަރެންގެ ލޯ އަމާޒުވެފައިވާނީ އޭނާއަށްކަން ޔަގީންވާނެ އެވެ. އެކަމަކު އެންމެ ފަހަރަކުވެސް ވަށްކަޅިންވެސް އަހަންނާއި ދިމާއަށް ރިދީ ބަލައިނުލަ އެވެ. ހިތަށް އެރިޔަސް އަހަރެންގެ ހިތަށް ތޫނު ހަތިޔާރަކުން ހަމަލާދިނުމެކޭ އެއްފަދަ އެވެ. އަހަރެންނަށް ރިދީގެ ސަމާލުކަން ނުދިނުމާއި، ރިދީގެ ހިމޭންކަމަކީ ތަހަންމަލް ކުރެވޭނެ ކަންކަމެއް ނޫނެވެ. މިއަށްވުރެން ބޮޑު އަނިޔާއެއް ދިރިހުއްޓައި އަހަންނަށް ނުދެވޭނެ އެވެ.
އަތުތެރޭގައި ހުރި އަންހެންކުއްޖާ މިއުޒިކާއި އެއްވަރަށް ހަށިގަނޑު ތެޅުވޭތޯ މަސައްކަތްކުރެ އެވެ. ކުރިއަށްވުރެންވެސް، އަހަންނާއި ގާތަށް ދަމައިގަނެ ގައިގައި ތަތްކޮށްލީމެވެ. އަދިވެސް މި ކުއްޖާއަށް ކިޔާނަންވެސް އަހަންނަކަށް ނޭގެ އެވެ. އެކަމަށް ޝައުގުވެރިކަމެއްވެސް ނެތެވެ. އަންހެންކުއްޖާއަށް ލިބުނު ކާމިޔާބުގައި އޭނާ ހީލި އެވެ. އެއަށްވުރެން 'ލޯބިކޮށް' އަހަރެންވެސް ހީލީމެވެ.
ހަމަޔަގީނުންވެސް މިހާރު ރިދީގެ ދެ ލޯ އަމާޒުވެފައިވާނީ އަހަންނާއި ދިމާއަށެވެ. މިއީ 'ފުރިހަމަ ޝޯއަކަށް' އެންމެ ރަގަޅު ވަގުތެވެ.
އަހަރެންގެ ތުންފަތް އެ ކުއްޖާގެ ކަނދުރާއަށް އަމާޒުކުރީމެވެ. ދެވުނު ހުރިހާ ގޯނާއެއް ޖެހިލުންވުމެއް ނެތި، އެންމެންގެ ހާޒިރުގައި އަހަރެން ކުރިއަށްގެންދިޔާމެވެ. އޭނާގެ ހަށިގަނޑުން ވާގިދޫވާން ފެށުމުން ނުހަނު ބާރަށް އަހަރެންގެ ގަމީހުގައި ހިފާފައި، ހިމާޔަތް ހޯދި އެވެ.
'ދުވަހަކުވެސް ރިދީގެ އިހްސާސްތަކަށް، ހާރޓްވާފަދަ ގޮތަކަށް، އެހެން އަންހެން ކުއްޖަކާއި ގާތްނުވާނެ ކަމަށާއި އެފަދަ އަމަލެއް އެހެން އެއްވެސް ކުއްޖަކާއެކު ނުހިންގާނެކަމަށް އަހަރެން ހުވާކޮށް ވައުދުވަން'
އަހަރެންގެ މޮޔަ ސިކުނޑި އަހަރެންގެ ކަންފަތުގައި ގުގުމާލީ މީގެ ދޮޅުއަހަރެއްހައިދުވަސް ކުރީން އަހަރެން ރިދީއަށް ވީ ވައުދެކެވެ. މިފަދަ އަމަލަކުން އިތުރަށް ކަންކަން ގޯސް ނުކުރުމަށް އަހަރެންގެ ހަވަނަ ހިއްސު އިންޒާރު ދިނެވެ. އަހަރެންގެ ދެ ލޯ މަރައި ތަގުޅި ކޮށްލީމެވެ. ފެންނަނީ އެންމެ މޫނެކެވެ. މެރިފައިވާ ދެލޮލުގައިވެސް ރިދީ ނޫން ސިފަ އެއް ނުވެ އެވެ.
"* ރިދީ އިމާދު، ވިތް ރޯޒީ ލިޕްސް..." އަހަރެންގެ އަމިއްލަ ފުރައްސާރަތައް އަހަރެންގެ ކުރިމަތީގައި ނިއުޅެންފެށި އެވެ. ދެކަންފަތުގައި އެހެން އަޑެއް ނެތެވެ.
ނުވާނެ އެވެ. އަހަންނަކަށް މިކަމެއް ނުވާނެ އެވެ. އަމިއްލަ ހިއްސުތަކަށް މަޖުބޫރުކޮށް ލޮލުން ބޮލުން އެދިގެންވެސް އެހެން އަންހެނަކާއެކު އަހަންނަކަށް ކެތެއް ނުވާނެ އެވެ. މިކަމެއް އަހަންނަކަށް ނުކުރެވޭނެ އެވެ. (ނުނިމޭ)