
މަޖިލީހުގެ ޖަލްސާގައި ފަލާހް ވިދާޅުވީ މި ސަރުކާރަކީ ބަހާއި އަމަލާ ދިމާނުވާ ސަރުކާރެއް ނޫން ކަމަށެވެ.
ފަލާހު މިހެން ވިދާޅުވެފައި މިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ހުޅުމާލެއިން ބިމެއް ގަނެގެން ސަރުކާރަށް ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ވަގުތެއްގައެވެ. އެ ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުން އެ ބިން ގަތުމަށް 14 ބިލިއަން ރުފިޔާ ޗާޕް ކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. މި ރިޕޯޓުތަކާ ގުޅިގެން ސަރުކާރުން އެއްވެސް ރަސްމީ ބަޔާނެއް އަދި ދީފައެއް ނުވެއެވެ.
ފަލާހް އިތުރަށް ވިދާޅުވީ، ރައްޔިތުންނަށް ކަންކަން އޮޅޭގޮތަށް ސިޔާސީ މަންފާއެއް ހާސިލްކުރުމަށް ދޮގު ވާހަކަތައް ނުފެތުރުމަށް އެދޭކަމަށެވެ.
މި މައްސަލައާ ގުޅިގެން ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވަނީ ސަރުކާރު ހިންގަން ފެށުމާއެކު ދައުލަތުން ފައިސާ ޗާޕްކުރުން ހުއްޓާލާފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރުގެ ޖޫން މަހު ރައީސް ވިދާޅުވީ ފައިސާ ޗާޕުނުކުރެއްވުމަކީ އެންމެ މުހިންމު ވައުދުފުޅު ކަމަށާއި، ފައިސާ ޗާޕުނުކޮށް 13 ބިލިއަން ރުފިޔާގެ ދަރަނި ދައްކާފައިވާ ކަމަށެވެ.
މި މަސައްކަތަކީ އުނދަގޫ ކަމެއް ނަމަވެސް، ފައިސާ ޗާޕުކުރުން ހުއްޓާލުމަކީ "ހިތި ބޭހެއް" ނަމަވެސް ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމެއް ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ. އަދި މި ނިންމުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ފަދަ ބޭރުގެ ފަރާތްތަކުން ވެސް ތައުރީފު ލިބިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.